ހެލްތްމިނިސްޓްރީން ބޭއްވި އިވެންޓެއްގެ ތެރެއިން، ފޮޓޯ:ހެލްތް މިނިސްޓްރީ
ހެލްތްމިނިސްޓްރީން ބޭއްވި އިވެންޓެއްގެ ތެރެއިން، ފޮޓޯ:ހެލްތް މިނިސްޓްރީ
މާލެ ސަރަހައްދުގައި ޚިދުމަތްދޭ ތަންތަނުގައި ޚާއްސަ އޮޕަރޭޝަނެއް މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށް ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ނިންމައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ކޯވިޑް-19 އާއި ގުޅިގެން އައު އާންމު ޙާލަތަށް ރުޖޫޢަވުމަށްޓަކައި އާންމު ޚިދުމަތްދޭ ތަންތަނުގައި ރައްކާތެރިކަމާއެކު ޚިދުމަތްދިނުމުގެ އިންތިޒާމު ހަމަޖެއްސުމަކީ މިބަލި ފެތުރުން މަދުކުރުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއްކަމަށެވެ.

މިގޮތުން މިފަދަ ތަންތަނުން އާންމުފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭންވާނީ، ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން ޢާއްމުކޮށްފައިވާ އުޞޫލުތަކާ އެއްގޮތައްކަމަށް އެފަރާތުން ބުނެފައި ވެއެވެ. މިއުޞޫލުތަކާ އެއްގޮތަށް ގްރޭޓަރ މާލޭ ސަރަޙައްދުގައި ހިމެނޭ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނާއި، ޢާއްމު ކާބޯތަކެތި ވިއްކާ ފިހާރަތަކާއި، ޖިމް ނުވަތަ ފިޓްނަސް ސެންޓަރުތަކާއި، ސެލޫންތައް އަދި މާރުކޭޓް ފަދަ ތަންތަނުން ޢަމަލުކުރަމުންދޭތޯ ބެލުމަށްޓަކައި އެޗްޕީއޭއާއި ސަރުކާރުގެ އެހެނިހެން އިދާރާތައް ގުޅިގެން 12 ޖުލައި 2020 ން ފެށިގެން ގްރޭޓަރމާލޭ ސަރަޙައްދުގައި ޚާއްސަ އޮޕަރޭޝަނެއް ހިނގަމުން ދާނެކަމުގައި ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވެއެވެ.

ކޯވިޑް19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދެމުންދާއިރު، އާންމު ޚިދުމަތްދޭ ގިނަ ތަންތަން ރޭގަނޑު 10 އަކާއި ހަމަޔަށް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އުވާލުމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާއިއެކު މާލެ ސަރަހައްދުން އަތޮޅުތަކަށް މީހުން ކުރާ ދަތުރުތަކުގައި މިހާރު އޮތް ހަރުކަށި އުސޫލަށްވެސް ބޮޑު ލުޔެއް ދިނުމަށް ދަނީ ތައްޔާރުވަމުންނެވެ. މިހާލަތާއި ގުޅިގެން ބޮޑެތި ލުއިތަކެއް ދިންނަމަވެސް މިބަލި އެއްކޮށް ފިލައިގެން ދިޔަކަމަށް ޤަބޫލުނުކޮށް، ކޮންމެ ހާލަތެއްގައިވެސް ބަލީގެ ނުރައްކާ ބޮޑުވެދާނެ ކަމަށް ބަލައިގެން އަމަލުތައް ބެހެއްޓުމަށް ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން