އެމްއެމްޕީއާރްސީގެ ބޯޑު ޚިޔަނާތާއި ގުޅިގެން އެ އޮފީހުގައި ސަލާމަތީ ބާރުތަކުން އޭރު ހަރަކާތްތެރިވަނީ (ފައިލް ފޮޓޯ- ސޯޝަލްމީޑިއާ)
އެމްއެމްޕީއާރްސީގެ ބޯޑު ޚިޔަނާތާއި ގުޅިގެން އެ އޮފީހުގައި ސަލާމަތީ ބާރުތަކުން އޭރު ހަރަކާތްތެރިވަނީ (ފައިލް ފޮޓޯ- ސޯޝަލްމީޑިއާ)
މީގެ ފަސް އަހަރު ކުރިން ހިންގާފައިވާ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާ ގުޅިގެން މާލެ އާއި ހުޅުމާލޭގައި ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް މިއަދު ފަށައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ، އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ގުޅިގެން މާލެ އާއި ހުޅުމާލޭގެ ހަތަރު ތަނެއް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް އެބަގެންދާ ކަމަށެވެ.

އެ އޮޕަރޭޝަންގެ އިތުރު މައުލޫމާތު ހިއްސާ ކުރާނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ކަމަށް ފުލުހުން ބުނެ އެވެ.

ދާދި ފަަހުން ފުލުހުން ބުނެފައިވަނީ އެމްއެމްޕީއާރްސީ ފައިސާ ލިބުނު ފަސް ފުލުހެއްގެ ތަހުގީގު ފަށާފައިވާ ކަމަށެވެ. އެގޮތުން އެއީ ފުލުހުންގެ ވަޒީފާގައި މިވަގުތު ތިބި ފަސް ފުލުހެއް ކަަމަށާއި، އެ މީހުންގެ ޖިނާއީ އަދި އިދާރީ ތަޙްޤީޤެއް ހިންގަމުންގެންދާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ މައްސަލަ ތަޙްޤީޤު ކުރަމުން ގެންދާތީ ފަސް ފުލުހުން ވެސް ތިބީ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުން މަންފާ ލިބުނު ކަމަށް ތަހުގީގީ އިދާރާތަކުން އެކުލަވާލައި މިދިޔަ އޮކްޓޯބަރު މަހު އާއްމުކުރި ލިސްޓުގައި 267 މީހަކު ހިމެނެ އެވެ. އޭގެ ތެރޭގައި މި ސަރުކާރުގެ މިނިސްޓަރުންނާއި އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ސަލާމަތީ ބާރުތަކުގެ އޮފިސަރުން ހިމެނެ އެވެ.

ޚިޔާނާތުގައި އެންމެ އިސްކޮށް އުޅުއްވީ ގޭބަންދުގައި މިހާރު ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކަމަށް ފުލުހުން ބުނެއެވެ. އަދީބުގެ އިތުރުން މި މައްސަލައިގައި އިސްކޮށް ދެން ހިމެނޭ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް ހުންނެވީ ގޭބަންދުގަ އެވެ. މި ޚިޔާނާތުގައި އެންމެ ބޮޑަށް ތުހުމަތުކުރެވުނު ބޭފުޅުންގެ ތެރެއިން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަންޏެވެ. އެމަނިކުފާނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ މައްސަލައެއްގަ އެވެ.

ދާދިފަހުން ޕީޖީ ޝަމީމް ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ ފައިސާ ބޮޑެތި ސިޔާސީ ޕާޓީތަކާއި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ވަރަށް ގިނަ ފަރާތްތަކަށް ލިބިފައިވާ ކަމަށެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ 1.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޚިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރިކަވަރީ ކޮމިޝަނުން ބައިވެރިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން