ފުލުހުން ބޮޑުފިނޮޅަށް އަރަން ތައްޔާރުވަނީ
ފުލުހުން ބޮޑުފިނޮޅަށް އަރަން ތައްޔާރުވަނީ
ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގާ ބިދޭސީން، 15 ދިވެހިން ރަހީނުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ތުޅާދޫގައި ހުރި މީހަކު މައުލޫމާތު ދިން ގޮތުގައި ބޮޑުފިނޮޅުގައި ތިބި ބިދޭސީން ދަނީ ފުލުހުންނަށް ދަގަނޑުބުރިންނާއި ގަލުން ހަމަލާދެމުންނެވެ.

ރަހީނު ކޮށްފައި ތިބި ބައެއް ދިވެހިން ފިލައިގެން ފަތާފައި ތުޅާދޫއަށް އަންނަމުންދާ ކަމަށާއި އެމީހުންގެ ފަހަތުން ބިދޭސީން ހޮޅިބުރިތައް ހިފައިގެން ފަހާ ދުވިކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. މިހާރު އިތުރު ފުލުހުން ބޮޑުފިނޮޅަށް ދިއުމަށް ދަނީ ތައްޔާރުވަމުންނެވެ.



ތުޅާދޫ ރައްޔިތުން ތިބީ ވަރަށްބޮޑު ނުތަނަވަސްކަމެއްގައި ކަމަށާއި ގިނަ އަދަދެއްގެ ރައްޔިތުން މިހާރުތިބީ، ބަނދަރު ސަރަހައްދަށް ނިކުމެ ކަމަށް މައުލޫމާތު ލިބެއެވެ.

ބޮޑު ފިނޮޅުގައި ބިދޭސީ ހަމަނުޖެހުން ހިންގައި ދިވެހިން ރަހީނުކޮށްފައިވަނީ އެމީހުންނަށް މުސާރަ ނުދޭ ކަމަށް ބުނެ އެވެ. ބ.އަތޮޅުގައި ހަދަމުންދާ ބޮޑުފިނޮޅު ރިސޯޓުގައި ބިދޭސީންތަކެއް ހިންގަމުންދާ ހަމަނުޖެހުމުގައި ފުލުހަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ. ފުލުސް މީހާ އަށް މިހާރު ދަނީ ބ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. އޭނާގެ ބޯ ވަނީ ފަޅައިގެން ގޮސްފަ އެވެ.



މިއަދު ހަވީރު ހިންގަން ފެށި މި ހަމަނުޖެހުން އަދިވެސް ކޮންޓްރޯލް ކުރެވިފައިނުވާއިރު އެ ރަށަށް ހަތިޔާރާއެކު ފުލުހުންނަށް އަދިވެސް އެރޭ ގޮތެއް ނުވެއެވެ. އެއީ ބޮޑު ފިނޮޅުގައި ބިދޭސީން ފުލުހުންނަށް ދަގަނޑުބުރިންނާއި ގަލުން ހަމަލާދެމުން ގެންދާތީއެވެ. ތުޅާދޫއާ އެއް ފަޅުގައި އޮންނަ އެ ރަށުގައި ބިދޭސީން ހުޅުޖަހައި އެތަނުގައި އުޅޭ ބައެއް ދިވެހިން ރަހީނުކޮށްފައިވާއިރު އެމީހުން ތިބީ ދަގަނޑުބުރި ފަދަ ހަތިޔާރާ ވެސް އެކުގައި ކަމަށް މައުލޫމާތު ލިބެއެވެ.



މައުލޫމާތު ލިބޭ ގޮތުގައި މިހާރު މާލެއިން އިތުރު ފުލުހުން ދިއުމަށް ދަނީ ތައްޔާރުވަމުންނެވެ.

ރިސޯޓްގައި ބިދޭސީން ލައްވާ ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރުވަމުން ދަނީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުނިން ކަމަށް ރަސްއޮންލައިން އަށް އެނގިފައިވެއެވެ. ބިދޭސީންނަށް މުސާރަ ނުދޭތާ ހަ މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ދިވެހީން ރަހީނުކޮށް އެމީހުން ޑިމާންޑްކުރަނީ އެމީހުންގެ މުސާރަ ދިނުމަށެވެ.



ތުޅާދޫ ކައުންސިލްގެ ރައީސް ރާއްޖެ ޓީވީއަށް ވިދާޅުވީ، އެ ރަށުގައި ތިބި 15 ދިވެހީންގެ ތެރެއިން ހަތަރު މީހަކު ފުލުހުން ސަލާމަތްކޮށްފައިވާ ކަމަށާއި އަދި އެކަކު އަމިއްލައަށް ސަލާމަތްވެ، ފަތާފައި ތުޅާދޫއަށް އަރާފައިވާ ކަމަށެވެ. އެހެންކަމުން މިވަގުތު ބޮޑުފިނޮޅުގައި ތިބީ 10 މީހުން ކަމަށް އޭނާ ވިދާޅުވިއެވެ. ބޮޑުފިނޮޅުގެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް މާލެއިން ފުލުހުންނާއި ސިފައިން މިހާރު ވަނީ ބ. އަތޮޅަށް ފުރާފައެވެ.



ފުލުހުންގެ އިދާރާ އިން ބުނީ ބ. ބޮޑުފިނޮޅުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ޕަބްލިކް އޯޑާ ރެސްޕޯންސް ޓީމެއް މިހާރު ދަނީ އެ ރަށަށް ދަތުރުކުރަމުން ކަމަށެވެ.

ފުލުހުން ބުނާ ގޮތުގައި އެ ރަށުގައި 200 އެއްހާ ބިދޭސީންނާ 15 ދިވެހިން ތިއްބެވެ.



ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދާ މީހުންގެ ހަތަރު މަސް ދުވަހުގެ މުސާރަ ކޯވިޑާ ގުޅިގެން ނުދެވި ވާ ކަމަށް އެތަނުގައި މަސައްކަތް ކުރަމުންދާ ކުންފުނީގެ އެމްޑީ އަދި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


15

ފަރާ

03-Jul-2020

15ދިވެހިން ރަހީނުކޮށް ފުލުހުންނަށް ހަމަލާދެމުން ގެންދާއިރު އަދިވެސް ފުލުހުންނަށް މާލެއިން ނުފުރޭ.. ދިވެހި ސަރުކާރުން ބަންގާޅީންނާއި ދެކޮޅަށް ފިޔަވަޅު އަޅަން ބޭނުންނުވާކަން ވަރަށް ސާފުކޮށް މިއޮތީ ފެންނަން.... ދިވެހިރާއްޖޭގައި ދިވެހިންނަށްވުރެ ބަންގާޅީންގެ ބާރު ބޮޑު.........



ޓްރެންޑިން