ޑރ.މުހަންމަދު ޖަމީލް އަހުމަދު
ޑރ.މުހަންމަދު ޖަމީލް އަހުމަދު
އެމްޑީޕީ އަަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތްހާ ހިދަކު ރާއްޖޭގައި މިނިވަން ތަހުގީގެއް ވެސް ދައުވާ އެއްވެސް ނުކުރެވޭނެ ކަމަށް ރައީސް ޔާމިންގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ޑރ.މުހަންމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިންގެ ގާނޫނީ ޓީމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ނާއިބް ރައީސް ޑރ.މުހަންމަދު ޖަމީލް އަހުމަދު ވިދާޅުވީ، ފުލުހުންގެ މުވައްސަސާ އިން ތަހުގީގުތައް ހިންގަނީ އެންމެންނާއި މެދު އެއްހަމައަކުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ފުލުހުންގެ ލީޑަރ ޝިޕް ފެންނަނީ ސިޔާސީ އެކްޓިވިސްޓުންގެ ގޮތުގައި ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ. ފުލުހުންގެ މުވައްސަސާއިން ފިޔަވަޅު އަޅަނީ ވަކި ބާވަތެއްގެ ވަކި ކަހަލަ ކަންތައްތަކެއް އައުމުން ކަމަށް އެކަނި ކަމަށް ޖަމީލް ތުހުމަތު ކުރެއްވިއެވެ.

"ރައްޔިތުންގެ މަޖިލީހުގައި މިކިޔާ ސުޕަ މެޖޯރިޓީ މިގޮތަށް އޮތްހާ ހިދަކު އަޅުގަނޑެއް ގަބޫލެއް ނުކުރަން ދިވެހިރާއްޖޭގައި މިނިވަން އިންސާފުވެރި ތަހުގީގެއް ވެސް ހިންގުމުގެ ޖާގަ ލިބިގެންދާނެ ކަމަކަށް. އިންސާފުވެރި ދައުވާ ކުރުމުގެ ނިޒާމެއް ވެސް ރާއްޖޭގައި ހިނގައިދާނެ ކަމަކަށް ގަބޫލެއް ނުކުރަން." ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅިގެން އެކަނި ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމު މަޤާމުން އެއްފަރާތަށް ޖެހިވަޑައިގެން މިމައްސަލައިން އެކަނި ވިޔަސް ތަނާޒިލުވެވަޑައިގަންނަވަން ޖެހޭ ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދީބާއި ޒިޔަތަކީ އެމްއެމްޕީއާރުސީ މައްސަލާގައި މުގުލުގައި ތިއްބެވި ދެ ބޭފުޅުން ކަމަށާއި އެބޭފުޅުން ތަމްސީލުކުރެއްވި ވަކީލަކަށް އެބޭފުޅުންވެސް ހިމެނިވަޑައިގަންނަވާ މިމައްސަލާގައި ޝާމިލުވާ ފަރާތްތަކަށް އިންސާފު ހޯދައިދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޖަމީލް ވިދާޅުވިއެވެ. އެމީހުން މިއަދު ގޭބަންދުގައި ތިބެނީ ކިހިނެއްވެގެންތޯ އާއި ދައުލަތުގެ ހެކީންގެ ގޮތުގައި އެމީހުން ވަނީ ކީއްވެގެން ކަމާއިމެދު ޖަމީލް ވަނީ ސުވާލު އުފައްދަވާފައެވެ.

"މިމައްސަލަ ( އެމްއެމްޕީއާރުސީ) ގެ މައްސަލަ ތަކުން ޕީޖީ އެއްކިބާވެވަޑައިގަންނަވަންޖެހޭ، ހަމައެކަނި ޕީޖީ ޝަމީމު މިމައްސަލައިގައި ކޯޓަށް ގޮސްފައި ހުރި އެއް ނޫން، އަޅުގަނޑު މިދައްކަނީ މިމައްސަލައިގެ މައި ދެމީހުން، އަދީބާއި ޒިޔަތުގެ ވަކީލެއްގެ ގޮތުގައި އުޅެފައި ހުރިއްޔާ ދެން ކޮން ހައިސިއްޔަތަކުންތޯ ޖަސްޓިފައި ކުރާނީ މިއަދު ތިމަންނާ އެމީހުން ވެސް ހިމެނޭ ގޮތަށް އިންސާފު ހޯދައިދޭނަމޭ މިމައްސަލައިގެ ހިމެނޭ އެހެން ފަރާތްތަކަށް ކިހިނެތްތޯ އެކަން ކަށަވަރުކުރާނީ އިއްޔެ އެމީހުން ( އަދީބާ ޒިޔަތު) ދިފާއު ކުރަން އުޅުނީ. އެމްއެމްޕީއާރުސީގެ މުޅި މައްސަލައިގެ ސަމާލުކަން މިއޮތީ އެއް ފަރާތްވެފައި، މިއަދު މި ފެންނަނީ ހަމައެކަނި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމިންގެ މައްޗަށް އެކަނި ހިންގާ ތަހުގީގުތަކެއް މިފެންނަނީ." ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން ޖަމީލް ވަނީ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރެވޭ އެހެން ފަރާތްތަކުގެ މައްސަލަ ތަހުގީގް ކުރިއަށް ނުގެންދާތީ އެކަމާ މެދު ސުވާލު އުފައްދަވާފައެވެ.

"ކޮބާހޭ ދެން މިކަމުގައި އުޅުނު އެހެން މީހުން ކޮބާހޭ މަޖިލީހުގެ މެމްބަރުން. ކެރޭނެހޭ އެކުއެކީގައި ފުލުހުންގެ މުވައްސަސާ އަށް ހާޒިރުކޮށްގެން އެކުއެކީގައި ސުވާލުކޮށް ތަހުގީގް ހިންގަން ކެރޭނެހޭ، އެމަންޒަރެއް އަޅުގަނޑުމެންނަށް ފެނިގެނެއް ނުދޭ." ޖަމީލް ވިދާޅުވިއެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނާ ދެކޮޅަށް ހެކިބަސް ދިން މީހުންގެ ތެރެއިން ދެ ހެކިވެރިންނަކީ ރައީސް ޔާމީނާ ޒާތީ ޙަސަދަވެރިކަމެއް އޮތް ފަރާތްތަކެއް ކަމުގައި ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުން މިއަދު ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުގެ ފަރާތުން ވާހަކަދެއްކެވި ވަކީލު ޢަލީ ޝާހު ވިދާޅުވީ ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުންވަނީ ހެކި އުފަންކޮށްފައި ކަމަށެވެ. އޭގެ އިތުރަށް ހެކިން ޝަރީޢަތުގެ މަޖިލިހުގައި ދިން ހެކިބަހަކީ ދޮގު ހެކިބަހެއްކަން މިހާރު އެގޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރައީސް ޔާމީނާމެދު މިފަރާތްތަކުގެ ހިތުގައި ޒާތީ ޙަސަދަވެރިކަމެއް އޮންނާނެކަމީ ހަމަބުއްދިން ވިސްނައިލުމުން އެނގޭ ކަމެއް ކަމުގައި ވަކީލުންގެ ޓީމުން ބުނެފައިވެއެވެ. އަދި ދަޢުވާކޮށްފައިވަނީ ލިބިފައިވާ ހެކިވެރިންގެ ހެކިބަހުން މިމައްސަލަ ސާބިތުކުރެވޭނެ ކަމުގެ ޔަޤީންކަން އޮތުމުން ކަމުގައި ކަމަށާއި، ނަމަވެސް ތަހުގީގު ބަޔާންތަކުގައި މިދައުވާ ސާބިތުވާނެ މިންވަރުގެ އެއްވެސް ވާހަކައެއް ނެތް ކަމަށް ޝާހު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން