ރޭ ބޭއްވި އެޑިޓަރުންގެ ނޫސް ކޮންފަރެންސް (ފޮޓޯ- ސަން މީޑިއާ)
ރޭ ބޭއްވި އެޑިޓަރުންގެ ނޫސް ކޮންފަރެންސް (ފޮޓޯ- ސަން މީޑިއާ)
މީޑިއާތަކަށް ފިޔަވަޅުއެޅޭނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދު އެކުލަވާލެއްވުމަށް ރައްޔިތުންގެ މަޖިލީހުން މީޑިއާ ކައުންސިލަށް އަންގާފައި ވަނީ ބިރު ދައްކަން ކަމަށް ނޫސްތަކުގެ އެޑިޓަރުން ސިފަކޮށްފިއެވެ.

ރާއްޖޭ ބައެއް ނޫސްތަކުގެ އެޑިޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަން އޮންލައިންގެ ސީއީއޯ އަދި އެޑިޓަރ ސިނާން އަލީ ވިދާޅުވީ ނޫސްތަކުން ލިޔާ ލިޔުންތައް ބެލޭނެ މަގު މީޑިއާ ކައުންސިލުން ފަހިކޮށްފައިވާނެ ކަމަށެވެ. އެހެންނަމަވެސް ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް އެ ކައުންސިލަށް މަޖިލީހަށް އެންގިދާނެ ކަމަށް ޤަބޫލު ނުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ ޖޫރިމަނާ ކުރުމުގެ ގަވާއިދެއް ހެދުމުގެ ކަމެއް ހެނެއް އަސްލު މިއުޅެނީ، އެ ނިޔަތާއި މެދު ސުވާލު އުފެދޭތީ އެޑިޓަރުންނަށް ބިރު މި ހީވަނީ. ރާއްޖޭގެ މީޑިޔާއަށް އަންނަ ކޮންމެ ހަމަލާ އަކަށް ތެދުވާނަން." ސިނާން ވިދާޅުވިއެވެ.

އޭނާ ވަނީ ސަފާރީގައި ރޭޕްކުރި މައްސަލަ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތަށް ވަކިން ޚާއްސަ ސަމާލުކަމެއް ދެނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އަދި އެ މައްސަލައިގައި މަސައްކަތް ކުރަނީ ކޮން ކަމެއް ފޮރުވަންތޯ ސުވާލު އުފެދޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މީޑިއާ ކައުންސިލްގެ އެބަ ހުރި އުސޫލުތަކެއް މައްސަލަ ބަލަން. ކޮމިޓީތަކެއް ވެސް އެބަހުރި. އެކަމަކު މަޖިލީހުން ވަކި މައްސަލައެއް ބަލަން، ވަކި ކަމެއް ކުރަން އަމުރުކުރުން ބަލައި ނުގަނެވެނީ."  ސިނާން ވިދާޅުވިއެވެ

ނޫސްވެރިންނަށް، ދައުލަތުގެ އިދާރާތަކާއި ވުޒާރާތަކުން މައުލޫމާތު ނުލިބޭކަން މި ބައްދަލުވުމުގައި އެޑިޓަރުން ވަނީފާހަގަކުރައްވާފައެވެ. މީގެ އިތުރުން މީޑިޔާތައް ރެގިއުލޭޓް ކުރަން އުފައްދާފައިވާ މުވައްސަސާތައް މަދުކޮށް އެއް މުވައްސަސާ އަކުން މީޑިޔާ ރެގިއުލޭޓް ކުރެވޭ ގޮތް ހެދުމަށް އެޑިޓަރުން ވަނީ ގޮވާލައްވާފައެވެ.

މީޑިއާތަކުގެ އެޑިޓަރުން ވިދާޅުވީ މަޖިލީހުން އެފަދަ ސިޓީ އެއް ފޮނުވުމުގެ ހަގީގީ މަގްސަދަކީ މީޑިއާތައް ޖޫރިމަނާކުރުން ނޫން ކަމަށެވެ. އެއީ މީޑިއާތައް ފަހަތަށް ޖައްސާލައި ބިރު ދައްކަން ހިންގާ އަމަލުތަކެއްގެ ގޮތުގައި އެޑިޓަރުން ވަނީ ސިފަ ކުރައްވާފައެވެ. އެކަން އެގޮތަށް ކުރާނަމަ އިހުތިޖާޖު ކުރާނެ ކަމަށާ، ނޫސްވެރިންނަށް ހުރި ދަތިތަކުގެ ވާހަކަ ދައްކާނީ ތަހުޒީބު އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް އެޑިޓަރުން ވިދާޅުވިއެވެ.

ސަން މީޑިއާ ގްރޫޕްގެ ޗީފް އެޑިޓަރ ހިރިގާ އަހުމަދު ޒާހިރު ވިދާޅުވީ މީޑިއާތައް ފަހަތަށް ޖައްސާނަމަ އަޑު އުފުލާނެ ކަމަށެވެ. އަދި މީޑިއާތަކަށް ނުފޫޒުފޯރުވާ ތަޅު އަޅުވަން މަސައްކަތް ކުރާނަމަ އިހުތިޖާޖު ކުރާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.

އިހުތިޖާޖު ކުރުމުގެ މާނައަކީ ސީދާ ހަރަކާތަށް ނުކުތުން ނޫން ކަމަށާ، ހައްގު ހޯދަން މަސައްކަތް ކުރާނީ ނޫސްވެރިކަމުގެ ގަލަން ބޭނުންކޮށްގެން ކަމަށާއި، ސީދާ ހަރަކާތަށް ނުކުތުމަކީ އެންމެ ފަހުގެ ކަމެއްގެ ގޮތުގައި ދެކޭ ކަމެއް ކަމަށް ހިރިގާ ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް ނޫސްތަކުގެ އެޑިޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަ ޕްރެސްގެ އެޑިޓަރ އަލީ ޝަމްއާން ވިދާޅުވީ، މީޑިޔާތަކުން ތިބެންޖެހޭނީ ސައިޒުގައި ކަމަށް ވަޒީރަކު ވިދާޅުވި ކަމަށެވެ. އަދި އެގޮތަށް އެންގެވީ ކޯނޑިނޭޓަރަކު މެދުވެރިކޮށް މެސެޖަކުން ކަމަށް ޝަމްއާނު ވިދާޅުވިއެވެ.

މީޑިއާތަކާއި ގުޅުން ހުރި ކަންކަން އެކި ތަންތަނުން ބަލަހައްޓާތީ އެތައް ދަތިތަކަކާއި ދިމާވާ ކަމަށް ޝަންއާނު ވިދާޅުވިއެވެ. އަދި ބައެއް އިދާރާތަކުން މީޑިއާތަކާއި އެކު ވަރަށް ގާތުން މަސައްކަތް ކުރި ނަމަވެސް ބައެއް އިދާރާތަކުން މައުލޫމާތު ހޯދަން އަދިވެސް ވަރަށް ދަތިކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


13

ދަވާލި19

11-Jul-2020

އެބައިމީހުން އެދުވަހު ބުނި މީޑިއާތައް މިނިވަން ވާނެވާހަކަވެސް އެހެނަސް ހީވާކަހަލަ ކުރިއައްވުރެންވެސް މީޑިއާތައް ތާށިވެފަވާލެއް ބޮޑުހެން



ޓްރެންޑިން