ނޫސްވެރިޔާ ރިލްވާނާއި ބްލޮގަރ ޔާމިންގެ މަރަށް އިންސާފު ހޯދުމަށް ބޭއްވި އެއްވުމުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ
ނޫސްވެރިޔާ ރިލްވާނާއި ބްލޮގަރ ޔާމިންގެ މަރަށް އިންސާފު ހޯދުމަށް ބޭއްވި އެއްވުމުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ
މަރުކޮމިޝަންގެ ތަހުޤީގަށް ރާއްޖެއިން ބޭރުގެ ފަންނީ މާހިރަކު އައްޔަން ކޮށްދިނުމަށް ނޫސްވެރިޔާ ރިލުވާން އަބްދުﷲ އާއި ބްލޮގަރ ޔާމީން ރަޝީދުގެ އާއިލާއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ދަންނަވައިފިއެވެ.

ޔާމީން ރަޝީދާއި ރިލުވާންގެ އާއިލާއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުޤީގު ކުރާ ކޮމިޝަނުން މައްސަލަތައް ތަހުޤީގުކޮށް ފުރިހަމަކުރުމަށްޓަކައި އިތުރަށް ބޭނުންވާ އެހީތެރިކަން ކަށަވަރުކުރުމަށް އެދި، 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގައި ވަގަށް ނަގައި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި 2017 ވަނަ އަހަރުގެ އެޕްރީލް މަހުގައި ގަތުލު ކޮށްފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ އާއިލާއިން ބުރާސްފަތި ދުވަހު ރައީސް ސާލިޙާއި ބައްދަލުކޮށްފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި މަރުކޮމިޝަންގެ މަސައްކަތްތަކުގައި މިހާތަނަށް ފާހަގަ ކުރެވިފައިވާ ބައެއް ކަންތައްތައް ރައީސުލްޖުމްހޫރިއްޔާ އާ ހިއްސާކޮށްފައިވާނެ ކަމަށް ބަޔާނުގައިވެއެވެ.

އަދި ކޮމިޝަންގެ މަސައްކަތްތައް އިތުރަށް ފުރިހަމަކޮށް ކޮމިޝަނުން ތަހުޤީގު ކުރަމުންދާ މައްސަލަތަކުގައި ހިމެނޭ އެންމެހާ އާއިލާތަކަށް އިންސާފު ޤާއިމުކުރެވޭނެކަން ކަށަވަރު ކުރުމަށްޓަކައި ދިވެހިރާއްޖެއިން ބޭރުން ތަހުޤީގުގެ ދާއިރާގެ މާހިރަކު އައްޔަންކޮށްދެއްވައި ކޮމިޝަންގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދިފައިވާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އާއިލާތަކުގެ މި އެދުމަށް ރައީސުލްޖުމްހޫރިއްޔާ އިޖާބަދެއްވާފައިވާކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އުއްމީދަކީ އެންމެހާ އާއިލާތަކަށް ލަސްނުވެ އިންސާފު ލިބުން ކަމަށް ރިލްވާން އާއި ޔާމީންގެ އާއިލާއިން ވަނީ ބުނެފައެވެ.

ރިލްވާނުގެ މަރުގެ މައްސަލައާއި، ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މަރުކޮމިޝަނުން ތަހުޤީގު ކުރަމުންދާ ދެ މައްސަލައެވެ.

މި މައްސަލައިގެ ފޮރިންސިކް އެނަލައިސިސް ރިޕޯޓުން ލިބިފައިވާ މައުލޫމާތާއެކު ތަހުގީގަށް އާ ހޯދުންތަކެއް ލިބިފައިވާކަމަށް މަރު ކޮމިޝަނުން ވަނީ ބުނެފައެވެ. ފޮރިންސިކް އެނަލައިސިސް ރިޕޯޓު އަދި ފައިނަލް ރިޕޯޓުވެސް ވަރަށް އަވަހަށް ނިންމާނެކަމަށް މަރު ކޮމިޝަނުން ބުނެ އެވެ.

ރިލްވާން މަރާލި މައްސަލައިގައި މަރު ކޮމިޝަނުން މީގެކުރިން ބުނެފައިވަނީ، ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް ލައިގެން ގެންގޮސް ދޯންޏަކަށް އެރުވުމަށް ފަހު ޝަހާދަތް ލައިދިނުމަށް ފަހު މަރާލާފައިވާކަން މިހާތަނަށް ހޯދުނު ހެކިތަކުން އެނގިފައިވާ ކަމަށެވެ.

ފައިނަލް ރިޕޯޓުން މަރާލުމަށް ފައިސާދިން ވިޔަފާރިތަކުގެ މައުލޫމާތާއި އެ މައްސަލައިގައި ޝާމިލްވާ ހުރިހާާ ފަރާތްތަކާއި ތުހުމަތު ކުރެވިފައިވާ ހުރިހާ މައުލޫމާތެއް އެނގިގެންދާނެ ކަމަށް މަރުކޮމިޝަނުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން