ހުޅުމާލޭގައި އެޅުމަށް ނިންމި 25 ބުރީގެ އިމާރާތް، ފޮޓޯ:ރައީސް އޮފީސް
ހުޅުމާލޭގައި އެޅުމަށް ނިންމި 25 ބުރީގެ އިމާރާތް، ފޮޓޯ:ރައީސް އޮފީސް
ކުރީގެ ސަރުކާރުން ހުޅުމާލޭގައި އެޅުމަށް މަސައްކަތް ކުރި 25 ބުރީގެ އޮފީސް އިމާރާތުގެ މަޝްރޫއަކީ އެއްބަސްވުމުގައި ސޮއިކުރެވުނުއިރުވެސް މަޝަރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައި ނުވާ މަޝްރޫޢެއް ކަމުގައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

ހުޅުމާލޭގައި 25 ބުރީގެ އޮފީސް އިމާރާތެއް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކޮށްފައިވާ މެލޭޝިއާގެ ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީ އަށް 22.8 މިލިޔަން ޑޮލަރު ދައްކަން ޖެހޭކަމަށް އާބިޓްރޭޝަނުން މިހާރު ވަނީ ނިންމާފައެވެ.

އެޗްޑީސީން ބުނެފައިވަނީ އެއްބަސްވުން ނޮވޭޓްކުރުމަށްފަހު، ކޮންޓްރެކްޓަރ ކޮށްފައިވާ މަސައްކަތްތަކަށް 30 (ތިރީސް) މިލިއަން އެމެރިކާ ޑޮލަރުގެ ބިލެއް ހުށަހަޅާފައިވާކަމަށެވެ. އެހެންނަމަވެސް، ކޮންޓްރެކްޓަރ ހުށަހަޅާފައިވާ ބިލުގައިވާ އަގަކީ، ކޮށްފައިވާ މަސައްކަތާއި ނުބައްދަލު އަގަކަށްވާތީ، ކޮންޓްރެކްޓަރާއި ގުޅިގެން ޖޮއިންޓް ވެރިފިކޭޝަނެއް ހެދުމަށްފަހު އަގު ކުޑަކުރެވިފައިވާކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

ހުށައަޅާފައިވާ އަގާއި މެދު ދެބަސްވުން އުފެދުމުން މައްސަލައަށް ހައްލެއް ހޯދުމަށް އެޖޫޑިކޭޓަރގެ ފަރާތުން ދިރާސާ ކުރުމަށްފަހު، ކޮންޓްރެކްޓަރ ކޮށްފައިވާ މަސައްކަތްތަކަށް ޖެހޭ އަގެއްގެގޮތުގައި 22.8 (ބާވިސް ޕޮއިންޓް އަށެއް) މިލިއަން އެމެރިކާ ޑޮލަރުކަމަށް ވަނީ ނިންމަވާފައެވެ.

އެޗްޑީސީން ބުނީ މި މަޝްރޫޢަކީ އެެ ކޯޕަރޭޝަންގެ ބިޒްނަސް ޕްލޭނުގެ ބޭރުން އެ ދަނޑިވަޅުގައި ކުއްލިގޮތަކަށް ކުރަންޖެހުނު މަސައްކަތެއް ކަމަށެވެ. އަދި މާލޭގައި އަޅަން ކުރިން ނިންމާފައި އޮތް އިމާރާތެއް ހުޅުމާލެއަށް ބަދަލު ކުރުމުން 155 މިލިއަން އެމެރިކާ ޑޮލަރަށް މަޝްރޫޢުގެ އަގު ބޮޑުވެގެން ދިއުމަކީ ކޯޕަރޭޝަންގެ ބެލެންސް ޝީޓަށް އިތުރުވެގެންދިޔަ ބިޔަ ބޮޑު ލޯނެއްކަމަށާއި ފީސިބިލިޓީއަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެގެން ދިޔަ ކަމެއް ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އެޖުޑިކޭޓަރ ނިންމަވާފައިވަނީ، ކޮންޓްރެކްޓަރ ކުރި މަސައްކަތްތަކަށް ކަމުގައި އެޗްޑީސީން ބުނެފައިވެއެވެ. އަދި އެފަރާތާއެކު ވެފައިވާ އެއްބަސްވުން ބާތިލްކުރުމަކީ އެންމެ އެކަށީގެންވާ ކަމަކަށް ނުފެންނާތީއާއި، އިޢާދަ ނުކުރެވޭނެ ފަދަ ބޮޑު ގެއްލުމަކުން އެޗްޑީސީ ސަލާމަތްކޮށް، މި މަޝްރޫޢު ކުރިއަށް ގެންދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

އެގޮތުން، މި މަޝްރޫޢު ދެކޮޅުޖެހޭނެ ފަދަ ގޮތަކަށް ސްކޯޕަށް ބަދަލުތަކެއް ގެނައުމުގެ އިތުރުން، ސަރުކާރާއި އެ ކޯޕަރޭޝަނަށް ގެއްލުން ނުވާނެފަދަ އެކަށީގެންވާ ފައިނޭންޝިއަލް ޓަރމްސް އާއެކު މަޝްރޫޢު ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ ކަންކަން ކުރުމަށް ކޮންޓްރެކްޓަރާއެކު މަޝްވަރާ ކުރެވެމުން ދާކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އަދި އެޖުޑިކޭޓަރގެ މި ނިންމެވުމާއި ގުޅިގެން، މި މައްސަލަ ޙައްލުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އާއި ދައުލަތުގެ ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކުރެވެމުން ދާކަމަށް ވެސް އެޗްޑީސީން ބުނެފައި ވެއެވެ.

މިމަޝްރޫޢުއަކީ މާލޭގައި 25 ބުރީގެ އޮފީސް އިމާރާތެއް ތަރައްޤީކުރުމަށްޓަކައި 2016 މާރިޗް 1 ވަނަ ދުވަހު މިނިސްޓްރީ އޮފް ފިނޭންސް އާއި މެލޭޝިއާގެ، ޑަބްލިއު.ޒެޑް.އާރު ޕްރޮޕަރޓީ އެން.ޑީ.އެން ބީ.އެޗް.ޑީ ގްރޫޕާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖައްފައި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 122.7 މިލިއަން އެމެރިކާ ޑޮލަރެވެ. މި މަޝްރޫޢު ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބަދަލުކުރުމަށް އޭރުގެ ސަރުކާރުން ނިންމެވުމާ ގުޅިގެން، ނޮވޭޝަން އެއްބަސްވުމެއްގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސްގެ މައްޗަށްވާ އެންމެހައި އިލްތިޒާމްތައް 2017 މާރިޗް 7 ވަނަ ދުވަހު އެޗްޑީސީއަށް ވަނީ ބަދަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން