ޒަހީނުއްދީން ސަޢީދު   2 ޖުލައި 2020 - 3:10
އީ-ކައުންސިލްގެ "ގެމަން" ނިޒާމު ތައާރަފު ކުރުން
އީ-ކައުންސިލްގެ "ގެމަން" ނިޒާމު ތައާރަފު ކުރުން
އީ-ކައުންސިލްގެ "ގެމަން" ނިޒާމުގެ ދަށުން ރާއްޖޭގައި އަލަށް އުފަންވާ ކުދިންގެ ރަޖިސްޓްރީއާއި އުފަންދުވަހުގެ ސެޓްފިކެޓް 24ގަޑިއިރު ތެރޭގައި ލިބޭގޮތަށް ހަމަޖައްސައިފިއެވެ.

އީ-ކައުންސިލްގެ "ގެމަން" މޮޑިއުލަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އިސްނެގުމުގެ މަތިން މާލެ ސިޓީ ކައުސިލާއި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ އެންސީއައިޓީއާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގުޅިގެން ޤާއިމްކޮށްފައިވާ ޚިދުމަތެކެވެ.

"ގެމެން"މޮޑިއުލް ތަޢާރަފްކުރުމަށް ސްޓެލްކޯގައި މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ގެމަން މޮޑިއުލް ތަޢާރަފްކުރުމާއެކު ރާއްޖޭގައި ވިހާ ކުދިންގެ ރަޖިސްޓްރީއާއި އުފަން ދުވަހުގެ ސެޓްފިކެޓް ހެދުމުގެ މަސައްކަތް މިހާރު މިވަނީ ޑިޖިޓަލް ވެފައެވެ.

އެގޮތުން ކޮންމެ ކުއްޖަކު އުފަންވާ ހިސާބުން އެކުއްޖަކު، އުފަންވާ ހޮސްޕިޓަލުން ފޫޅުމައި ފޯމް އޮންލައިންކޮށް "ގެމަން" މޮޑިއުލަށް އަޕްލޯޑުކުރުމުން ކަމާބެހޭ ފަރާތްތަކުން ކުއްޖާގެ ރެޖިސްޓްރީއާއި އުފަން ދުވަހުގެ ސެޓްފިކެޓް ހަދާނެއެވެ. "ގެމަން" މޮޑިއުލް މިވަގުތު އަދި ބޭނުންކުރާނީ ހަމައެކަނި މާލޭގައެވެ. އެހެންނަމަވެސް ވަރަށް އަވަސް މުސްތަޤުބަލެއްގައި މިޚިދުމަތް އަތޮޅުތަކުގެ ރަށްރަށުގައިވެސް ދޭނެކަމަށް އެލްޖީއޭއިން ބުނެއެވެ.

އުފަންވާ ކުދިންގެ މަޢުލޫމާތުގެ އިތުރުން މަރުވާ މީހުންގެ މަޢުލޫމާތާއި އޭގެ ތަފްސީލްވެސް ކަމާބެހޭ ފަރާތްތަކުން ދަނީ ވަގުތުން މިސިސްޓަމަށް އަޕްޑޭޓްކުރަމުންކަމަށް އެލްޖީއޭ އިން ބުނެއެވެ.

މި މޮޑިއުލް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ އަލަށް އުފަންވާ ކުދިން ރަޖިސްޓްރީ ކުރުމާއި އުފަން ދުވަހުގެ ސެޓްފިކެޓް ހެއްދުމުގައި ޢާއްމު ރައްޔިތުން މިހާތަނަށް އުފުލަމުންދިޔަ ތަކުލީފު، "ގެމަން" މޮޑިއުލްގެ ސަބަބުން، ވަރަށްބޮޑަށް ކުޑަވާނެކަމަށެވެ.

"ހުރިހާ ގޭގޭ ރަޖިސްޓްރީ ލިޔެކިއުންތައް މިދަނީ އަޅަމުން. ގޭގައި ރަޖިސްޓްރީ ކުރަންވެސް، ބާތު ސެޓްފިކެޓް ހަދަންވެސް ފިޔާތޮށި ރަޖިސްޓްރީ ހޯދަން ނުޖެހޭނެ. އަތޮޅުތެރޭ ވިއުގައާ ގުޅުނީމަ، މިހާރު ކުރާ މަސައްކަތް ކޮންމެ ރަށަކަށް މައުލޫމަތު ހޯދަން ކުރާ މަސައްކަތް ފަސޭހަ ވާނެ، 24 ގަޑިއިރު ތެރޭގައި ރަޖިސްޓްރޭޝަން އަދި އުފަންދުވަހުގެ ސެޓްފިކެޓް ހަދާ ނިމޭނެ. މިއަދުން ފެށިގެން މާލޭގައި ވިހާ އެއްވެސް ކުއްޖަކު ފޫޅުމައި ފޯމު އުފުލަން ނުޖެހޭނެ، އައިޑީކާޑު އަސްލު ގެންނަން ނުޖެހޭނެ އެލްޖީއޭގެ ފަރާތުންނާއި އެންސީއައިޓީގެ ފަރާތުން ކައުންސިލްގެ މި ވިއުގަ މެދުވެރިކޮށް ދެން އެޚިދުމަތްތައް ފަސޭހައިން ލިބޭނެ." ސިފާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދެއްކެވި އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް އަޙްމަދު ވިދާޅުވީ މިއީ ދުވަހުން ދުވަހަށް ޤައުމުގެ އާބާދީގެ އަރުޝީފް ޑިޖިޓަލްކޮށް އަޕްޑޭޓްވެ، ރައްކާތެރިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން