ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން
ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން
ކޯވިޑް-19ގެ ސަބަބުން ރާއްޖޭގައި މިހާރުއޮތް ޙާލަތު އިތުރަށް ގޯސް ނުވާނަމަ، މިމަހުގެ މެދުތެރޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލެވޭނެކަމަށް ޤަބޫލުކުރައްވާކަމުގައި ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ ޞިއްޙީ ނުރައްކަލުން އަރައިގަތުމަށް ކުރަމުންދިޔަ މަސައްކަތުގައި ރާއްޖެއިން ބޮޑެތި ކާމިޔާބީތައް މިހާތަނަށް ހޯދާފައިވާކަމަށެވެ.

އެގޮތުން ބަލިޖެހޭ މީހުންގެ ޢަދަދުތައް މަދުކުރެވުމާއި، ރާއްޖޭގެ ގިނަ ސަރަޙައްދުތަކުގައި ޓެސްޓުހެދޭނެ އިންތިޒާމު ހަމަޖެއްސުމާއި ބައްޔަށް ފަރުވާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ ލުއިތައް ދިނުމަށްވެސް އެންމެ ބޮޑަށް މަގުފަހިވެގެންދިޔަ ސަބަބުތައްކަމަށް މިނިސްޓަރ ވަނީ ފާހަަގަކުރައްވާފައެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުކުރެވި މިހާރު މިވަނީ 3 ވަނަ ފިޔަވަހީގެ ލުއިތައް ދީފައެވެ. މިހާރު އޮތްގޮތުން 12މާޗްގައި އިޢުލާންކުރި ޢާއްމު ސިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތު ދަންމާލާފައިވަނީ މިމަހުގެ 14ވަނަ ދުވަހާ ހަމައަށެވެ.

ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމާމެދު ގޮތެއް ނިންމާނީ ކުރިއަށް އޮތް ދެހަފްތާގެ މުއްދަތަށް ބެލުމަށްފަހުކަމަށެވެ. ގިނަ ޤައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު ބަލީގެ ދެވަނަ "ރާޅެއް" އައުމަކީ އެކަށީގެންވާކަމެއްކަމަށް މިނިސްޓަރ ފާހަގަކުރެެއްވިއެވެ. އަދި މި 2 ހަފްތާގެ މުއްދަތަކީވެސް މިކަންކަން ބަލައި ކުރިއަށް ހުރި ފިޔަވަޅުތަކާއިމެދު ގޮތް ނިންމުމަށް ލިބޭ ވަގުތެއްކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

"ކުއްލި ޙާލަތު އުވާލުމާމެދު އަދި ސީދާ އެއްޗެއް ދަންނަވާކަށް ނޭނގެ. ޙާލަތަށް އަންނަ ބަދަލުން އެނގޭނީ. ނަމަވެސް މިހާރު މިއޮތްގޮތަށް އޮންނަނަމަ ދޫކޮށްލެވިދާނެކަމަށް ގަބޫލުކުރެވޭ. ޖުލައި 15ގައި ބޯޑަރު ހުޅުވާލާއިރު ޙާލަތު ރަނގަޅު ކުރުމަށް މިމަސައްކަތް ކުރަނީ. އެހެންވީމަ ޖުލައިގެ މެދުތެރެއަށް ކުއްލި ޙާލަތު ނިންމާލެވިދާނެކަމަށް ގަބޫލުކުރެވޭ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރީ ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނުމާ ގުޅިގެންނެވެ. އަދި ރާއްޖެ ލޮކްޑައުން ޙާލަތަށް ދިޔައީ މާލެއިން ކޯވިޑް-19ގެ 2 ކޭސް ފެނި، މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރެން ފެށުމުން ކަން ފާހަަގަކޮށްލެވެއެވެ. 24ގަޑިއިރުގެ ލޮކްޑައުންގައި 44ދުވަހު އޮތުމަށްފަހު މެއިމަހުގެ 28ވަނަ ދުވަހުން ފެށިގެން ވަނީ ޙާލަތަށް ބަލައި ލުއިތައް ދޭން ފަށާފައެވެ. އެގޮތުން ލޮކްޑައުނަށް ތިން ފަހަރެއްގެމަތިން ވަނީ ލުއިތައްދީފައެވެ. ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި މިވަގުތު މޮނިޓަރިންގގެ ޙާލަތުގައި އޮތީ މާލެ ސަރަޙައްދު އެކަނި ކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން