މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު ޢުމަރު
މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު ޢުމަރު
ރައްޔިތުން މަޖިލިހުގެ ވަކިވަކި މެންބަރުންތަކަކާ ދެކޮޅަށް ފުލުހުންގެ ތެރެއިން ބަޔަކު އޮޕަރޭޝަނެއް ހިންގަން އުޅޭ ކަމަށް ރައީސް ނަޝީދު ތުހުމަތުކުރައްވާ މައްސަލާގައި ކޮމިޝަނަރ އޮފް ޕޮލިސް ބަސްފުޅެއް ވިދާޅުވާންޖެހޭ ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. 

މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު ޢުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުށުގެ ވެށިން ނޫން ގޮތަކަށް ފުލުހުން އޮޕަރޭޝަނެއް ހިންގާނީ މަތިން އެކަމަށް އަމުރެއް ލިބުމުން ކަމަށެވެ. އަދި ފުލުހުންގެ "ކުދިންކޮޅަކަށް" އަމިއްލައަށް ތަހުގީގީ އޮޕަރޭޝަންތަކެއް ނުހިންގޭނެ ކަމަށްވެސް ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުން ފުލުހުން ޤަވާޢިދާ ޚިލާފަށް އޮޕަރޭޝަނެއް ހިންގަން އުޅޭ ކަމުގައި ދޭހަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެކަމުގައި ފުލުސް ކޮމިޝަނަރު މުޙައްމަދު ޙަމީދު (އެމްސީ) ބަސްފުޅެއް ވިދާޅުވުމަކީ ކުރައްވަން ޖެހޭ ކަމެއް ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

ރައްޔިތުން މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ ޚިދުމަތާ ބެހޭ އައު ބިލެއްގެ މަސައްކަތް މަޖިލިހުން ކުރަމުންދާ މިދަނޑިވަޅުގައި ބައެއް ފުލުހުން މަޖިލިހުގެ ބައެއް މެންބަރުންނަށް އަމާޒުކޮށް ކަންތައްތަކެއް ކުރަން އުޅޭ ކަމުގެ މައުލޫމާތު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމައުލޫމާތު ލިބިވަޑައިގެންނެވި ގޮތެެއް ރައީސް ނަޝީފު ހާމައެއް ނުކުރައްވައެެވެ.

"އަޅުގަނޑަށް ވަރަށް މައުލޫމާތު ލިބޭ އެބަ، ފުލުހުންގެ ތެރެއިން މަދު ކުދިންކޮޅެއް ރައްޔިތުންގެ މަޖިލީހުގެ ވަކިވަކި މެންބަރުންގެ އެކިއެކި ކަންކަން ރެއިޑް ކުރުމަށް، ބެލުމަށް، މަސައްކަތް ކުރަމުންދާ ކަމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުން މަޖިލިހުގެ ވަކިވަކި މެންބަރުންތަކަކާ ދެކޮޅަށް ފުލުހުންގެ ތެރެއިން ބަޔަކު އޮޕަރޭޝަނެއް ހިންގަން އުޅޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނިކޮށް އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ މައްސަލައިގައި މާލެ އާއި ހުޅުމާލޭގެ ބައެއް ތަންތަަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ރޭ ވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން