"ހިޔާ މަޝްރޫޢު" ގެ ދަށުން ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް މިހާތަނަށް ފޯނުން ނުގުޅިހުރި ފަރާތްތަކުގެ ނަންތައް ހާމަކޮށްފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ "ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ހާލަތު" ދެނެގަތުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން އެ ފަރާތްތަކާއި ފޯނުން ގުޅައި ކަށަވަރު ކުރުމުގެ މަސައްކަތްތަކުގެ ދަށުން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން ނުގުޅޭ ބައެއް ފަރާތްތަކުގެ ނަންތައް މިލިސްޓުގައި ހާމަކޮށްފައިވާނެކަމަށެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން މިއަދު ގެޒެޓް ކޮށްފައިވާ މި ލިސްޓްގައި ހިމެނޭ ފަރާތްތަކަކީ، ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި H4 ،H5 ،H6 ، H8 އަދި H10، މި ކެޓެގަރީތަކުގެ ދަށުން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅުނު ފަރާތްތަކެވެ.

މީގެ އިތުރުން H7 އަދި H9 ކެޓަގަރީގެ "ދިރިއުޅުމުގެ ހާލަތު" ދެނެގަތުމުގެ މަސައްކަތް އަދި މުޅީން ނިމިފައިނުވާތީ، އެ މަސައްކަތް ނިމުމުން އެ ދެ ކެޓަގަރީއިން ނުގުޅޭ ފަރާތްތަކުގެ ލިސްޓްތައްވެސް ޢާންމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި، މިއީ ފްލެޓް ލިބިވަޑައިގަންނަވާ ބޭފުޅުންގެ ފައިނަލް ލިސްޓުތައް ނޫން ކަމަށްވެސް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ފާހަގަ ކޮށްފައިވެއެވެ.

މިއަދު ޢާންމުކުރި ލިސްޓުގައި ހިމެނޭ ފަރާތްތަކުން މިމަހުގެ 14 ވަނަ ދުވަހުގެކުރިން ރައީސް އޮފީހަށް އެންގުމަށް ވަނީ އެދިފައެވެ.

ހައުސިން މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ހިޔާމަޝްރޫއުގެ ފޯމްތައް އަލުން ބަލައި ފްލެޓްތައް ލިބިފައިވާ ފަރާތްތައް ކަށަވަރުކުރުމަށް މިސަރުކާރުން އެކުލަވާލި ކޮމިޓީން އެމަސައްކަތްތައް މިހާރު ދަނީ ކުރަމުންކަމަށެވެ. މިގޮތުން އެކޮމިޓީން މިހާތަނަށް 21000 ފޯމު އިވެލުއޭޓްކޮށްފައިވާ ކަމަށާއި އަދި 3343 ފޯމުގެ މަސައްކަތް ކުރަމުންދާ ކަމުގައި މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އެކޮމިޓީން ހާލަތު ބެލުމަށް 40 އިންސައްތަ ގޭބިސީއަށް ޒިޔާރަތްކޮށްފައިވާ ކަމުގައި ވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން