ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލު
ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލު
ޖޫން މަހުގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުކޮށްފައިވާ ކަމަށްބުނެ އެއްވެސް ރައްޔިތަކު މިމަހުގެ ކަރަންޓް ބިލު ނުދެއްކުމަށް އިދިކޮޅުން ކޯލިޝަނުން ގޮވާލައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލު ވިދާޅުވީ ކަރަންޓު ބިލްތަކުން ފެންނަނީ މަކަރާއި ހީލަތް ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުން ބިކަހާލުގައި ޖައްސަން ކަމަށް ނިމާލު ތުހުމަތުކުރެއްވިއެވެ. ކަރަންޓު ބިލު ބޮޑު ކޮށްފައިވާތީ އެއްވެސް ރައްޔިތަކު ކަރަންޓު ބިލް ނުދެއްކުމަށް ނިމާލު ވަނީ ގޮވާލައްވާފައެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރައްޔިތުންގެ މާލީ ފުއްދުންތެރިކަން ނެތް ވަގުތެއްގައި އޮޅުވާލުމުގެ ތެރެއިން ބޮޑު ބިލެއް ފޮނުވުން ގަބޫލު ނުކުރެވޭނެ ކަމަށްވެސް ނިމާލު ވިދާޅުވިއެވެ.

ނިމާލް ވިދާޅުވީ މިއީ އެނގުމުގެ ތެރެއިން ކޮށްފައިވާ "ވައްކަމެއް" ކަމަށެވެ. ނިމާލަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ސްޓެލްކޯގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ފަހުން ފެނަކަ ހިންގުމުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.

އިދިިކޮޅު ކޯލިޝަނުން ވަނީ ކަރަންޓް ބިލް ބޮޑުވުމާއި ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީއާ ބައްދަލް ކުރުމަށްވެސް އެދިފައެވެ. ޕީއެންސީގެ ރައީސް އަބްދުއްރަހީމް ސޮއިކުރައްވާ މިއަދު ފޮނުވި ސިޓީއެއްގައި ވީ އެންމެ އަވަހަކަށް ސްޓެލްކޯގެ އެމްޑީއާ ބައްދަލު ކުރުމުގެ ފުރުސަތަކަށް ވަނީ އެދިވަޑައިގެންފައެވެ.

ޖޫން މަހުގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށާ އެކަމާ ގުޅިގެން ސްޓެލްކޯ ޖަވާބުދާރީ ކުރުމަށް އެމްޑީޕީގެ މެންބަރަކު ވަނީ ހުށައަޅާފައެވެ. ޖޫން މަހުގެ ކަރަންޓު ބިލް ބޮޑުވެގެން ވަރަށް ގިނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އާންމުކޮށް 2000 ރުފިޔާ އަރާ ބައެއް ގެތަކަށް މިދިޔަ މަހުގެ ބިލް ގައި 4000 ރުފިޔާ އަރާފައި ހުރިކަން ފާހަގަކޮށްލެވެއެވެ. ސްޓްލެކޯ އިން އެންމެ ފުރަތަމަ ބުނެފައިވަނީ އެއީ ސަބްސިޑީއަށް ވާ ފައިސާ ހިމަނާފައި ނުވުމުން އިތުރުވި އިތުރުވުމެއް ކަމަށެވެ. 

މިދިޔަ މަހު މާލެ ސަރަހައްދުގެ ކަރަންޓު ބިލްތައް އިންތިހާއަށް ބޮޑުވެގެން ދިއުމާއި ގުޅިގެން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން މިރޭ މާލޭގައި މުޒާހަރާ އެއް ބޭއްވުމަށް ވަނީ ނިއްމާފައެވެ. އިދިކޮޅު ކޯލިޝަނުން މިއަދު ބުނީ، "ކަރަންޓުން ވެސް ވައްކަން" ނަމުގައި ބާއްވާ މި އެއްވުން އޮންނާނީ މިރޭ ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި 8:45 ގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


6

ޒަރީރު

03-Jul-2020

އިދިކޮޅޭ ކިޔާފަ ލަދެއް ހަޔާތެއް ނެތްތަ ކަލޭމެންތަ ބިލުތައް ދައްކަދެނީ


9

ޞައްދާމު

03-Jul-2020

ކޮބައިތަ؟ ފެނަކައިން ނެގޮ ލާރިގަނޑު؟



ޓްރެންޑިން