އެމެރިކާގެ ރައީސް ޖޯބައިޑަން
އެމެރިކާގެ ރައީސް ޖޯބައިޑަން
އިންސްޓިޓިއުޓް އޮފް ފައިނޭންސް (އައި.އައި.އެފް) ގެ އެންމެ ފަހުގެ ރިޕޯޓުގައިވާގޮތުން ކޮވިޑް 19 އަށްފަހު ގްލޯބަލް ޑެޓް ހުރީ 45 ޓްރިލިއަން ޑޮލަރުން މަތީގައެވެ.

އަދި އެންމެފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ގްލޯބަލް ޑެޓްއަކީ 305 ޓްރިލިއަން ޑޮލަރެވެ. ގްލޯބަލް ޑެޓް ކަމަށް މާނަކުރަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަރުކާރުތަކާއި ކުންފުނިތަކުން ނަގާ ލޯނުގެ ޖުމުލަ އަދަދަށެވެ.

އައި.އައި.އެފްގެ އެ ރިޕޯޓުގައިވާގޮތުން ދުނިޔޭގެ ދަރަނި ބަހާލެވިފައިވާ ބައިތަކުގެ ތެރެއިން 161.7 ޓްރިލިއަން ޑޮލަރު ނުވަތަ ޖުމްލަ ދަރަނީގެ 53 އިންސައްތަ ނަގާފައިވަނީ ވިޔަފާރިތަކުންނެވެ. 85.7 ޓްރިލިއަން ޑޮލަރަކީ (%28) ސަރުކާރުތަކުން ނަގާފައިވާ ލޯނުގެ އަދަދެވެ. އަދި 57.6 ޓްރިލިއަން ޑޮލަރު (%19) ނަގާފައިވަނީ އަމިއްލަ ފަރުދުންނެވެ.

އައި.އައި.އެފްއިން ބުނާގޮތުގައި މިނިސްބަތް ކުރިއަށް އޮތް ތަނުގައިވެސް ދާނީ މައްޗަށެވެ. ސަބަބަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިމާވެފައިވާ އެކި ހާލަތްތަކުން އަރައިގަތުމަށް ސަރުކާރުތަކުން ދަރަނި ނެގުމަށް ބޭނުން ޖެހިފައިވާތީއެވެ. ވަކިން ޚާއްސަކޮށް، ސަރުކާރުތަކުން ގިނަ އަދަދަކަށް ހޭދަކުރަންޖެހިފައިވުން ހިމެނެއެވެ. އޭގެތެރޭގައި ވަޒީފާ އަދާނުކުރެވޭ މުސްކުޅި އުމުރުގެ މީހުން ގިނަވުމާއި ދޭދޭ ޤައުމުތަކުގެ މެދުގައި ހަނގުރާމަތައް ކުރިއަށް ދިއުމާއި، ޞިއްހީ ކަންކަމަށް ހޭދަކުރުމާއި މޫސުމަށް އަންނަބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ގިނަވެފައިވުމުން ސަރުކާރުތަކުން ލޯނު އެހީއަށް ބަރޯސާވާންޖެހެއެވެ.

އެންމެ ދަރަނި ބޮޑީ ކޮން ޤައުމުތަކެއްގައި؟

ސަރުކާރުގެ ދަރަނި ނުވަތަ ގަވަމެންޓް ޑެޓް މާނަކުރަނީ ޤައުމަކުން އެހެން ޤައުމުތަކަށް ނުވަތަ ފައިނޭންޝިއަލް އިންސްޓިޓުޝަންތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދަށެވެ. އައި.އައި.އެފްގެ މިދިރާސާގައި ޔޫރޯޒޯންގެ ޤައުމުތައް ހިމެނޭނެހެން ތަރައްޤީވެފައިވާ 21 ޤައުމަކާއި ކުރިއަރަމުން ނުވަތަ ތަރައްޤީވަމުން އަންނަ 30 ޤައުމެއް ހިމަނާފައިވެއެވެ.

މިދިރާސާއިން ދައްކާގޮތުން އެމެރިކާއަކީ ދުނިޔޭގެ އެންމެ ދަރަނި ބޮޑު ޤައުމެވެ. 2023ގެ ފުރަތަމަ ކުއާޓާގައި އެކަނިވެސް އެޤައުމުން 30.1 ޓްރިލިއަން ޑޮލަރުގެ ދަރަނި ނަގާފައިވެއެވެ. މިހާރު މިއަދަދު ހުރީ 31.4 ޓްރިލިއަންއަށް އަރާފައިކަމަށާއި އެކަމުގެ ސަބަބުން އެޤައުމުގެ އިޤްތިޞާދަށް ނޭދެވޭ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްކަމުގައި ދިރާސާގައި ބުނެއެވެ.

އެމެރިކާ ފިޔަވައި ލިސްޓުގެ ކުރީގައި އުޅޭ 4 ޤައުމުގެ ދަރަނި އެއްކުރުމުން ލިބޭ އަދަދަށްވުރެވެސް އެމެރިކާގެ ދަރަނި މަތިވުމަކީ އެމެރިކާގެ ދަރަނީގެ މައްސަލައިގެ ބޮޑުމިން ތަޞައްވުރުކޮށްލެވޭނެ ކަމެކެވެ. މިލިސްޓުގައި އެމެރިކާގެ ފަހަތުގައި ހިމެނޭ ޤައުމުގެތަކަކީ، ޗައިނާ (14 ޓްރިލިއަން ޑޮލަރު ދަރަނި)، ޖަޕާން (10.2 ޓްރިލިއަން ޑޮލަރު ދަރަނި)، ފްރާންސް (3.1 ޓްރިލިއަން ޑޮލަރު ދަރަނި)، އަދި އިޓަލީ (2.9 ޓްރިލިއަން ޑޮލަރު ދަރަނި) އެވެ.

އަނބުރާ ދަރަނި ދެއްކުމުގެ ޤާބިލުކަން ހުރީ ކޮން ޤައުމުތަކެއްގައި؟

ދަރަނިވެރިވެފައިވާ ޤައުމުތަކުން އެޤައުމުތަކުގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީޕީ) ނުވަތަ އެޤައުމުގެ އުފެއްދުންތެރި ކަމުގެ އަގު ދަރަނީގެ އަދަދަށްވުރެ ވަތި ކަމުގައިވާނަމަ ދަރަނި އަދާކުރުމަށް ފަސޭހަވާނެއެވެ.

އައި.އައި.އެފްގެ ރިޕޯޓް ބުނާ ގޮތުގައި ދުނިޔޭގެ ނިސްބަތަށް ބަލާއިރު މިހާރު ދުނިޔޭގެ ޖީޑީޕީ އާއި ދަރަނީގެ އަދަދު އަޅާކިޔާއިރު ނުވަތަ ޑެޓް ޓު ޖީޑީޕީ ރޭޝިއޯ އަށް ބަލާއިރު 95.5 އިންސައްތައަކީ ދަރަނީގެ މިންވަރެވެ.

މިގޮތުން ބަލާއިރު އިގްތިޞާދީގޮތުން ދުނިޔޭގެ 3 ވަނައަށް އެންމެ ވަރުގަދަ ޤައުމުކަމުގައިވާ ޖަޕާނުގެ ޑެޓް ޓު ޖީޑީޕީ މިންވަރަކީ 239 އިންސައްތައެވެ. މިއީ މަސައްކަތް ނުކުރެވޭ އަދި ސަރުކާރުން ގިނަ ޚަރަދު ކުރަންޖެހޭ އުމުރުން ދުވަސްވީ މީހުންގެ އާބާދީ ޖަޕާނުގައި ގިނަވުމުގެ ސަބަބުން މީހުންގެ އަތުން ލިބޭ ޓެކުހަށްވުރެ ސަރުކާރުން ޚަރަދު ކުރަންޖެހޭ މިންވަރު އިތުރުވުމުން ދިމާވާކަމެއް ކަމުގައި ބެލެވެއެވެ.



އިގްތިޞާދީގޮތުން ކަންބޮޑުވާންޖެހޭ މިލިސްޓުގެ ދެވަނައަށް އޮތީ ގްރީސްއެވެ. އެޤައުމުގެ ޖީޑީޕީ އާއި ދަރަންޏާއި އަޅާކިޔާއިރު 197 އިންސައްތަ އަކީ ދަރަންޏެވެ. ދެން އޮތީ 165 އިންސައްތައިގައި ސިންގަޕޫރެވެ. އަދި އެއަށްފަހު އިޓަލީ 135 އިންސައްތައިގައި އޮވެފައި އޭގެ ފަހުން އެމެރިކާ މިލިސްޓުގައި ހިމެނޭއިރު އެމެރިކާގެ ޖީޑީޕީއާއި އަޅާކިޔާއިރު 116 އިންސައްތަ އަކީ ދަރަންޏެވެ.

ޤައުމެއްގެ އުފެއްދުންތެރިކަން އިތުރުވާވަރަކަށް މިރޭޝިއޯ ދަށްވާނެއެވެ. އަދި މިރޭޝިއޯ ދަށްވުމަކީ ދަރަނީގެ އަދަދު މަތިނަމަވެސް، އިގްތިޞާދީގޮތުން އެޤައުމެއްގެ ވަރުގަދަކަން ހާމަކޮށްދޭ އަދި އަނބުރާ ފައިސާ ދެއްކުމުގެ ޤާބިލުކަން ހުރިކަން އަންގައިދޭ ކަމެއްވެސް މެއެވެ.

އެމެރިކާގެ ޑެޓް ސީލިންގ ނުވަތަ ދަރަނި ނެގުމަށް ކަނޑައަޅާފައިވާ އެންމެ މަތީ މިންވަރަކީ ކޮބާ؟

ޑެޓް ސީލިންގއޭ ބުނެވެނީ ސަރުކާރަކުން އެންމެ މަތީ އަދަދަކަށް ދަރަނި ނެގޭނެ މިންވަރަށެވެ. ޖެނުވަރީ 19 ގައި އެމެރިކާގެ ދަރަނީގެ ލިމިޓްކަމަށްވާ 31.4 ޓްރިލިއަން ޑޮލަރަށް ދަރަނި އެރުމުން އެޤައުމުގެ ޓްރެޡަރީއިންވަނީ ޑީފޯލްޓް ނުވަތަ ދަރަނިއަދާނުކުރެވިދާނެ ހާލަތެއް މެދުވެރިވެދާނެ ކަމަށްޓަކައި ފިޔަވަޅުތަކެއް އަޅާފައެވެ. އެހެންނަމަވެސް 28 މެއި 2023ގައި އެމެރިކާގެ ރައީސް ޖޯބައިޑަންއާއި ރިޕަބްލިކަން ޕާޓީއަށް ނިސްބައްވާ މެންބަރެއްކަމުގައިވާ ކެވިން މެކްކާތީ ވަނީ ސަރުކާރުގެ ޚަރަދު ކުޑަކުރުމާއިއެކު ދަރަނީގެ ސީލިން އަދަދު އިތުރު ދެއަހަރު ދުވަހުގެ މުއްދަތަކަށް އިތުރު ކުރުމަށް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން