ކަޅުތުއްކަލާ ކޮށީގައި ރައީސް ޞާލިހް މިރޭ ސިފައިންނާއި ބައްދަލުކުރައްވަނީ
ކަޅުތުއްކަލާ ކޮށީގައި ރައީސް ޞާލިހް މިރޭ ސިފައިންނާއި ބައްދަލުކުރައްވަނީ
މި ރާއްޖެ ތަރައްގީ ކުރުމައިގެން ސަރުކާރުން ކުރިއަށް ދަނީ ގައުމުގެ ދިފާއީ މައި ތަނބަކީ ދިވެހި އަސްކަރިއްޔާ ކަމުގައި ބަލައިގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކަޅުތުއްކަލާ ކޮށީގައި މިރޭ ސިފައިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކޮވިޑާއި ގުޅިގެން ސިފައިން ކޮށްދިން ޚިދުމަތް މުޅި ދިވެހި ގައުމު ބަލައިގަންނާނެ ކަމަށެވެ. ދިވެހި ގައުމާއި ރައްޔިތުންނަށް ކުރިމަތިވާ ދަތި އުދަނގޫ ކޮންމެ ހާލަތެއްގައި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ދިފާއުގައި އެންމެ ފުރަތަމަ ތެދުވާނެ ބަޔަކީ ދިވެހި ސިފައިން ކަމަށް ރައީސް ވިދާޅުވިއެވެ.

ކޯވިޑް19 އިން ރާއްޖެ ރައްކާތެރި ކުރުމަށް ދިވެހި ސިފައިން ކުރަމުންގެންދިޔަ މަސައްކަތާއި މިހާރު ކުރަމުން ގެންދާ މަސައްކަތްތަކުން ދިވެހި ސިފައިންގެ ސަފުތަކުން ފެންނަނީ ބަދަހި ހަރުދަނާ ގާބިލް ކަމާއި ގައުމަށް ޚިދުމަތް ކުރުމުގައި އެއްވެސް ވަރުބަލިކަމެއް ނެތި ސާބިތުވެ ތިބި ތަން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ދިވެހި ސިފައިންނަކީ އިލްމީ ގޮތުންނާއި ފަންނީ ގޮތުން އަދި ޖިސްމާނީ ދުޅަހެޔޮ ކަމާއި ނަފްސާނީ ގޮތުންވެސް ސިފަވަންތަ ބަޔަކަށް ހެދުމަށް ސަރުކާރުން ހާއްސަ ސަމާލުކަން ދޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސިފައިންގެ ވެލްފެއާގެ ކަންކަން ވެސް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ކުރިޔަށް ގެންދިއުމަށް ސަރުކާރުން އިތުރު މަސައްކަތްތައް ކުރަމުން ގެންދާ ކަމުގައި ރައީސް ވިދާޅުވިއެވެ. އޭރުން މިހާރަށްވުރެވެސް ފުރިހަމަ އަށް ދިވެހި ސިފައިންގެ ހިދުމަތް ދިވެހި ގައުމަށް ލިބިގެން ދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.



ދިވެހި ސިފައިންނަކީ ހުރިހާ ގޮތަކުންވެސް ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންގެ ދިފާއީ އައްޑަނަ އެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިއަހަރު ފެށުނީއްސުރެ މުޅި ދިވެހި ގައުމު ޝާމިލުވާހެން ކުރަމުން އަންނަނީ ވަރަށް އުނދަގޫ މަސައްކަތެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި ވަރަށް ގިނަ ހުރަސްތަކާއި ވަރަށް ގިނަ ގޮންޖެހުންތަކާއި ވެސް ކުރިމަތިލާން ޖެހިއްޖެ ކަމަށެވެ. ނަމަވެސް ﷲގެ ވާގިފުޅާއިއެކު އެ ހުރަސްތައް ގިރާކޮށް މިއަދު މިތިބަ ހާލަތަށް އާދެވުމުގައި ދިވެހި ސިފައިންގެ ދައުރު ވަރަށް ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކޮވިޑް-19 ގެ ނުރައްކަލުން ސަލާމަތްވުމާއި އެއާއި ދެކޮޅަށް މަސައްކަތް ކުރުމަށް ސަރުކާރުން އުފެއްދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ވެސް އެންމެ ގިނަ މުވައްޒަފުން ބައިވެރިވި އެއް އިދާރާއަކީ އެމްއެންޑީއެފް. އޭގެއިތުރުން ކަރަންޓީން ފެސިލިޓީތައް އިމާރާތް ކުރުމުގައާ އެ ފެސިލިޓީތަކަށް މީހުން އުފުލުމުގައި ތިޔަ ސިފައިން އަދާކުރީ ވަރަށް މުހިއްމު ދައުރެއް." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ސިފައިން ކޮށްދެއްވި މަސައްކަތުން ހާމަވެގެން ދަނީ ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ރައްޔިތުންނަށްޓަކައި ގުރުބާންވުމަށް ދިވެހި ސިފައިންގެ ހިތުގައި އޮތް އަޒުމާއި ހިތްވަރު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން