ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީއަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް މިއަދު ފަށްޓަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ތަރައްޤީއަށް ހިންގޭ ބައެއް މަޝްރޫޢުތައް ފަށްޓަވައި ދެއްވައި، އަދި މިހާރު ކުރިޔަށްދާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތްތައް ބައްލަވައި ލައްވާނެއެވެ. އެގޮތުން، އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

އަދި، އައްޑޫ ސިޓީގައި މިހާރު ކުރިޔަށްދާ ބޮޑެތި އެހެން މަޝްރޫޢުތަކުގެ ތެރެއިން، އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރިޔަށްދާގޮތް އެމަނިކުފާނު ބައްލަވައި ލައްވާނެއެވެ. މީގެ އިތުރުން އައްޑޫ ސިޓީ ހުޅުދޫގައި ހުންނަ، ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް ވެސް އެމަނިކުފާނު ޒިޔާރަތްކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގައި، އައްޑޫ ސިޓީކައުންސިލާއި، އ.ތ.މ ކޮމިޓީއާއި ބައްދަލުކުރެއްވުމުގެ އިތުރުން، އައްޑޫ ސިޓީގެ ރައްޔިތުންނާއިއެކު ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

އައްޑޫ ސިޓީގެ ތަރައްޤީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ބަދަލުތަކާއެކު އައްޑޫ ސިޓީއަކީ ސަރަޙައްދީ އިޤްތިޞާދުގެ މައި ހަބަކަށް ބަދަލުވެ، އޭގެ އެތަކެއް ފައިދާތަކާއި މަންފާއެއް ރައްޔިތުންނަށް ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން