ކޯވިޑް-19 އަށް ރެންޑަމް ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
ކޯވިޑް-19 އަށް ރެންޑަމް ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 54 މީހުން ބަލިން ފަސޭހަވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 54 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ.

މިއާއެކު، ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް ބައްޔަށް ޝިފާލިބި، ބަލިން ފަސޭހަވެފައިވާ މީހުންގެ ޖުމްލަ އަދަދުވަނީ 2،030 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް 25 މީހުން އަލަށް ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ، 19 ދިވެހިންނާއި، ބަނގްލަދޭޝް 4 މީހުންނާއި، އިންޑިއާ މީހަކާއި ނޭޕާލް މީހެކެވެ.

އަލަށް ޕޮޒިޓިވްވި 25 މީހުންނާއެކު، ކޯވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ރެކޯޑުކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 2،435 އަށް އަރާފައެވެ. މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 390 މީހުންނެވެ. މީގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 13 މީހަކަށެވެ.

އައިސޮލޭޝަންގައި މިވަގުތު 269 މީހުން ތިބިއިރު، ކަރަންޓީނުގައި ތިބީ 112 މީހުންނެވެ.



ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ރަނގަޅުވާތީ، އެކަމަށް ރިޢާޔަތްކޮށް ވަނީ ފުރަބަންދުގެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން ޢާންމުން ބޭރަށް ނިކުމެ އުޅުމަށާއި، ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ދީފައިވާއިރު، މިމަހުގެ 15 ގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި އިޤްތިޞާދު ފަށައިގަތުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން