ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލަ ފުލުހުން ތަޙްޤީޤު ކުރަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ، ޓުއަރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ މައްސަލައެއް ފުލުހުންނަށް މިރޭ ހުށަހަޅާފައިވާ ކަމަށެވެ. އެމައްސަލަ ގެންދަނީ ތަޙްޤީޤު ކުރަމުން ކަން ފުލުހުން ވަނީ ޔަގީންކޮށްދީފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައިވާ ކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑަރ މިނިސްޓްރީ އަށް ހުށަޅާފައި ކަމަށެވެ.

މިކަމާ ގުޅިގެން މިނިސްޓަރ ޢަލީ ވަޙީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ އަންގަވާފައެވެ. ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންނަށް މިނިސްޓަރ ޖިންސީ ގޯނާ ކުރައްވާފައިވާ ކަމަށެވެ. އެގޮތުން އޮފީސް ތޭރެގައި މިނިސްޓަރގެ ކެބިންއަށް އަންހެން ސްޓާފުން ގެންގޮސްގެންނާއި ރިސޯޓަށް ގެންގޮސްގެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރައްވާފައިވާކަމަށް ތުހުމަތުކުރެވޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި "ސީކްރެޓް ޗެޓުން" މުވައްޒަފުންނާއި ބަދު އަޚްލާގީ ވާހަކަތައް މިނިސްޓަރ ދައްކަވާފައިވާ ކަމަށްވެސް އެނގިފައިވެއެވެ.

މިމައްސަލަ ފެންމަތިވެގެން ގޮސްފައިވަނީ އޮފީސް ތެރޭގައި ޖިންސީ އަނިޔާ ލިބިފައިވާ ދެ މުވައްޒަފަކު ދެއްކި ވާހަކަތައް މިނިސްޓްރީގެ އިސް އޮފިޝަލުން ރައީސްގެ ސަމާލުކަމަށް ގެނައުމުންނެވެ. އަދި އޮފިޝަލުން ބެލިބެލުމުން މިހާރުވެސް މަސައްކަތް ކުރަމުންދާ މުވައްޒަފުންނާއި ކުރީގައި މިނިސްޓްރީގައި މަސައްކަތް ކޮށްފައިވާ މުވައްޒަފުންނަށް މިނިސްޓަރުގެ ފަރާތުން އެކި ގޮތްގޮތުން ޖިންސީ ގޯނާ ފޯރާފައިވާކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ވަހީދަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތާއި ގުޅިގެން އޭނާ ވިދާޅުވީ ވަގުތު ޖެހުމުން ހަގީގަތް ހާމަވާނެ ކަމަށާއި، މިދުވަސް ވެސް ހިގައިދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން