އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކުގެ މައި އިދާރާ
އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކުގެ މައި އިދާރާ
ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކުން 7.3 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.

ޗައިނާ އިސްވެ އޮވެ، އެކި ގައުމުތަކުގެ އިންފްރާސްޓްރަކްޗާގެ މަޝްރޫއުތައް ހިންގުމަށް އެހީތެރިވެދޭ އިންވެސްޓްމެންޓު ބޭންކުން މި ފައިސާ ރާއްޖެއަށް ދެނީ ޕްރޮޖެކްޓް ފައިނޭންސިންގްއެއްގެ ގޮތުގައެވެ. މިއީ އެ ބޭންކުން ރާއްޖެއަށް ފޯރުކޮށްދޭ ފުރަތަމަ ޕްރޮޖެކްޓް ފައިނޭންސިން އެހީ ކަމަށް އޭއައިއައިބީން ބުނެއެވެ. މިއީ ވޯލްޑް ބޭންކުން ކޯފައިނޭންސް ކުރާ މަޝްރޫއެކެވެ.

އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭއައިއައިބީއިން ރާއްޖެއަށް ދޭ މި އެހީއަކީ ރާއްޖޭގައި ކޮވިޑް-19 ގެ ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމަށާއި ޕާސަނަލް ޕްރޮޓެކްޓިން އިކުއިޕްމަންޓް (ޕީޕީއީ) ހޯދުމަށް ދޭ އެހީއެއް ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާވެ، އަދި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ އެހީތެރިންނާއި މާހިރުންގެ ރައްކާތެރިކަން އިތުރުކުރެވޭނެކަމަށް އޭއައިއައިބީން ހާމަކުރެއެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނާއި ސިއްހީ އެކި މައްސަލަތައް ހުންނަ މީހުންފަދަ، ހައި ރިސްކް އާބާދީގެ ރައްކާތެރިކަން އިތުރުކުރެވޭނެކަމަށް އެ ބޭންކުން ބުނެފައިވެއެވެ. އޭއައިއައިބީގެ ވައިސް ޕްރެޒިޑެންޓް، އިންވެސްޓްމެންޓް އޮޕަރޭޝަންސް ޑީޖޭ ޕާންޑިއަން ވިދާޅުވީ މި ލޯނު އެހީ ރާއްޖެއަށް ދޫކުރަނީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ.

"އޭއައިއައިބީ މި އޮތީ ރާއްޖޭގައި އެންމެ ނާޒުކު އާބާދީ ރައްކާތެރިކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތަކާއި ގާބިލުކަން ހޯދުމަށް ދިވެހި ސަރުކާރަށް އެހީތެރިވެދިނުމަށް." އޭއައިއައިބީގެ ނައިބު ރައީސް ވިދާޅުވެފައިވެއެވެ.

ރާއްޖެއަށް ދޭ 7.3 މިލިއަން ޑޮލަރުގެ މި އެހީ ދެނީ އޭއައިއައިބީގެ ކޮވިޑް-19 ކްރައިސިސް ރިކަވަރީ ފެސިލިޓީގެ ދަށުން އުފެއްދި ހާއްސަ ފަންޑިންގް ވިންޑޯގެ ތެރެއިންނެވެ. ވޯލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ މެމްބަރުންނަށް އޭއައިއައިބީގެ ހާއްސަ ވިންޑޯގެ ތެރެއިން މި އެހީ ދެނީ ވަރަށް ކުޑަ އިންޓްރެސްޓް ރޭޓެއްގަގައެވެ. އެހެންކަމުން ރާއްޖެއަށްވެސް ލޯނުގެ ސަބަބުން އުފުލަންޖެހޭ މާލީ ބުރަ، ލުއި ވާނެކަމަށް އޭއައިއައިބީއިން ބުނެއެވެ.

ޖޫން މަސް ނިމޭއިރު އޭއައިއައިބީގެ ކްރައިސިސް ރިކަވަރީ ފެސިލިޓީގެ ދަށުން 11 ގައުމެއްގައި 13 މަޝްރޫއެއް ހިންގުމަށް 5.5 ބިލިއަން ޑޮލަރަށްވުރެ ބޮޑު އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. ރާއްޖޭގެ އިތުރުން އޭއައިއައިބީން އެހީ ދިން ގުއުމުތަކަކީި އިންޑިއާ، އިންޑޮނޭޝިއާ، ބަންގްލަދޭޝް، ޖޯޖިއާ، ފިލިޕީންސް، މޮންގޯލިއާ، ޕާކިސްތާން، އުޒްބެކިސްތާން، ކަޒަކްސްތާން އަދި ތުރުކީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން