ފުލުހުންނަށް ހުށައެޅޭ ހައްސާސީ މައްސަލަތަކުގެ މައުލޫމާތު އޭގެ ވަގުތުގައި ރައްޔިތުންނަށް ވީހާ ވެސް އަވަހަކަށް ހާމަކޮށްދިނުމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް އެދިވަޑައިގެންފިއެވެ.

ފުލުހުންނާއި ބައްދަލުކުރެއްވުމަށް އިސްކަންދަރު ކޮށީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ފުލުހުންނަށް ހުށައެޅޭ ހައްސާސީ މައްސަލަތަކުގެ މައުލޫމާތު އޭގެ ވަގުތުގައި ރައްޔިތުންނަށް ހިއްސާކުރުމުގެ މުހިންމުކަން މިއަދު ވަރަށް ބޮޑުވެފައިވާ ކަމަށެވެ. ފުލުހުންނަށް ހުށައެޅޭ ބައެއް މައްސަލަތަކާއި ގުޅޭގޮތުން މީޑިޔާތަކުން މައުލޫމާތު ހާމަކުރާ ގޮތުން އާންމުންނަށް ކަންކަން އޮޅޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެގޮތަށް ކަންކަން ދިމާވަނީ އެންމެ ހަލުއިކޮށް އެކަށީގެންވާ ދުވެލީގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްނުދެވޭތީ ކަމުގައިވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ. އަދި އަވަހަށް މައުލޫމާތު ފޯރުކޮށްދޭނަމަ އެފަދަ ކަންކަން ދިމާނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުން ސަރުކާރުގެ ކިބައިން ބޭނުންވަނީ ޢަދުލު އިންސާފު ކަމަށާއި، ތަހުގީގުކުރުމާއި ޝަރީޢަތްކުރުންވެސް ދުވެލި ހަލުއިކޮށް އަވަސްކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. 

"މިކަމުގައި އެންމެ މަސްލަހަތު ހުރިގޮތަކީ މިދެންނެވި ފަދަ ހައްސާސީ މައްސަލަތަކުގެ ހަގީގަތް ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ހާމަކޮށްދިނުން، އެކަން އެގޮތަށް ނުކުރާނަމަ އޭގެ ބަދުނާމު އެޅިގެންމިދަނީ ދިވެހި ފުލުހުންނާއި ސަރުކާރުގެ ބޮލުގައި. އަޅުގަނޑު ހިތުން މިފަދަ ބަދުނާމެއް ބޮލުގައި އަޅަން އެއްވެސް ފުލުހަކު ބޭނުމެއް ނުވާނެ، މިފަދަ ކަންކަން އިސްލާހު ކުރުމަށް ފުލުހުންގެ ތެރެއިން ވެސް މަސައްކަތް ކުރަމުން އެބަދޭ." ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކާއި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އަދިވެސް އެބަހުރި ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ބިދޭސީންގެ މައްސަލައާއި ޖިންސީ ގޯނާގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތައް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން