އައްޑޫސިޓީގެ ބިން ހިއްކުމަށް ބޭނުންކުރާ ވެން އޫޑްގެ ޖައްރާފު އައްޑޫގައި ބަނދަރުކޮށްފިއެވެ.

އައްޑޫ ސިޓީ ބިން ހިއްކުމުގެ ތައްޔާރީ މަސައްކަތް މިއަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު ހެނދުނު ފަށާފައިވާއިރު އައްޑޫގެ ތަރައްޤީގެ މާސްޓަރ ޕްލޭނަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ކުރަނީ ނެދަލޭންޑްސްގެ ވެންއޫޑް ކުންފުނިންނެވެ.

ވެން އޫޑުން އައްޑޫސިޓީ ބިންހިއްކުމަށް ބޭނުންކުރާ ޖައްރާފަކީ އެޗް.އޭ.އެމް 318 ހޮޕަރ އެވެ. އެ އުޅަނދު މިއަދު އައްޑޫގައި ބަނދަރުކޮށްފައިވާއިރު ޓްރެއިލް ޑްރެޖިންގ މަސައްކަތް މިއަދު ފަށާނެއެވެ. އަދި މި ހަފަތާ ނިމުމުގެ ކުރިން ރަސްމީކޮށް ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާނެއެވެ.



އައްޑޫ ސިޓީން ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައި ވާއިރު 11 ކިލޯމީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކޮށް، ހިތަދޫއިން 90 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ބިން ހިއްކުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން މަރަދޫ އަދި މަރަދޫފޭދޫ އިން 76 ހެކްޓަރ އަދި ޓުއަރިޒަމަށް ޚާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށް ހިއްކުމަށް ހަމަޖެހިފައިވެއެވެ. ހަމައެއާއެކު 3.3 ހެކްޓަރުގެ އިތުރު ދެ ރަށް ހިއްކަން ވެސް ވަނީ ނިންމާފައެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މި މަޝްރޫއުގެ ދަށުން ޖުމުލަ 194.3 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފައެެވެ. މިއީ 1.3 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން