ކޮވިޑުގެ ބުރަ ރައްޔިތުން އުފުލަން ނުޖެހުނީ ސަރުކާރުން އެ ބުރަ އުފުލުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ފ. ބިލެއްދޫގައި ފެނަކައިން ތަރައްގީކުރި އައު އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު މިއަދު ވިދާޅުވީ ކޮވިޑުގެ ބުރަ ރައްޔިތުން އުފުލަން ނުޖެހުނީ ސަރުކާރުން އެ ބުރަ އުފުލުމުން ކަމަށެވެ.

1400 މީހުންގެ އާބާދީއެއް އޮންނަ ފ. ބިލެއްދޫއަކީ ވަރަށް ފުޅާކޮށް ފާނައިގެ މަސްވެރިކަން ކުރަމުންދާ ރަށެކެވެ. އެގޮތުން، ކޮވިޑުގެ ތެރޭގައި ބިލެއްދޫގެ 53 މަސްވެރިޔަކާއި އެހެނިހެން މަސައްކަތްތައްކުރާ 16 ފަރާތަކަށް ހިލޭ އެހީގެ ގޮތުގައި 9.5 މިލިއަން ރުފިޔާ ދޫކޮށްފައިވާނެ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

“އެ ކަހަލަ ދަނޑިވަޅެއްގައި ސަރުކާރުން އެ ނަގަން ޖެހޭ ޒިންމާއެއް ނަގާ، އެ ބުރަ ނަގާ، ރައްޔިތުންނަށް ދަތިނުވާ ގޮތަށް ކަންތައް ކުރުމަކީ އެކަން ކުރަން ޖެހޭނެ ގޮތް.” ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑް މެނޭޖްކުރުމަށް ރާއްޖޭން ޢަމަލުކުރިގޮތް އަވަށްޓެރި ސްރީލަންކާ އާއި ސީޝެލްސްގެ ވެރިން ފަހުން އޮޅުންފިލުއްވި ކަމަށެވެ. އަދި ބައެއް ޤައުމުތަކުން ރާއްޖޭން ޢަމަލުކުރިގޮތް ނަކަލުކުރިކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކޮވިޑްގެ ނުރައްކާތެރި ޙާލަތު އެހާ ފުރިހަމައަށް ރާއްޖެއަށް މެނޭޖް ކުރެވުނީ އެ ދާއިރާގެ ތަޖުރިބާކާރުންގެ ބަސް ހިމަނައިގެން ސިޔާސަތުތައް އެކުލަވައިލުމުގެ ސަބަބުން ކަމަށެވެ.

ރައީސް ޞާލިޙް ފ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއް ފެއްޓެވީ އިއްޔެއެވެ. ރައީސްގެ ދަތުރުފުޅުގައި އިއްޔެ ވަނީ ނިލަންދޫ، ދަރަނބޫދޫ އަދި މަގޫދޫ އަށް ވަޑައިގެންފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން