ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް
ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް
ކުޅިވަރުގެ ޤާނޫނާއި، ރާއްޖޭގެ ކުޅިވަރުގެ ކަންކަން ރޭވިފައިވާގޮތުން މިނިސްޓަރުގެ ކަރީގައި ސިޔާސީ ބޭފުޅުން ވަޑައިގެން އިންތިޚާބްތައް ހުއްޓުވަން ވިދާޅުވުމަކީ ރީތި ކަމެއްނޫންކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ އިންތިޚާބުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގައި ވާހަކަ ދައްކަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ ރާއްޖޭގެ ކުޅިވަރާއި ބެހޭ އެންމެހައި ކަންކަން ޤާނޫނުން މަތިކޮށްފައިވަނީ ކަމިޝަނާ އޮފް ސްޕޯޓްސްއާއި ކަމަށެވެ. އެކަން އެހެން އޮއްވާވެސް މަޖިލީހުން މިނިސްޓަރަށް ޕްރެޝަރުކޮށްގެން އެފްއޭއެމް އިން ބޭއްވި އިންތިޚާބް ނުބޭއްވުމަށްބުނެ ސިޓީއެއްވެސް ފޮނުވާފައިވާނެ ކަމުގައި މަހުލޫފު ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ މިދަނޑިވަޅުގައި އިންތިޚާބް ބާތިލްކޮށް، ފީފާއިން ރާއްޖެ ސަސްޕެންޑްކުރާ ހިސާބަށް ފުޓުބޯޅައިގެ ކަންކަން ދިއުމަކީ ރާއްޖެއަށް އެކަމުން ނޭދެވޭ އަސަރުތައް ކުރާނެ ކަމެއްކަމަށެވެ. ފީފާ ވޯލްޑްކަޕް ކޮލިފައިންއާއި، އޭފްއެސީ މުބާރާތް އޮތުމުން މިކަންކަމަށް ހުރަސް އެޅޭގޮތަށް ކަންކަން ކުރުމަކީ ޤައުމަށް އެކަމުން ގެއްލުންތަކެއް ލިބޭނެކަމެއްކަމުގައި މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.

"އެފްއޭއެމް މަޖިލީހަށް ހާޒިރު ނުކުރެވޭނެކަމަށް ބައްސާމުވެސް ވިދާޅުވަނީ ހަގީގަތުގައި ފީފާއި އެކަމަށް ކުރިމަތިކުރުވާ ޕްރެޝަރާއިހެދި. ރާއްޖެ ފުޓުބޯޅަ ސަސްޕެންޝަނަށް ގޮސްފިނަމަ އަޅުގަނޑާއި ރައީސްވަރުގެ ނުބައި ބަޔަކު ނުތިބޭނެ. އެހެންވީމަ ކަންކަން ކުރަންޖެހޭނީ ޤާނޫނީ ހުދޫދުގެ ތެރެއިން. ޤާނޫނު ބުނާގޮތުން ކުޅިވަރު އެސޯސިއޭޝަންގެ ކަންކަން ބަލަހައްޓާނީ ކޮމިޝަނާ. އަޅުގނަޑު ލައްވާ ފޮނުވި ސިޓީއަކީވެސް ފޮނުވޭނެ ސިޓީއެއް ނޫން." މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ ފުޓުބޯޅައިގެ އިންތިޚާބް މީގެ 4 މަސްކުރިން އިއުލާންކުރިކަމަށެވެ. މިއަދު އިންތިޚާބް ގޯސްވެ އިންތިޚާބް ބާތިލްކުރުމަށް މަސައްކަތް ކުރާއިރު، އިންތިޚާބަށް ވާދަކުރާނެ މީހަކު ނެތުމަކީ އެއީ މައްސަލައެއްކަމަށެވެ. އެކަމުން ދޭހަވަނީ ރާއްޖޭގެ ފުޓުބޯޅަ ކްލަބްތައް އޮތީ އެފްއޭއެމްއާއިއެކުގައިކަން ހާމަވާ ކަމުގައި ވެސް މަހްލޫފް ވިދާޅުވިއެވެ. ކްލަބްތަކާއި ދެކޮޅަށް ސިޔާސީ ވާދަވެރިކަމުގައި ސިޔާސީ ކަންކަން ނިންމައިގެން ރާއްޖޭގެ ފުޓުބޯޅައަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.

"ކުޅިވަރުގެ ތާރީހުގައި މިދިޔަ އަހަރަކީ އެންމެ ކާމިޔާބް އަހަރު. އެތައް އެތުލީޓަކަށް ޓްރައިންނިންގެ ފުރުސަތުލިބުނު، ޓީމުތަކަށް ޓްރައިނިން ލިބުނު، ފެސިލިޓީސްތައް ހެދުނު. ދެން އަޅުގަނޑާއި އަޅުގަނޑުގެ ޓީމުން ކުރާ މަސައްކަތަކީ މިކަންކަން ޑެލިވާކޮށްދިނުން. އެކަން އެބަކުރަން." މަހުލޫފް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފުޓުބޯޅައިގެ ވާދަވެރިކަމުގައި ވަކި ބައެއްގެ މަސްލަހަތުގައި މިނިސްޓަރު މަޤާމުން ވަކިކުރާނެކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެފައިވާކަމަށެވެ. ނަމަވެސް މިކަމުގެ ވާދަވެރިކަމުގައި ވަކި މަސްލަހަތެއް ހިމާޔަތް ކުރުމަށްވުރެ މުޅި ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވެ މަހުލޫފް ވަނީ މެންބަރު އަލީ އާޒިމަށް ރައްދު ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން