ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ބައްސާމް އަދީލް ޖަލީލް މިއަދު އިންތިޚާބުކޮށްފިއެވެ.

މިއަދު އެފްއޭއެމްގެ އިންތިޚާބު ބޭއްވިއިރު، އިންތިޚާބު ފަސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން ވަނީ ކުޅިވަރާ ބެހޭ ވުޒާރާގައި އެދިފައެވެ. އެއާއެކު އެ ވުޒާރާއިން ވަނީ އިންތިޚާބު ފަސްކުރުމަށް އެދި އެފްއޭއެމަށް ސިޓީއަކުން އަންގާފައެވެ.ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން އެފްއޭއެމްގެ އިންތިޚާބު ފަސްކޮށްދިނުމަށް އެދުނީ އެފްއޭއެމްއާ ދޭތެރޭގައި ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށައެޅުއްވި ކުއްލި މައްސަލަ އިތުރަށް ދިރާސާ ކުރަމުން އަންނަ ކަމަށް ބުނެ އެވެ.

އެފްއޭއެމްގެ އިންތިޚާބު މިއަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ބާއްވަން ޖެހޭއިރު، އަސާސީ ގަވާއިދުގައި ބަޔާން ކޮށްފައިވާ އިންތިޚާބު ބާއްވަން ޖެހޭ ތާރީޚަށްވުރެ ކުރިން އިންތިޚާބު ބޭއްވުމަށް ހިންގާ ކޮމިޓީން ނިންމާފައިވަނީ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހު އެވެ. އެފްއޭއެމްގެ އިންތިޚާބުގައި އެ އެސޯޝީއޭސަންގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް އެކަނި ކަން ފާހަގަކޮށްލެވެއެވެ. ބައްސާމް އަދީލް ޖަލީލް އެފްއޭމްގެ ރައީސަކަށް އިންތިޚާބު ކޮށްފައިވާއިރު ސީނިއަރ ވައިސް ޕްރެސިޑެންޓަކަށް އިންތިޚާބު ކޮށްފައިވަނީ އަލީ އުމަރެވެ. މީގެ އިތުރުން އެފްއޭއެމްގެ މެމްބަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ހުސެއިން ޝާފިއު އާއި އަހުމަދު ޝަކީބާއި މުހައްމަދު ޝިފާއުއާއި މުފާވިޒް ހާފިޒާއި އައިމިނަތު ޝާނީޒާއި އަހުމަދު ނަޝީދާ އަދި މުއާވިޔަތު ޚަލީލެވެ.

އެފްއޭއެމްގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ބަލަމުން އަންނައިރު، ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަމަ ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް ފީފާއިން އިއްޔެ ވަނީ ދީފައެވެ. މިއީ ރާއްޖެއަށް ދެ އަހަރުގެ ތެރޭގައި ކުރިމަތިވި މިފަދަ ދެވަނަ އިންޒާރު ކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން، 2018 ވަނަ އަހަރުގެ ފަހުކޮޅު، އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބުތަކަށް ފުރުސަތު ނުލިބުނު މައްސަލަ ބަލަން ކޮމިޓީއެއް އެކުލަވާލުމުން އިންޒާރު ދިނީ އޭޝިއާގެ ފުޓްބޯޅަ ޖަމިއްޔާ، އޭއެފްސީންނެވެ. އެއާއެކު އެ ވުޒާރާއިން އެ މަސައްކަތް ވަނީ ހުއްޓާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން