މައްޗަންގޮޅި ދެކުނު ދާއިރާ މެމްބަރު އަޙްމަދު ޚައިތަމް
މައްޗަންގޮޅި ދެކުނު ދާއިރާ މެމްބަރު އަޙްމަދު ޚައިތަމް
ކުޑަކުދިންނަށް ކުރަމުންދާ އަނިޔާ ހުއްޓާލުމުގެ ގޮތުން ދައުލަތުން ކުޑަކުދިންނާއި، ކުޑަކުދިންގެ ރައްކާތެރިކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދިނުމަށް އެދި ގޮވާލާ މައްޗަންގޮޅި ދެކުނު ދާއިރާ މެމްބަރު އަޙްމަދު ޚައިތަމް މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވައިފި.

ޤަރާރު ހުށަހަޅުއްވަމުން ހައިތަމް ވިދާޅުވީ މިމައްސަލަޔަކީ މިއަދު މުޖުތަމައުގައި އެންމެ ސީރިއަސްކޮށް ބަލަންޖެހިފައިވާ މައްސަލަ ކަމަށެވެ. ފާއިތުވެދިޔަ 4 އަހަރެއްހާ ދުވަހަށް ބަލާއިރުވެސް ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި، ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބެލުމުގައި ލަސްތަކެއް ހުރިކަމީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ގަރާރުގައި ބުނެފައި ވެއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ކޭސް ސްޓެޓިސްޓިކްސް ރިޕޯޓުގައި 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 2177 މައްސަލަ އެ މިނިސްޓްރީއަށް ހުށަހެޅިފައިވާއިރު، އެ މައްސަލަތަކުގެ ތެރެއިން 1097 މައްސަލައަކީ ކުޑަކުދިންނަށްކުރާ އަނިޔާގެ މައްސަލަތައް ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ކުޑަކުދިންނަށްކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން 314 މައްސަލައަކީ ކުޑަކުދިންނަށްކުރާ ޖިންސީ ހާނިއްކަ ކަމަށް ބަޔާންކޮށްފައިވާކަމަށް ހައިތަމް ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުން ވަނީ މިމައްސަލަތަކުގައި ބޮޑެތި އިހުމާލުވުންތަކެއް ހުރިއިރު މިކަންކަން ބަލަންޖެހޭކަން ފާހަގަކުރައްވާފައެވެ. ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވީ ޖެންޑާ ކޮމިޓީން ބަލާފައިވާ މައްސަލަތަކަށް ބަލާއިރު އިހުމާލުވުން ހުރި މިންވަރު ފެންނަމުންދާކަމަށެވެ. އެގޮތުން ޖެންޑާ މިނިސްޓްރީއާއި، ކަމާއި ގުޅުންހުރި ބައެއް އިދާރާތަކުންވެސް ވެފައިވާ އިހުމާލުވުންތައް ފެންނަން ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ މިއީ އިޖުތިމާއީ ބޮޑު މައްސަލައެއްކަމަށެވެ. މިއީ އިންސާނީ ކަރާމާތަށްވެސްހުރި ބޮޑު މައްސަލައަކަށްވާއިރު މިކަން ސަރުކާރުގެ ހުރިހާ އަމާޒެއް ހުއްޓުވައިގެންވެސް ހައްލުކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

މިޤަރާރު ހުށަހެޅުއްވި މައްޗަންގޮޅި ދެކުނު ދާއިރާ މެމްބަރު އަޙްމަދު ޚައިތަމް ވިދާޅުވީ ޤަރާރު ހުށަހަހެޅުއްވި އެންމެބޮޑު މަޤްސަދަކީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި ކުޑަކުދިންނާއި، އެ ކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމުގެ މަސްއޫލިއްޔަތު ޤާނޫނުން މަތިކޮށްފައިވާ ފަރާތްތަކުން އެމީހުންގެ މަސްއޫލިއްޔަތު ފުރިހަމަގޮތުގައި އަދާކުރުމަށް ބާރުއެޅުމުގެގޮތުންކަމަށެވެ. މީގެއިތުރުން މިހާރަށްވުރެ ބޮޑަށް ދައުލަތުން އެފަރާތްތަކަށް ސަމާލުކަން ދިނުމަށާއި، ދައުލަތުގެ ފެންވަރުގައި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއްކުރުމަށާއި، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށްޓަކައި ދައުލަތުން ކުރާ ހޭދަ މިހާރަށްވުރެ އިތުރުކުރުން ވެސް މި ގަރާރު ހުށައެޅުއްވި ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން