ޑރ. އަަފްޒަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ޑރ. އަަފްޒަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ކޮންޓެކްޓްވާ މީހުން މިހާރު ވަރަށް ބޮޑު ތަނުން އިތުރުވެފައިވާ ކަމަށާއި، މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ޑރ. އިބްރާހީމް އަފްޒަލް މިރޭ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ، ލޮކްޑައުންއަށް ދިން ލުއިތަކާއެކު މިއީ ނިއު ނޯމަލްކަން ގިނަ ބަޔަކު ހަނދާން ނައްތާލާފައިވާ ކަމަށެވެ. ފުރަބަންދަށް ލުއިދިނުމާއެކު އާންމުންގެ ހަރަކާތްތަކުން ފެނިގެންދަނީ އިހުގެ ދިރިއުޅުމުގެ ތެރެއަށް ދިޔަ މަންޒަރު ކަމަށް އަފްޒަލް ވަނީ ފާހަގަކުރައްވާފައެވެ.

މުޅިން ލުއިދީފައި އޮތްނަމަވެސް އަދިވެސް ބޭރަށް ނުކުތުން ރަނގަޅީ ޒަރޫރީ ބޭނުމެއްގައި ކަމަށް އަފްޒަލް ވިދާޅުވިއެވެ. އެގޮތުން ބޭރަށް ނުކުންނައިރު ވެސް މާސްކް އެޅުން މުހިއްމު ކަމަށް އަފްޒަލް ވިދާޅުވިއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާމެދު ފަރުވާކުޑަކޮށްލެވުމަކީ ބަލި ކޮންޓްރޯލްކުރުމަށް އެޅޭ އިތުރު ހުރަހެއްކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލްވަނީ އިތުރު ފުރަބަންދަކަށް ދިޔަ ނުދީ މި ދަނޑިވަޅުގައި އެންމެން އެކުގައި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ، އޮފީސްތައް ހުޅުވުމާއެކު ކްލަސްޓަރތަކާއި ގުޅުމެއްނެތް ކޭސްތައް ފެނުން ގިނަވެފައިވާކަމަށެވެ.

މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޯވިޑް-19ގެ ފިޔަވަޅުތަަކަށް 3 ވަނަ މަރުޙަލާގެ ދަށުން ލުއިތައް ދީފައިވާއިރު، އެކި ހޮސްޕިޓަލްތަކާއި އޮފީސްތަކުން ބަލީގެ ކޭސްތައް ފެންނަންފަށާފައިވާކަމަށް ޑރ. ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.

"ބީއެމްއެލްގެ 2 މުއައްޒަފެއް، މަޖިލިސް ޑްރައިވަރ، ޓްރީޓޮޕް 2 ނަރުހުން އަދި އައިޖީއެމްއެޗް ކްލަސްޓަރގެ އައު ކޭސްއެއް މިވަނީ ފެނިފައި. މިއަދުގެ 36 ކޭސްގެ ތެރެއިން 14 ކޭސްއަކީ އިންޑިޕެންޑެންޓް ކޭސް." ޑރ. ނަޒްލާ ރަފީޤް ވިދާޅުވިއެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވި 36 މީހުންނާއެކު މިހާރު ރާއްޖެއިން ބަލިޖެހުނު މީހުންގެ އަދަދު ވަނީ 2553 އަށް އަރާފައެވެ. އަލަށް ފެނުނު ކޭސްތަކުގެ ތެރެއިން 14 ކޭސްއަކީ ކުރިން ފެނުނު އެއްވެސް ކޭސްއަކާ ގުޅުމެއް ނެތް މިނިވަން ކޭސްތަކެއް ކަމަށް އެޗްއީއޯސީ އިން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން