ބަދަލު ހިފުމުގެ ޖޯޝާ ފޯރީގައި އޮތް މަޖިލީހަކުން އިންސާފު ލިބިދާނެކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓްގެ ޤާޟީ ޙަސަން ނަޖީބުގެ އިސްތިއުފާދެއްވައިފިއެވެ.

ޤާޟީ ޙަސަން ނަޖީބު މަގާމުން އިސްތިއުފާދެއްވާފައި މިވަނީ ފަނޑިޔާރުންގެ ސުލޫކާ ހިލާފަށް އަމަލުކޮށްފައިވާތީ އޭނާ ގާޟީކަމުން ވަކިކުރަން ޖޭއެސްސީން ނިންމާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް އެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނިކޮށެވެ.

މަގާމުން އިސްތިއުފާ ދެއްވާ ނެރުއްވި ބަޔާނުގައި ނަޖީބު ވިދާޅުވީ ރައްޔިތުން މަޖިލީހަކީ ވަކި ފިކުރެއްގެ މައްޗަށް ގެއްލި ހުސްވެފައިވާ އިންސާފުގެ ކަންފުޅެއްވެސް ނެތް ތަނެއް ކަމަަށެވެ. އަދި ބަދަލު ހިފުމުގެ ޖޯޝާ ފޯރީގައި އޮތް މަޖިލީހަކުން އިންސާފު ލިބިދާނެކަމަށް ގަބޫލު ނުކުރެވޭ ކަމުގައިވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ޤާޟީ ޙަސަން ނަޖީބުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށައެޅީ އަމިއްލަ ފަރާތަކުންނެވެ. އެ މައްސަލަ ނިންމާ ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ ޤާޟީ ޙަސަން ނަޖީބާ ގުޅޭ ގޮތުން ހުށައެޅި މައްސަލަ ބެލިބެލުމުން ޤާޟީ ސިޔާސީ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާކަމާއި ގާނޫނާ ހިލާފަށް އަމުރު ނެރެފައިވާކަން ކޮމިޝަނަށް ސާބިތުވާކަމަށެވެ.

އެގޮތުން އޭނާ ވަނީ 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ގއ އަތޮޅު ކައުންސިލްގެ ގއ.ވިލިނގިލީ ދާއިރާއަށް ކުރިމަތިލި ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކޮށްފައި ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ. އަދި އެ ކެނޑިޑޭޓް ނިސްބަތްވާ ސިޔާސީ ޕާޓީއަށް މީހަކު ސޮއި ކުރުވުމުގައި ޤާޟީ ޙަސަން ނަޖީބު ބައިވެރިވިކަމާއި، އެ އިންތިޚާބުގައި އެ ދާއިރާއަށް ކުރިމަތިލި އަނެއް ކެނޑިޑޭޓްގެ ކެނޑިޑެސީ ބާޠިލުކުރުމަށް ޤާޟީ ޙަސަން ނަޖީބު ބައިވެރިވިކަން ސާބިތުވާކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން