މިދައުރުގައި ދެކުނުގެ ރައްޔިތުންގެ ޖީބަށް އެންމެ ފައިސާފޮއްޗެއްވެސް އިތުރުކޮށްދީފައި ނުވާކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ނައިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑޫގައި ސަރުކާރުން ކުރިއަށްގެންދާ ޢުމްރާނީ ޕްރޮޖެކްޓް ތަކަށް އިޝާރާތްކުރަށްވަމުން އައްޑުއަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ޝަރީފް ވިދާޅުވީ އައްޑުއަށް އިންވެސްޓްކުރި ޓެކުސް ފައިސާ ދީފައިވަނީ ބޭރުގެ ދެކުންފުންޏަށް ކަމަށެވެ.

ޝަރީފް ވިދާޅުވީ ކިތަންމެ ވަރަކަށް ސާރވޭ ހެދިނަމަވެސް ހުވަދޫއަތޮޅާއި، އައްޑޫގެ މަސްވެރިން ބާނާ މަސްކޮޅަށް ފައިސާ ލިބޭކަމަކަށް ނުވާނެ ކަމަށެވެ. އަދި އައްޑޫގެ މުޅި އެތެރެވަރި ހިއްކައި މަގުގައި ސިމެންތި ކާނުތަކެއް ހެދިނަމަވެސް އައްޑޫއަށް އިޤްތިޞާދީގޮތުން ކުރިއެރުމެއް ލިބުނުކަމަށް ނުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

“މިސަރުކާރުން ހިންގި އެއްވެސް ޕްރޮޖެކްޓަކުން އައްޑޫ، ހުވަދޫ އަދި މުޅި ދެކުނުގެ ރައްޔިތުންގެ ޖީބަށް އެންމެ ފައިސާފޮއްޗެއްވެސް ނުއެޅޭ.” ޝަރީފް ވިދާޅުވިއެވެ.

މި ސަރުކާރުގެ ސިޔާސަތު ތަކުގެ ސަބަބުން ދިވެހި ހުރިހައި ވިޔަފާރިތައް އިނދަޖެހިފައިވާކަން ފާހަގަކުރަށްވަމުން ޝަރީފް ވިދާޅުވީ އައްޑޫގައި ހިންގާ ކޮންކްރީޓް މަޝްރޫޢުތަކުގެ ސަބަބުން އައްޑޫއަށް ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދިފައިވާކަމަށް ނުބުނެވޭނެ ކަމަށެވެ.

“8000 އެނދު ތަރައްގީވެ، ގަމަށް ޖައްސަންބުނި 5 މަންޒިލެއްގެ ފުލައިޓާއި، ޝަންގިރިއްލާ ހުޅުވުނީކަމަށް ނުބެލެވޭނެ،” ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިމޭރުމުން ވިދާޅުވެފައިވާއިރު އައްޑޫ ސިޓީގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައްޑޫ ސިޓީއަށް ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫޢު އާއި ސަރަޙައްދީ އިޤްތިޞާދުގެ މައި މަރުކަޒަކަށް އައްޑޫ ސިޓީ ބަދަލުކުރުމުގެ ގޮތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ވެސް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.

މި ބަދަލުތަކާއެކު އައްޑޫ ސިޓީއަކީ ސަރަޙައްދީ އިޤްތިޞާދުގެ މައި މަރުކަޒަކަށް ބަދަލުވެ، އޭގެ އެތައް ގިނަ ފައިދާތަކާއި މަންފާ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން