ސިޔާސީ ގޮތުން ފަސް މިލިއަން ޑޮލަރު ލިބިވަޑައިގެންނެވި ކަމަށާއި އެ ފައިސާ ބަލައި ވަޑައިގެންނެވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ހައިކޯޓުގައި މިއަދު އޮތް އިސްތިއުނާފް ޝަރީއަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ ފަސް މިލިއަން ޑޮލަރު، ލޯންޗުކޮޅު ގޮއްވާލި ހާދިސާއާ ހަމައަށް ވެސް ހުރީ ކުރީގެ ނައިބު ރައީސް އަދީބުގެ އަތްޕުޅުގައި ކަމަށެވެ. ރައީސް ޔާމީން ފަސް މިލިއަން ޑޮލަރު، އެމަނިކުފާނަށް ސިޔާސީ ގޮތުން ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވި ނަމަވެސް އެއީ ކިހިނެއް ކޮންތާކުން ލިބިވަޑައިގެންނެވި ފައިސާއެއް ކަމެއް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހާމަ އެއް ނުކުރައްވައެވެ. އެހެން ނަމަވެސް ފައިސާ ލިބިވަޑައިގެންނެވި އެމަނިކުފާނު އެއްބަސްވެވަޑައިގެންނެވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް، އެމަނިކުފާނު އިސްތިއުނާފު ކުރުމުން ކުރިއަށް ގެންދާ ޝަރީއަތުގެ ފަހު ބަސް އިއްވުމަށް ބޭއްވި މި އަޑުއެހުމަކީ ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާވި އެއް މިލިއަން ޑޮލަރު، އޭސީސީގެ އެކްސްކުރޯ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެ ސޭވިން އެކައުންޓަކަށް ޖަމާކޮށް އޭގެ މަންފާ ހޯދި މައްސަލައެވެ. ދައުލަތުން ބުނެފައިވަނީ އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ގދ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބުނު ފައިސާ ކަމަށެވެ.އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އެއީ އެ ފައިސާ ނޫންކަން ބަޔާންކޮށް ދެއްވައި ދިފާއުގައި ގިނަ ވާހަކަ ތަކެއް ދައްކަވާފައެވެ.އެގޮތުން އެމަނިކުފާނާ ވޮޑުމުލާއާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެއީ އޮންނަ ރަށެއްކަން ވެސް އެނގިވަޑައިގެންނެވީ ކުރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. އަދި، އެމަނިކުފާނާ ވޮޑުމުލާއާ ދައުލަތުން ގުޅުވަނީ އެއްވެސް އަސާސެއް އޮވެގެން ނޫން ކަމަށް ވެސް ޔާމިން ވިދާޅުވި އެވެ.

"މި މައްސަލަ ބެލި ފުލުހުންނަށް އެނގޭނެ ވޮޑުމުލާ ލިބިފައި އޮތީ ކޮން ބަޔަކަށްކަން، އެ ރަށަށް ބޭރުގެ ބަޔަކަށް ދިނުމުގައި އުޅުނީ އަދީބުގެ ގާތް އެކުވެރިން، އެ ރަށް ލިބުނީ އަދީބުގެ ވަރަށް ގާތް ދެ އެކުވެރިންނަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އަދީބުގެ އަތުން ފައިސާ ހޯދުމަށް އެމަނިކުފާނު ގުޅުއްވި ކަމަށާއި ނަމަވެސް އެއީ ދައުލަތުގެ ފައިސާއެއް ނުވަތަ ވޮޑުމުލާގެ ފައިސާ ހޯދުމަށް ނޫން ކަމަށެވެ. އެމަނިކުފާނުގެ ގިނަ އަދަދެއްގެ ފައިސާ އަދީބުގެ އަތުގައި ހުރި ކަމަށާއި ލޯންޗުކޮޅު ހާދިސާއަށްފަހު އެ ފައިސާތައް ހޯދަން ބޭނުންވި ކަމަށެވެ. އަދީބުގެ އަތުގައި ހުރީ އެމަނިކުފާނަށް ސިޔާސީ ގޮތުން ލިބިވަޑައިގެންނެވި ފައިސާ ކަމަށް ވިދާޅުވެ އެމަނިކުފާނު ދައްކަވާ ވާހަކަތަށް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވަނީ ތަކުރާރު ކުރައްވާފައެވެ.

"އެއް މިލިއަން ޑޮލަރެއް ވެސް ނޫން އަޅުގަނޑުގެ އަދީބުގެ އަތުގައި ހުންނާނީ، ސިޔާސީ ގޮތުން ފަސް މިލިއަން ޑޮލަރު އަޅުގަނޑަށް ލިބުނު، އެއާ ހަވާލުވާން ދިޔާއީ ކުރީގެ ފިޝަރީޒް މިނިސްޓަރު ޝައިނީ އާއި އަދީބު، އެހެންވެ އެ ފައިސާ އަޅުގަނޑު ބޭނުންވީ، ދައުލަތުގެ ފައިސާ ދޭކަށް އަޅުގަނޑު ނުބުނަން،" ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް އެމްއެމްޕީއާރްސީގެ އެއްވެސް ޗެކެއް އަދި އެންޑޯސްކޮށްފައިވާ ޗެކެއް ވެސް ލިބިފައިނުވާ ކަމަށެވެ. އެސްއޯއެފްއިން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރިއިރު ވެސް އެ އެކައުންޓްގައި ނުވަ އެއް މިލިއަން ނުވަ ލައްކައެއްހާ ޑޮލަރު ހުރި ކަމަށާއި އެހެންކަމުން އެ ތަނުން ވޮޑުމުލާގެ ފައިސާގެ ކަމަށް ދައުލަތުން އެ އެއް މިލިއަން ޑޮލަރު ކަނޑައަޅާ ގޮތަކާމެދު ވެސް ރައީސް ޔާމީން މިއަދު ވަނީ ސުވާލު އުފައްދަވާފައެވެ.

ރައީސް ޔާމީންގެ މާލީ ބަޔާނުގައި އެ އެއް މިލިއަން ޑޮލަރަކީ އަދީބު ދިން ކަމަށް ބުނާ ފައިސާއެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ. އެމަނިކުފާނު ވިދާޅުވީ އެގޮތަށް މާލީ ބަޔާނުގައި ބަޔާންކުރީ އަދީބު އެހެން ވިދާޅުވަމުންދާތީ ކަމަށެވެ. އެ ފައިސާއާމެދު އެއްވެސް ޝައްކެއް އެމަނިކުފާނުގެ ނެތް ކަމަށާއި އެއީ އެމަނިކުފާނަށް އަދީބު ދޭން ޖެހޭ ފައިސާތަކެއް ކަމަށް އެނގިވަޑައިގަންނަވާ ކަމަށް ޔާމިން ވިދާޅުވިއެވެ.

އެހެން ނަމަވެސް އެ ފައިސާތައް އޭސީސީއާއެކު އެއްބަސްވުމެއް ހަދައި އެކްސްކުރޯ އެކައުންޓެއްގައި ބެހެއްޓުމަށް ނިންމީ އިންތިހާބަށް ނުކުންނައިރު ރައްޔިތުންގެ ހިތުގައި އެއްވެސް ޝައްކެއް އުފެދޭ ފައިސާ އަތުގައި ނުބަހައްޓައި އެއީ ދައުލަތުގެ ފައިސާއެއް ކަމަށްވާނަމަ އެ ފައިސާ ދައުލަތަށް ލިބޭނެ ގޮތް ހެދުމުގެ މަގުސަދުގައި ކަމަށް ޔާމިން ވިދާޅުވިއެވެ.

މައްސަލާގައި ފަހު ބަސް އިއްވުމަށް ފުރުސަތު ދެއްވުމުން ރައީސް ޔާމީން ވަނީ ވަކީލުންނާ ބައްދަލު ކުރައްވައި ޖަވާބު ތައްޔާރުކުރުމަށް ފުރުސަތެއް ދެއްވުމަށް އެދިވަޑައިގެންފައެވެ. މިހާރު ވަކީލުންނާ ބައްދަލު ނުކުރެވޭ ކަމަށާއި 10 މިނެޓްގެ ފޯނު ކޯލަކުން ހުރިހާ މަޝްވަރާއެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ޝަރީއަތުގެ ސަމާލު ކަމަށް ގެންނަވާފަ އެވެ. އެހެންވެ ފަނޑިޔާރުންގެ ބެންޗުން ވަނީ ރައީސް ޔާމީންއާ ވަކީލުން ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖެހޭތޯ ބެލުމަށް ދައުލަތަށް އަންގަވާފައެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އެންމެ އިސް ވަކީލް، ޑރ މުޙައްމަދު ޖަމީލް އަޙުމަދު ދެއްކެވި ވާހަކައިގައި، ހައިކޯޓުގެ އިސްތިޢުނާފީ މަރުޙަލާއަށް އައިއިރުވެސް، ރައީސް ޔާމީން ކުރެއްވި ކުށަކީ، ކޮބައިކަން ދަޢުލަތަށް ސާފުކޮށްދެވިފައި ނުވާ ކަން ވަނީ ފާހަގަކުރައްވާފައެވެ. އެމްއެމްޕީއާރުސީއާއި ގުޅޭގޮތުން އޭސީސީން ނެރުނު ތަޙުޤީޤު ރިޕޯޓުގައިވެސް ރައީސް ޔާމީނަށް އެއްވެސް ތުޙުމަތެއް ކޮށްފައި ނުވާ ކަން ޖަމީލް ވަނީ ފާހަގަކުރައްވާފައެވެ.

މިއަދުގެ އަޑުއެހުމުގައި، ޖަވާބުދާރީ ވުމަށް ދަޢުލަތަށް ލިބުނު ފުރުޞަތުގައި ވާހަކަ ދައްކަވަމުން، ދަޢުލަތުގެ ވަކީލް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމާއި، އޭސީސީން ކުރި ތަޙުޤީޤު ރިޕޯޓާއި އެއްވެސް ގުޅުމެއް ނުވާ ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޙުކުމާއި ގުޅޭ މައްސަލައަކީ، މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ތަޙުޤީޤުކުރެވިގެން ނިންމާފައިވާ މައްސަލައެއް ކަމަށް ދައުލަތުގެ ވަކީލް ވަނީ ފާހަގަކުރައްވާފައެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނެ ދުވަހެއް ޝަރީޢަތުން މިއަދު އިއުލާނެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ޢަލީ

09-Jul-2020

ތި 5 މިލިޔަން ޑޮލަރު ދިންމީހަކު ނުބުނީ ކީއްވެބާ


5

ރައްޔިތުން

09-Jul-2020

ކޮންތާކުންތޯ ތިހުރިހާފައިސާޔާބޮޑުގެއަކާ؟ އެކަމަކުމުސާރަވެސްނަގަނީބަޔެކޯ. އަދިއޮންނީނެހައްގައްނިޔާކުރާދުވަހެއް 😭



ޓްރެންޑިން