ފުލުހުންގެ ބިލު ދިރާސާކުރައްވާ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މެންބަރު، ޢަލީ ނިޔާޒް މިރާގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ
ފުލުހުންގެ ބިލު ދިރާސާކުރައްވާ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މެންބަރު، ޢަލީ ނިޔާޒް މިރާގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ
ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ފުލުހުންގެ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންޖެހޭ ގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލަށް އިޞްލާހެއް ހުށައަޅައިފިއެވެ.

މި އިޞްލަޙު ހުށައަޅާފައިވަނީ ބަންޑާރަ ނާއިބުގެ އޮފީހުންނެވެ. ދިވެހި ފުުހުންގެ ޚިދުމަތުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ފުލުހުންގެ ބިލު ދިރާސާކުރައްވާ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މެންބަރު، ޢަލީ ނިޔާޒް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ބޮޑެތި އިޞްލާޙުތަކެއް ގެންނަންޖެހޭކަން ފުލުހުންނާއި ގިނަ މުއައްސަސާތަކުން ޤަބޫލުކުރާކަން ކޮމިޓީއަށް ފާހަގަކުރެވިފައިވާކަމަށެވެ.

ނިޔާޒް ވިދާޅުވީ، ފުލުހުން ހިންގާ އޮޕަރޭޝަންތަކާއި ފުލުހުންކުރާ ކަންކަން ޖަވާބުދާރީކޮށް ބެލުމަށް ފުލުހުންގެ މުއައްސަސާތަކުގެ އެތެރޭގައި މިހާރު އޮންނަ ނިޒާމުގެ އިތުރުން، އެ މުއައްސަސާގެ ބޭރުން ފުލުހުން ޖަވާބުދާރީކުރުވޭނެ ނިޒާމެއް އޮންނަންޖެހޭކަމަށެވެ.

އެގޮތުން ބަންޑާރަ ނާއިބުގެ އޮފީހުން ހުށައެޅި 41 އިޞްލާޙުގެ ތެރޭގައި އެފަދަ އިޞްލާހެއްވެސް ހިމެނޭކަން ފާހަގަކުރައްވާ ޢަލީ ނިޔާޒް ވިދާޅުވީ، އެ އިޞްލާޙުތަކުގެ ތެރޭގައި ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ފުލުހުންގެ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންޖެހޭ އިސްލާހެއް ހުށައަޅާފައިވާ ކަމަށެވެ. އަދި ކޮމިޝަނަރ އޮފް ޕޮލިހާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢައްޔަނުކުރާނީވެސް އެ ބޯޑުންކަމަށް، އިސްލާހުގައިވާ ކަމުގައި ނިޔާޒް ވިދާޅުވިއެވެ. މިހާރު ޤާނޫނުގައި ވާގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.

"ކޮމިޓީއަށް އެކި މުއައްސަސާތަކުން ވަޑައިގެން ދެއްވާ ޚިޔާލު މިހުރީ އެއް މިސްރާބަކަށް. ފުލުހުންގެ މުއައްސަސާ އިސްލާހު ކުރަންޖެހޭކަމަށާ ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭކަން ފުލުހުންނާއި އެނޫންވެސް މުައްސަސާތަކުން ހިއްސާކުރި މައުލޫމާތުން އެނގޭ. ރަނގަޅު މިސްރާބަށް މިހުރީ. މިކަމަށް ރަނގަޅު އެކްސްޕާޓުންގެ ޚިޔާލު ހޯދާނަން. ފަހަރުގަ ކޮމިޓީ ނުވެދާނެ އެކްސްޕާޓުންކަމަށް. ނަމަވެސް އެކްސްޕާޓުންގެ ޚިޔާލު ހޯދާނަން. ރައްޔިތުންގެ ޚިޔާލުވެސް ހޯދާނަން." ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ، އަލަށް އެކުލަވާލާ ފުލުހުންގެ ޤާނޫނުގެ ސަބަބުން ފުލުހުންގެ ޚިދުމަތާއި، ރައްޔިތުން ފުލުހުންނާމެދު ދެކޭ ގޮތް ބަދަލުކޮށް ފުލުހުންގެ ޚިދުމަތަށް އޮންނަ ޔަޤީންކަން ކަށަވަރުވެގެންދާނެކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ޞަބާޙް ވަނީ، ފުލުހުންގެ ބޯޑެއް އުފެދިގެން ދިއުމަކީ ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ފޯރުވާކަމަށް ކުރެވޭ ތުހުމަތުތަކަށް ބަދަލުތަކެއް އަންނާނެކަމެއްކަން ފާހަގަ ކުރައްވާފައެވެ. ސަބަބަކީ ފުލުހުންގެ ބޯޑުގައި އެކި ދާއިރާތަކުގެ ޕްރޮފެޝަނަލް ބޭފުޅުން ތިއްބަވާނެތީކަމަށާއި، އޭގެ ތެރޭގައި ޤާނޫނީ ދާއިރާއިންނާއި، ޢާންމުންގެ ތެރެއިންނާއި އެނޫންވެސް ދާއިރާތަކުން ބޯޑުގައި މެންބަރުން ހިމެނިވަޑައިގަންނަވާނެކަމަށް ޔޫނުސް ވިދާޅުވިއެވެ.

"ފުލުހުން ޖަވާބުދާރީކުރުވުމަށް އުފެދޭ ފުލުސް ބޯޑަކީ ފުލުހުން ޖަވާބު ދާރީކުރުވުމަށް އިތުރު މަރުހަލާއެއް މިއުފެދެނީ. މުޖުތަމަޢުގެ ތެރެއިން ޕްރޮފެޝަނަލް މީހުން ތިބޭނެކަމަށް، ތަމްސީލްވާނެކަމަށް ބެލެވެނީ. މި ބޯޑަކީ ހަމައެކަނި ފުލުހުން ހިންގާ ތަޙްޤީޤުތަކާއި ގުޅޭގޮތުން ޖަވާބުދާރީކުރުވުމުގެ އިތުރުން ފުލުހުންގެ ޕާފޯމަންސްއަށްވެސް ޖަވާބުދާރީ ކުރުވަންޖެހޭ. އެގޮތުން ފުލުހުންގެ ވެލްފެއާއާއި ފުލުހުންގެ ހޭދައާއި، ބަޖެޓާއި ގުޅޭގޮތުންވެސް. ބޯޑު އުފެދުމުން ހާމަކޮށްދޭންޖެހޭ ކިހިނެއްކަން ޕާފޯމް ކުރަންޖެހޭނީ. ފުލުހުންގެ ޕާފޯމަންސް އިތުރުވެގެންދާނެ ނިޒާމަކަށްވާނެކަމަށް ޤަބޫލުކުރެވެނީ." ޔޫނުސް ޞަބާޙް ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތުގެ ބިލަށް ގެނައުމަށް ހުށަހަޅަފައިވާ އިސްލާޙުތަކުގެ ތެރޭގައި ފުލުހުންގެ ރޭންކުތަކުގެ ޢަދަދުވެސް މިހާރުއޮތް ޢަދަދަށްވުރެ މަދުކުރުން ހިމެނެއެވެ. އެގޮތުން ފުލުހުންގެ ރޭންކުތަކުގެ ޢަދަދު 12އިން 11އަށް ދަށްކުރުމާއި، ފުލުހުންނަށް ރާއްޖެއިން ބޭރުގައި ހެކި ހޯދުމުގެ ބާރު ދިނުންވެސް ހިމެނެއެވެ. އަދި ފުލުހުން ޢަމަލުކުރާ ޤަވާއިދުތަކާއި އިދާރީ ޤަވާއިދުތައް ހެދުމުގެ ބާރު ހޯމް މިނިސްޓަރަށް ލިބިދޭގޮތަށް ވަނީ ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން