ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު
ރާއްޖެއަކީ މިސަރަހައްދުންވެސް އެންމެ ފުރަތަމަ އެންމެ ރައްކާތެރި ގޮތުގައި ބޯޑަރު ހުޅުވާލާ އެއް ޤައުމުކަމަށް ދުނިޔޭގެ ފަތުރުވެރިކަމާބެހޭ އިދާރާއިން ފާހަގަކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޤައުމީ ސަލާމަތާއި، ހާރިޖީ ގުޅުންތަކާއިބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެންމެފަހުން އޮތް ކޮމިޝަން އޮފް އީސްޓް އޭޝިއާ އެންޑް ޕެސިފިކް އަދި ކޮމިޝަން އޮފް ސައުތް އޭޝިއާގެ ރިޔާސަތުގައި ރާއްޖެ ތަމްސީލް ކޮށްފައިވާކަމަށެވެ. އަދި ރާއްޖެއަކީ މިސަރަހައްދުގައިވެސް އެންމެ ފުރަތަމަ ބޯޑަރު ރައްކާތެރި ފިޔަވަޅުތަކާއިއެކު ހުޅުވާލާ އެއް ޤައުމުކަމަށް މިބައްދަލުވުމުގައި ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓްރީ ޖެނެރަލް ފާހަގަކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދިވެހިރާއްޖެއިން ހުޅުވާލާ ހުޅުވާލުމުގައި ސަލާމަތީ ރައްކާތެރި މާހައުލެއް ޤާއިމްކުރެވިފައިވާނެ ކަމުގެ ޔަޤީންކަން ދެން. އަޅުގަނޑުމެންގެ ޤައިޑްލައިން ހެދިފައިވަނީ ޑަބްލިއުއެޗްއޯ އާއި ޔޫއެންޑަބްލިއުޓީއޯގެ ޔުނިވާރސަލް ގައިޑްލައިންގެ މިންގަނޑުތަކާއި އެއްގޮތައް. އަދި ރާއްޖޭގައި އަޅުގަނޑުމެން ނިންމާފައިވާނީ ކޮންވީނިއަންސް އާއި ސޭފްޓީގެ ބެލެންސްއެއް ހޯދުމަށް. އެހެންވެ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ސިމްޓޮމެޓިކް މީހުން ޓެސްޓުކުރާނެ. ރެންޑަމް ޕީސީއާރު ސާންޕްލިން ޓެސްޓުވެސް ހަދާނެ. މިކަމާބެހޭ ޑްރިލެއް މިމަހުގެ 8 ގައި އެއަރޕޯޓުގައި ކުރިޔަށްދާނެ." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށާއިރު މިއީ ފަތުރުވެރިންނަށް ރައްކާތެރި، ފަސޭހަ މަންޒިލަކަށް ހަދާނެކަމުގެ ޔަޤީންކަން އަލީ ވަހީދު ވަނީ ދެއްވާފައެވެ. އަދި ކޯވިޑް-19އާ ދެކޮޅަށް ކުރެވުނު މައްސައްކަތާއެކު ޤައުމުން ހޯދި ކުރިއެރުންތައް ނުގެއްލޭނެހެން ހުރިހާކަމެއް ތަރުތީބު ކޮށްފައިވާކަމުގެ ޔަޤީންކަން މެންބަރުންނަށް މިނިސްޓަރ ދެއްވިއެވެ. ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާއިރު، ޤައުމަށް ފަތުރުވެރިން ގެނައުމުގެ މަސައްކަތް މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއާއެކު ކުރަމުންދާއިރު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް ބޭރު ޤައުމުތަކުގައި ހުންނަ މިޝަންތަކުގެ އެހީތެރިކަން މިކަމުގައި ހޯދަމުންދާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ވެރިންނާއެކު ބައްދަލުކޮށް މިތަންތަން މެދުވެރިކޮށް ރާއްޖެ ހުޅުވާލުމުގެ ކަންތައްތަކުގެ ތަފްސީލް އެޤައުމުތަކަށް ހިއްސާކުރަމުންދާކަމަށެވެ. އަދި ރާއްޖެއަށް ދަތުރުކުރާ ބައިނަލްއަޤްވާމީ އެއަރލައިންތަކާއިއެކުވެސް ގިނަ މަޝްވަރާތަކެއް ކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޖުލައި 15ގައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށް ތައްުޔާރުވަމުންދާއިރު، ފަތުރުވެރިން އަލުން ގެނައުމަށް ރާއްޖެ އިޝްތިހާރުކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން