ނައިބް ރައީސް ފައިސަލް ނަސީމު
ނައިބް ރައީސް ފައިސަލް ނަސީމު
ޤައުމު ބިނާކޮށް ތަރައްޤީ ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ދީނީ ޢިލްމުވެރިންނަށް ވަރަށް އިސް ދައުރެއް އަދާ ކުރެއްވޭނެ ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގައި ދީނީ އެއްބައިވަންތަކަށް އާލާކުރުމަށް ދީނީ ޢިލްމުވެރިން ކުރެއްވި މިންނެތް މަސައްކަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ ޤައުމުގައި ހުރި އިޖްތިމާޢީ މައްސަލަތައް ހައްލުކޮށް، ދީނީ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމާއި، ޤައުމު ބިނާކޮށް ތަރައްޤީ ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ދީނީ ޢިލްމުވެރިންނަށް ވަރަށް އިސް ދައުރެއް އަދާ ކުރެއްވޭނެއެވެ. އަދި، މި ކަމުގައި ސަރުކާރާއެކު މަސައްކަތް ކުރައްވާ، ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ދީނީ ޢިލްމުވެރިންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ދީނީ ޢިލްމުވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި މިސްކިތްތައް ބަންދުކުރުމާއި، ޖަމާޢަތުގައި ނަމާދުކުރުން ހުއްޓައިލުން ފަދަ އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހުނުކަމަށް ވިދާޅުވިއެވެ. އަދި، އެ ދަތި ދަނޑިވަޅުގައި، ޤައުމުގެ ދީނީ އެއްބައިވަންތަކަށް ދަމަހައްޓާ، އާލާ ކުރުމަށް ދީނީ ޢިލްމުވެރިން ބުރަ، އަދި މުހިއްމު މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރައްވާ، އެ ކަމަށް ޝުކުރު އަދާކުރެއްވިއެވެ.

މިއަދު ޤައުމު މިއޮތް ހާލަތަށް ރުޖޫޢަވެވުނީ ހުރިހާ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި ގޮތުގައި، ފުރަބަންދުގެ ހާލަތަށް ލުއިތަކެއްދީ، މިސްކިތްތައް އަލުން ހުޅުވައިލާ، ޖަމާޢަތުގައި ނަމާދުކުރަން ފެށުމުގެ ތައުފީޤު މާތް ﷲ މިންވަރު ކުރެއްވުމަކީ އެމަނިކުފާނު އުފާފުޅު ކުރައްވާ ކަމެއް ކަމުގައި ނައިބް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ޢިލްމުވެރިން ދެއްކެވި ވާހަކަފުޅުގައި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކުގައި ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ތިއްބެވިކަން ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން