ކޯވިޑް-19 އާއި ގުޅިގެން ކަމާގުޅޭ އިދާރާތަކުގެ އިސް ވެރިންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން
ކޯވިޑް-19 އާއި ގުޅިގެން ކަމާގުޅޭ އިދާރާތަކުގެ އިސް ވެރިންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން
ރާއްޖޭގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އިޢުލާނު ކުރެވުނު ފުރަބަންދުގެ ޙާލަތަށް ދިން ލުއިތަކާއި ގުޅިގެން ނުކުތް ނަތީޖާތަކަށް ބިނާކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި ޢަމަލު ކުރެއްވުމަށް ނިންމަވާނެ ގޮތްތަކާއި ގުޅޭގޮތުން، ކަމާގުޅޭ އިދާރާތަކުގެ އިސް ވެރިންނާއި ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުކީ ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު އުވާލުމަށްފަހު ކޯވިޑް-19 ގެ ޙާލަތު ބަދަލުވަމުންދާ ގޮތް ގާތުން ބެއްލެވުމަށް ސިލްސިލާ ގޮތަކަށް ބާއްވަވަމުން ގެންދަވާ ބައްދަލުކުރެއްވުމެއް ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ޢާންމު ދިރިއުޅުން ބަހައްޓަންވީ ގޮތްތަކާއި، މީހުން ހޭލުންތެރިވެ ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.އަދި، ޞިއްޙީ ދާއިރާއިން މިކަމަށް ވަމުންދާ ތައްޔާރީތަކާއި، ދިމާވާ ގޮންޖެހުންތަކުގެ އިތުރުން މި ކަންކަމުގައި ކުރިއަށްދާނެ ގޮތްތަކާއި ބެހޭގޮތުންވެސް މި ބައްދަލުވުމުގެ ބައިވެރީންނާއި ރައީސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ކެބިނެޓްގެ ބައެއް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސް ވެރިންނާއި، ޞިއްޙީ ދާއިރާގެ މާހިރުން އަދި ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ އިސް ވެރިންނާއި، ފުލުހުންނާއި، ސިފައިންގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން