ޙުސައިން އިސްމާއިލް   29 މޭ 2023 - 1:36
ފީއައްޔަށް ވަޑައިގެން މަރުހަބާ ކިޔަން ހުރި މީހަކާއިއެކު ރައީސް ފޮޓޯއެއް ނަންގަވަނީ
ފީއައްޔަށް ވަޑައިގެން މަރުހަބާ ކިޔަން ހުރި މީހަކާއިއެކު ރައީސް ފޮޓޯއެއް ނަންގަވަނީ
ފ. އަތޮޅުގެ ރައްޔިތުންނާއި ގުޅުންހުރި ގިނަ މަޝްރޫއުތަކެއް އިފްތިތާހުކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ދަނީ، ރަށްރަށުގެ އާންމު ރައްޔިތުންނާއި ބައްދަލުކުރައްވައި، ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދަވައި، ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއައްސަވަމުންނެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ރަށްރަށުގެ ތަރައްޤީއާ ގުޅުންހުރި ކަންކަން ކައުންސިލްތަކާއި މަޝްވަރާ ކުރައްވައި ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކުރިޔަށް ގެންދިއުމަށެވެ.

ފ.އަތޮޅަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި މިދަތުރުފުޅުގައި، އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، އެރަށްރަށުގެ ޢާންމު ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން އޮޅުންފިލުއްވިއެވެ.

އަދި ރަށުކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވައި އެރަށްރަށުގެ ތަރައްޤީއަށް ހިންގޭ މަޝްރޫޢުތަކާ އަދި ރައްޔިތުންނަށް އިތުރަށް ބޭނުންވެފައިވާ ކަންކަމާއި ގުޅޭ ގޮތުންވެސް އެމަނިކުފާނު މަޝްވަރާކުރެއްވިއެވެ.

މިދަތުރުފުޅުގައި ދަރަނބޫދޫ ބަނދަރު ހުޅުވައިދެއްވުމާއި މަގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވުމާއި އެރަށުގައި އަލަށް ޢިމާރާތްކުރި ފެނަކަ އޮފީސް ޢިމާރާތް ވެސް އެމަނިކުފާނު ވަނީ ހުޅުވާދެއްވާފައެވެ. އަދި ބިލެތްދޫގެ ފެނަކައިގެ އާ އިންޖީނުގެއާ އޮފީސް ޢިމާރާތް ހުޅުވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، ބިލެތްދޫ ސްކޫލުގެ މަލްޓި ޕަރޕަސް ހޯލު ހުޅުވައިދެއްވާފައެވެ.

ފީއަލީގައި ފެނަކައިން އިމާރާތްކުރި އާ އިންޖީނުގެއާ އޮފީސް އިމާރާތާއި، އައިސްޕްލާންޓް ހުޅުއްވައިދެއްވާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ރަށްރަށުގެ ތަރައްޤީއަށް ކުރިޔަށްދާ ބައެއް މަޝްރޫއުތައް ކުރިޔަށްދާގޮތް ބައްލަވާލައްވައި ބައެއް މުއައްސަސާތަކަށް ވެސް ޒިޔާރަތްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ފ. އަތޮޅަށް ކުރެއްވި މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން