އެފްއޭއެމް ގެ މައި އިދާރާ
އެފްއޭއެމް ގެ މައި އިދާރާ
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، (އެފްއޭއެމްގެ) ކަންކަމުގެ ތެރެއަށް ތިންވަނަ ފަރާތެއްގެ ނުފޫޒު ވަންނަ ކަމަށްވާ ނަމަ، ފީފާއިން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ދީފިއެވެ.

އެފްއޭއެމަށް ފީފާއިން ފޮނުވި ސިޓީގައި ބުނެފައިވަނީ އެ އިދާރާއަކީ ފީފާގެ ބެލުމުގެ ދަށުން ހިންގާ އިދާރާއެއް ކަމަށާއި، އެ އިދާރާގެ ކަންކަމަށް ތިންވަނަ ފަރާތަކަށް ނުފޫޒު ނުފޯރުވޭނެ ކަމަށެވެ. ސަރުކާރުން އެފްއޭއެމަށް އަތްބާނާނަމަ، ފުޓްބޯޅައިން ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމަށް ވެސް ފީފާ އިން ފޮނުވި އިންޒާރުގައިވެއެވެ.

ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނާއި އެއްގޮތަށް އެފްއޭއެމްއާ ދޭތެރޭގައި ފިޔަވަޅު އަޅާފައި ނުވާތީ، އެފްއޭއެމްއާ ދޭތެރޭގައި ޤާނޫނުގައިވާ ގޮތަށް ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާ، އެމައްސަލަ ބެލުމަށް އިޖުތިމާޢީ ކޮމިޓީއަށް ފޮނުވާފައެވެ.

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މިމައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ މިއީ ދިވެހިރާއްޖޭގައި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ކްލަބު ޖަމިއްޔާތަކާއި އެސޯސިއޭޝަން އަދި ފެޑެރޭޝަންތައް ރެގިއުލޭޓްކޮށް ފާރަވެރިވުމަށާއި، ކުޅިވަރާއި ބެހޭ ޤާނޫނުގެ ދަށުން ގާއިމުކުރެވިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ޤާނޫނީ ގޮތުން މަތިކޮށްފައިވާ ފަރާތްތަކުން އެފަރާތްތަކުގެ ޤާނޫނީ މަސްއޫލިއްޔަތު ފުރިހަމަގޮތުގައި އަދާކުރަމުން ނުގެންދާތީ މިހާރަށްވުރެ ބޮޑަށް ދައުލަތުން އެފަރާތްތަކަށް ސަމާލުކަން ދިނުމަށް އެދި ހުށަހަޅާ މައްސަލަ އެއް ކަމަށެވެ.

އާޒިމް ވިދާޅުވީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގައި ވާދަވެރި ގޮތުގައި ކުޅޭ އެންމެހާ ކުޅިވަރެއްގައި ހަރަކާތްތެރިވާ ކުލަބު ޖަމިއްޔާ އަދި އެސޯސިއޭޝަން ފަދަ ތަންތަން ރަޖިސްޓްރީ ކުރުމަށާއި އެފަރާތްތަކުގެ އަސާސީ އަދި ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން އެފަރާތްތައް އަމަލުކުރޭތޯ ފާރަވެރިވެ ކަނޑައެޅިފައިވާ އުސޫލުން އަމަލުނުކުރާ ފަރާތްތަކާއި މެދު ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އޮތް ހިނދު، ހަމަ އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގެ 34 ވަނަ މާއްދާގައި ބުނާ އަދަދަށް ކޮންމެ މަހަކު އެއްފަހަރު ހިންގާ ކޮމިޓީ ބައްދަލުވުން ބާއްވާފައިނުވުމާއި އަދި 83 ވަނަ މާއްދާގައި ބުނާ އެސޯސިއޭޝަންތައް އުފައްދާފައި ނެތުމުން ކްލަބު ޖަމިއްޔާ ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދުގެ 39 ވަނަ މާއްދާގެ (ހ) ގައި ޖަމިއްޔާ ރަޖިސްޓްރީކުރާ ތާރީޚުން ފެށިގެން ދެ އަހަރު ވާއިރު، ޖަމިއްޔާއަކުން ކުރަން ކަނޑައެޅިފައިވާ ކަންތައްތަކުގެ ތެރެއިން އެއްވެސް ކަމެއް ނުކުރާނަމަ ނުވަތަ އެއިން އެއްވެސް ކަމެއް ނުކޮށް ވިދިވިދިގެން ދެ އަހަރު ވެފައިވާނަމަ އެއެސޯސިއޭޝަންގެ ރަޖިސްޓްރޭޝަން ބާތިލްކުރެވުމުގެ ބާރު ސްޕޯޓްސް ކޮމިޝަނަރަށް ލިބިގެންވާ ކަމަށެވެ.

އެހެންކަމުން އެފްއޭއެމްގެ ހިންގާ ގަވާއިދު އަދި ކުޅިވަރުގެ ޤާނޫނާއި އަދި ފުޓްބޯޅަގެ މައި ޖަމިއްޔާ ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއަށް އެންގުމަށާއި އަދި މިއެންމެހާ ކަންކަމަށް އަމަލުކުރުމަށްފަހު މެނުވީ އެފްއޭއެމްގެ އިންތިޚާބު ނުބޭއްވުމަށް އެންގުމަށާއި އަދި ވަގުތުން ވަގުތަށް މިކަންކަން ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެދި މައްސަލަ ހުށަހަޅުއްވާކަމަށް އާޒިމް ވިދާޅުވިއެވެ.

ފީފާ އިން ރާއްޖެ ސަސްޕެންޑް ކުރަންޖެހިދާނެ ކަމުގެ އިންޒާރު ދިނީ އެމައްސަލަ އާއި ގުޅިގެންނެވެ. މިއީ ރާއްޖެއަށް ދެ އަހަރުގެ ތެރޭގައި ކުރިމަތިވި މިފަދަ ދެވަނަ އިންޒާރެވެ. މީގެ ކުރިން، 2018 ވަނަ އަހަރުގެ ފަހުކޮޅު، ކުޅިވަރާ ބެހޭ ވުޒާރާއިން އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބުތަކަށް ފުރުސަތު ނުލިބުނު މައްސަލަ ބަލަން ކޮމިޓީއެއް އެކުލަވާލުވުމުން އިންޒާރު ދިނީ އޭޝިއާގެ ފުޓްބޯޅަ ޖަމިއްޔާ، އޭއެފްސީންނެވެ. އެއާއެކު އެ ވުޒާރާއިން އެ މަސައްކަތް ވަނީ ހުއްޓާލާފައެވެ.

ކޮރޯނާވައިރަހާއި ގުޅިގެން ފަސްކުރި އެފްއޭއެމްގެ އިންތިޚާބީ ކޮންގްރެސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. ފީފާއިން ބުނީ މި ތާރީޚުގައި އެފްއޭއެމްގެ ކޮންގްރެސް ބޭއްވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ދިވެހިން

02-Jul-2020

އެފް އޭ އެމް އުވާލާ. ފީފާ އައް ތާއްކޭގެ ގާނޫން ތަކައްވުރެ މަތީގަ އުޅެވިގެން ވެސް ނުވާނެ.



ޓްރެންޑިން