ނެޝަނަލް އެމަޖެންސީ އޮަޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްގައި މިނިސްޓަރ ވާހަކަ ދައްކަވަނީ
ނެޝަނަލް އެމަޖެންސީ އޮަޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްގައި މިނިސްޓަރ ވާހަކަ ދައްކަވަނީ
ރާއްޖޭގައި ކޯވިޑް-19 ގެ ހާލަތު އިތުރަށް ގޯސްނުވެ ހިފަހައްޓާލެވޭނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތްތައް ހުއްޓާލިކަން އިއުލާނުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ، ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ މަސައްކަތްތައް ހުއްޓާލި ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން ކުރަންޖެހޭ ހުރިހާކަމެއް ވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ދާނެ ކަމަށެވެ. އޭގެތެރެއިން ފަރުވާ ދިނުމުގެ މަސައްކަތްތަކާއި ހޭލުންތެރިކަން އިތުރުކުރުމާއި، ގައިޑްލައިންތަކާއި، ރާއްޖެއިން ބޭރުގެ ކަމާ ބެހޭ ފަރާތްތަކާއި އޮންނަން ޖެހޭ ގުޅުމާއި، ހޯދަންޖެހޭ އެހީތައް ހީދުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ.

އެހެންކަމުން ވޭތުވެދިޔަ ތަނުގައި ކުރެވުނު ތަޖްރިބާތަކަށް ބަލާއިރު، ނިއު ނޯމަލްގައި ކޮންމެ ވެސް ވަރަކަށް ކޭސްތައް އިތުރުވެގެން ދިޔަނަމަވެސް މެނޭޖްކޮށް ހިފަހައްޓާލެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާލަތަށް އާދެވިފައި މިތިބީ އިންތިޒާމްތަކެއް ދަށުން އޮޕަރޭޝަނެއްގެ ގޮތުގައި ކުރިއަށް ގެންދިޔައިމަ. އިރާދަކުރެއްވިއްޔާ މި ކުރެވުނު ތަޖްރިބާތަކާއި އެކު އިތުރަށް ގޯސްނުވެ ކުރިއަށް ގެންދެވޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ." މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ކޯވިޑް19 ގެ ހާލަތު މިވަރަށް ކޮންޓްރޯލް ކުރެވިފައިވަނީ ރައްޔިތުންގެ ފަރާތުން ލިބެމުންދިޔަ އެއްބާރުލުމާއި އެކީގައި ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ކަމާބެހޭ ފަރާތްތަކުން ދެއްވަމުންގެންދާ އިރުޝާދުތަކަށް ތަބާވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

ރާއްޖެއިން ކޯވިޑް-19 ކޮންޓްރޯލްކޮށް ބޮޑެތި ލުއިތަކާއި އެކު ނިއު ނޯމަލް އަށް އަމަލު ކުރުމަށް އިއްޔެ ވަނީ ފަށާފައެވެ.

ނިއުނޯމަލް އަށް އަމަލުކުރަން ފަށާފައިވާއިރު، ރާއްޖެއިން ކޮވިޑް ބަލިޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 2382 އަށް އަރާފައެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 1954 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން