މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާތީ، ވ. އަތޮޅުން ފެށިގެން ލ.އަތޮޅާއި ހަމައަށް ނެރެފައިވާ ރީނދޫ ސަމާލު މިއަދު 14:00 އާއި ހަމައަށް އިތުރު ކޮށްފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފައިވަނީ، ވ.އަތޮޅުން ފެށިގެން ލ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައިވާ ކަމަށެވެ. ރީނދޫ ސަމާލު ނެރެފައިވާ ވަގުތުތަކުގައި ސަލާމަތީ ހިދުމަތްދޭ ފަރާތްތަކުގެ އުޅަނދުތައް ފިޔަވައި 9 މީޓަރުން ދަށުގެ ކަނޑު އުޅަނދުފަހަރު ދުއްވުން މަނާވާނެއެވެ.

ރީނދޫ ސަމާލު ނެރެފައިވާ ވަގުތުގެ ތެރޭގައި ވ.އަތޮޅުން ފެށިގެން ލ.އަތޮޅާއި ހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މިހާރު ކުރަމުންމިދާ ވިއްސާރައިގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސްވާނެތީ، މޫސުމަށް އިތުރަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިރުޝާދު ދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން