ތިނަދޫއަށް އުދައަރާފައި
ތިނަދޫއަށް އުދައަރާފައި
  ގދ. ތިނަދު އަށް ވަރަށް ބޮޑަށް އުދަ އަރައި ގެއްލުންތަކެއް ލިބިފައިވާތީ ރައްޔިތުންގެ މަޖިލިހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި ކުއްލި މައްސަލަ ހުށައެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފެވެ. ކުއްލި މައްސަލަ ހުށައަޅުއްވަމުން ސަނީފް ވިދާޅުވީ އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ އެ ރަށަށް އުދަ އަރައި، ރައްޔިތުންނަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ ކަމަށެވެ.

ސަނީފްގެ ކުއްލި މައްސަލައިގައި ބުނެފައި ވަނީ ތިނަދު އަށް އުދަ އެރުމުގެ ސަބަބުން ރަށާއި އަތޮޅާއި އެހެނިހެން ރައްޔިތުންގެ ތަކެއްޗަށް އޭގެ ނޭދެވޭ އަސަރުކޮށްފައިވާ ކަމަށާއި މިކަމަކީ ކޮންމެ އަހަރަކު މަދުވެގެން ހައެއްކަ ފަހަރު ދިމާވާ މައްސަލައެއް ކަމަށެވެ. އަދި މިވީހާ ތަނަށް މިކަމަށް ހައްލެއް ލިބިފައި ނުވާ އިރު، އުދަ އެރުމުގެ ސަބަބުން ރަށުގެ ބަނދަރުގައި އަޅާފައިވާ އޮޑި ދޯނި ފަހަރަށް ގެއްލުންވެފައިވާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

މިކަމުގެ ސަބަބުން ބައެއް މީހުންނަށް މަހަށް ނުފުރި، އޮޑި މަރާމާތު ކުރަން ފައިސާ ހޭދަކުރަން ޖެހިފައިވާ، މި މައްސަލަ އަށް ދާއިމީ ހައްލެއް ނުލިބި ދިގުލައިގެން ދިއުމަކީ ރަށުގައި ދިރިއުޅޭ 12،000 ވަރަކަށް ރައްޔިތުންނަށާއި ކޮންމެ ހަފްތާއެއްގެ ތިން ދުވަހު ފެރީތަކުން ރަށަށް އަންނަ 1،500 އެއްހާ މީހުންނަށް ނުރައްކާތެރި ކަމެއް ކަމަށް ވެސް އެ މައްސަލައިގައިވެއެވެ.

އުދަ އެރުމުގެ ސަބަބުން ދާއިމީ ހައްލެއް ނުލިބޭ ނަމަ، ރަށުގެ ރައްޔިތުންނާއި އަތޮޅުގެ ރައްޔިތުންނަށް ތުރާތަކާއި ތަކުލީފުތައް ނުހަނު ބޮޑަށް ލިބި، ރައްޔިތުންގެ ހައްގުތަކަށް އަސަރުކޮށް ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ވެސް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ. އެހެންވެ، މިކަން ސަމާލުކަމަށް ގެނެސް، އެކަށީގެންވާ ދާއިމީ ހައްލެއް ގެނައުމަށް ކުއްލި މައްސަލައިގައި ސަރުކާރަށް ވަނީ ގޮވާލާފައެވެ.

މި މައްސަލަ އަށް ބަހުސް ކުރަން ފާސްކޮށްފައިވަނީ 37 މެމްބަރުންގެ ވޯޓުންނެވެ.

ތިނަދޫގެ އިތުރުން ދެކުނުގެ ބައެއް ރަށްރަށަށް ވަރަށް ބޮޑަށް އުދަ އަރައި ގެއްލުންތައް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ތިމަންނަ

08-Jul-2020

މިދުވަސް ކޮޅު ވޮށިމަސް ނުބޭނޭތީ މަޖްލީހަށް ކުއްލި މައްސަލައެއް ހުށަހަޅަން ބޭނުން...



ޓްރެންޑިން