ޖިންސީ ގޯނާގެ ތުހުމަތު ތަކެއް ކުރެވުމާއެކު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމާއި ގުޅިގެން ރައީސްގެ އެ ނިންމެވުމަށް ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލަޤައްޔޫމް ތައުރީފު ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަހުލާގީ މައްސަލަތަކެއް ޓޫރިޒަމް މިނިސްޓްރީގައި ހިނގާފައިވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑާ މިނިސްޓަރަށް ހުށަޅާފައިވާތީ އެކަމާ ގުޅިގެން ރައީސް ވަނީ އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމަށް އަންގަވާފައިވާ ކަމަށެވެ.

ރައީސް މައުމޫން މިރޭ ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ ރައީސްގެ އެ ނިންމެވުމަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި މި ކަހަލަ މައްސަލަތަކުގައި އަވަސް އިސްލާޙީ ފިޔަވަޅު އެޅުއްވުން ވަރަށް މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަންހެނުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ އެއްވެސް ގޮތަކަށް ތަހައްމަލު ކުރެވިގެންވާނެ ކަމެއް ނޫން ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.



"ޚާއްސަ ކޮށް ސަރުކާރުގެ އޮފީސްތަކުގައި ކަމުގައި ވިޔަސް އެކަން ބަލައިނުގަނެވޭނެ." މައުމޫން ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު އޭނާ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުން މިހާރު ވަނީ ތަހުގީގް ކުރަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން