ޕީޕިއެމްގެ ނާއިބް ރައީސް ޣައްސާން މައުމޫން
ޕީޕިއެމްގެ ނާއިބް ރައީސް ޣައްސާން މައުމޫން
މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ސީރިއަސް ތުހުމަތުތަކަކާއެކު، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު މަގާމުން ވަކި ކޮށްފައިވާއިރު ފުލުހުންގެ ތަހުގީގާއި އިންސާފު އަވަސް ކުރުމަށް ޕީޕިއެމްގެ ނާއިބް ރައީސް ޣައްސާން މައުމޫން ގޮވާލައްވައިފި އެވެ.

މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަލީ ވަހީދަށް ރޭ އެންގެވީ ޖިންސީ ގޯނާގެ މައްސަލަތަކެއް ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް އިއްޔެ ރައީސްއަށް ހުށައެޅުމާއި ގުޅިގެންނެވެ. އިސްތިއުފާ ދޭން ރައީސް އެންގެވި ނަމަވެސް އަލީ ވަހީދު އިސްތިއުފާ އެއް ނުދެއްވިއެވެ. އެހެންކަމުން ރައީސް ވަނީ އަލީ ވަހީދު މިއަދު މަގާމުން ވަކިކުރައްވާފައެވެ.

މިމައްސަލައާއި ގުޅިގެން ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން ވިދާޅުވީ އަލީ ވަހީދުގެ މައްސަލައިގެ އިތުރުން، މިހާރު ފެންމަތިވެގެން އުޅޭ ރޭޕްގެ އެހެން މައްސަލަތައްވެސް އެއްވެސް އިސްތިސްނާއެއް ނެތި ފުލުހުން އަވަސް ކުރަން ޖެހޭ ކަމަށެވެ.

"ވަކި މީހަކަށް، ވަކި އިންސާފެއްގެ ނާތަހުޒީބު ގޮތް އިސްލާހު ކުރުން." ފުލުހުންނަށް އިޝާރަތް ކުރައްވައި ޣައްސާން ވިދާޅުވި އެވެ.

އަލީ ވަހީދު މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަތައް ފެންމަތިވެގެން ދިޔައިރު މީގެކުރިން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ފޯނުން ގުޅައިގެން އަލީ ވަހީދު ޖިންސީ ފުރައްސާރަ ކުރި މައްސަލަ އެއް ވަނީ ފެންމަތިވެފައެވެ. އެކަމުގެ ޝަކުވާ މިނިސްޓަރު ނަހުލާ، ރައީސް ސޯލިހަށް އޭރު ހުށަހެޅުއްވި ކަމަށްވެއެވެ. އެކަމުގެ ފާޑުކިޔުންތައް ވެސް ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވިއެވެ. އަލީ ވަހީދު މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުން ވަނީ ތަހުގީގް ކުރަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން