ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަން މަޑުމަޑުން ހަމައަކަށްއެޅި، ގިނަ ސިނާޢަތްތަކެއް ކުރިއަރާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭގެ އަހަރީ ރިޕޯޓުން ދައްކާގޮތުގައި ރާއްޖޭގެ އިޤްތިޞާދު މިހާރުވަނީ ކޯވިޑް-19ގެ ކުރިން އިޤްތިޞާދު އޮތް ޙާލަތާ އެއްވަރަށް ކުރިއަރާފައެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު 13.9 އިންސައްތައަށް ކުރިއަރާފައިވާއިރު މިއަހަރު އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާ ކުރަނީ ހަތް އިންސައްތައަށެވެ.

މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި، އިމާރާތް ކުރުމުގެ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާ އަށްވެސް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. ހަމައެއާއެކު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމާއި ގުޅިގެން ރާއްޖޭގެ އިންފްލޭޝަންވެސް ވަނީ މައްޗަށް ޖެހިފައެވެ. މިދިޔަ އަހަރުގެ އިންފްލޭޝަން 2.3 އިންސައްތައިގައި ހުރިއިރު މި އަހަރު ރާއްޖޭގެ އިންފްލޭޝަން 5.4 ޕަސެންޓަށް މައްޗަށް ދާނެކަމަށް އެމްއެމްއޭއިން ލަފާކުރެއެވެ.

އެމްއެމްއޭ އިން މިދިޔަ އަހަރު އެސްއޯއީ ތަކާއި ބޭންކްތަކަށް 900 މިލިއަން ޑޮލަރު ވިއްކާފައި ވެއެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 50 އިންސައްތަ އިތުރުވުމެކެވެ.

މިއަހަރު ރާއްޖޭގެ އިޤްތިޞާދު 7 އިންސައްތައަށް ކުރިއަރާނެކަމަށް އެމްއެމްއޭއިން ލަފާކުރި ނަމަވެސް ވޯލްޑް ބޭންކުން ދާދި ފަހުން ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދު ކުރިއަރާ މިންވަރު 6.6 އިންސައްތައިން 5.6 އިންސައްތައަށް ދަށަށްދާނެކަމަށް ލަފާކުރެވޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން