ވެމްކޯގެ މުވައްޒަފަކު ކުނި އުކަނީ
ވެމްކޯގެ މުވައްޒަފަކު ކުނި އުކަނީ
ޕްރޮބޭޝަންގެ މުއްދަތުގައި މާކްސް މަދުވެގެން ކަމަށް ބުނެ ކަރަންޓީނުގައި ހުރި ވެމްކޯގެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރުމުން އެމައްސަލަ ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލް އަށް ހުށައެޅުމަށް ނިއްމައިފިއެވެ.

މިދިޔަ މާރޗް މަހުގެ 24 ވަނަ ދުވަހު ވެމްކޯގެ ވެށި ފާރަވެރިއެއްގެ ވަޒީފާ އާއި ގުޅުނު އެމުވައްޒަފު ވެމްކޯގައި ކޮވިޑަށް ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވެގެން އޭނާ ކަރަންޓީނުވާން ވެމްކޯ އިން ވަނީ އަންގާފައެވެ. ކަރަންޓީނުގައި 10 ދުވަހު ހުރުމަށްފަހު ވެމްކޯގެ ވަޒީފާ އަށް ނުކުމެ އެމުވައްޒަފު މަސައްކަތް ކުރަމުންދަނިކޮށް، ހުން އައިސްގެން އެޗްޕީއޭ އަށް އެންގުމުން މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު އޭނާ އަށް ކަރަންޓީނުވާން އެންގިއެވެ. އެމުވައްޒަފު ކަރަންޓީނުން ދޫކޮށްލާފައިވަނީ މެއި މަހުގެ 19 ވަނަ ދުވަހުއެވެ.

ކަރަންޓީނުން ދޫކޮށްލުމުން އަނެއްކާވެސް އެމުވައްޒަފު ވަނީ މަސައްކަތަށް ނުކުމެފައެވެ. އޭގެފަހުން މެއި މަހުގެ 29 ވަނަ ދުވަހު ވެމްކޯގެ މުވައްޒަފު ދިރިއުޅޭ ގޭގައި އުޅޭ ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވެ އޭނާ އާއި ޑައިރެކްޓް ކޮންޓެކްޓް ވެގެން އެޗްޕީއޭ އިން ވަނީ އެ މުވައްޒަފު ގޭގައި ކަރަންޓީންވާން އަންގާފައެވެ. އެ ކަރަންޓީނުން ވެމްކޯގެ މުވައްޒަފު ދޫކޮށްލާފައިވަނީ މިދިޔަ ޖޫންމަހުގެ 20 ވަނަ ދުވަހުއެވެ.

ކަރަންޓީނުން ދޫކޮށްލުމާއެކު ވަޒީފާ އަށް ނުކުތުމުގެ ހުއްދަ އަކަށް ވެމްކޯގައި އެދުމުން އޭނާ ވަޒީފާ އިން ވަކިކޮށްފައިވާ ކަން ވެމްކޯ އިން ވަނީ އަންގާފައެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޕްރޮބޭޝަން މުއްދަތުވެސް ހަމަވުމުގެ ކުރިން މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހުއެވެ. ވަޒީފާ އިން ވަކިކުރި ސަބަބެއް ކަމަށް އޭނާ އަށް ފޮނުވި ޗިޓްގައި ބުނެފައިވަނީ ޕްރޮބޭޝަންގެ މުއްދަތުގައި މަސައްކަތުގެ ފެންވަރު ބެލުމަށް ފުރާ ފޯމުން ފާސްވާ ވަރަށް މާކްސް ލިބިފައިނުވާތީ ކަމަށެވެ. އެ މުވައްޒަފުގެ ތިން މަހުގެ ޕްރޮބޭޝަން ފޯމް ވެމްކޯ އިން ފުރާފައިވަނީ އޭނާ އެކިފަހަރު މަތިން ކަރަންޓީނުގައި ހުރުމުގެ ސަބަބުން ވަޒީފާ އަށް ނުނިކުމެވި ދިޔަ މުއްދަތުވެސް ހިމަނައިގެންނެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް "ރަސްއޮންލައިން" އަށް މައުލޫމާތު ދެމުން ވެމްކޯގެ އެ މުވައްޒަފު ބުނީ ވަޒީފާ އިން ވަކިކުރުމުން ވެމްކޯގެ ޗެއާމަން އާއި ބައްދަލުކޮށް އޭނާ އަށް ކުރިމަތިވި ހާލަތު ބަޔާންކޮށްދީފައިވާނެ ކަމަށާއި، ރަނގަޅުގޮތެއް ހަދައިދޭނެ ކަމަށް ވިދާޅުވުމަށްފަހު ޗެއާމަންގެ ޚަބަރެެއް ފަހުން ނުވާ ކަމަށެވެ. ވަޒީފާ އިން ވަކިކޮށްފައިވާއިރު މީގެ ކުރިން މަސައްކަތަށް ފަރުވާ ކުޑަވެގެން ނަސޭހަތެެއް އިންޒާރެއްވެސް ވެމްކޯ އިން ދީފައިނުވާ ކަމަށް ރަސް އޮންލައިން އަށް މައުލޫމާތު ދެމުން އެމުވައްޒަފު ބުނެފައިވެއެވެ.

" ޕްރޮބޭޝަންގައި ހިމެނޭ ތިން މަސް ދުވަހުން ދެމަސްދުވަހު ކަރަންޓީނުގައި އަޅުގަނޑު ހުންނަންޖެހުނީ، ވަޒީފާ އިން ވަކިކުރުމުން ސުވާލުކުރީމަ އޮފީހުން ބުނީ ކޮވިޑާ ގުޅިގެންނެއް ނޫނޭ ވަޒީފާ އިން ވަކިކުރީ، ލިބެންޖެހޭ މުސާރަ އެއް ލިބުނީ މަދުކޮށް އެޗްއާރު އަށް ގުޅީމަ ފޯނެއް ނުނަގާ." މީހަކާއި އިދެގެން ދެކުދިން ވެސް ތިބޭ އެ މުވައްޒަފު ރަސްއޮންލައިން އަށް މައުލޫމާތުދީފައިވެއެވެ.

އޭނާ ބުނީ، ދިރިއުޅޭ ގޭގެ ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވެގެން އެގޭގައި އުޅޭ 12 މީހަކު ކަރަންޓީނު ކުރިއިރު އޭނާ ކަރަންޓީނު ކުރި ކަމަށެވެ. އެހެން ނަމަވެސް ކަރަންޓީނުގައި ހުއްޓާ ވަޒީފާ އަށް ނިކުތުމަށް ސްޕަވައިޒަރު އެންގި ކަމަށް އޭނާ ބުނެއެވެ. އެހެންކަމުން އެޗްޕީއޭ އަށް އެކަން އެންގުމުން ވަކި އެއްޗެއް އަންގަންދެން ވަޒީފާ އަށް ނުނިކުމެ މަޑުކުރަން އެންގި ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެމައުލޫމާތު ވެސް ވެމްކޯ އަށް ހިއްސާކޮށްފައިވާ ކަމަށް އެމުވައްޒަފު ބުންޏެވެ.

" އަޅުގަނޑާ އެކު މަސައްކަތްކުރި ޑްރައިވަރަކު ކުންފުނިން ވައްކަންކުރުމުން އެކަން ޑިއުޓީ އޮފިސަރަށް އެންގުމުން ވަައްކަން ކުރި ޑްރައިވަރަށް ފޯނުން މެސެޖްކޮށްފައި އެތަކެތި ބެހެއްޓުމަށް އެންގި، މިވައްކަމުގެ ވާހަކަވެސް ވަނީ ޗެއާމަން އާއި ބައްދަލުކޮށް ކިޔައިިދީފަ، އެކަމަކު ހިތާމަ އަކީ ނިކަމެތި މީހާއަށް ނިކަމެތި ގޮތްވާތީ." މެވްކޯ އިން ވަކިކުރި މުވައްޒަފު ބުންޏެވެ.

ވެމްކޯ މުވައްޒަފު ވަޒީފާ އިން ވަކިކުރި މައްސަލަ ޓްރައިބިއުނަލް ހުށައެޅުމަށް ވަނީ ނިއްމާފައެވެ. އޭނާ ބޭނުންވަނީ މިކަމުގައި އިންސާފު ލިބުމެވެ. ވެމްކޯގެ މުވައްޒަފު ވަޒީފާ އިން ވަކިކުރި މައްސަލައިގައި އެތަނުގެ ބަހެއް ލިބޭގޮތެެއް ނުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން