މާވަށު ދާއިރެގެ މެމްބަރު މުހައްމަދު ސައީދު، ފޮޓޯ: މަޖިލިސް
މާވަށު ދާއިރެގެ މެމްބަރު މުހައްމަދު ސައީދު، ފޮޓޯ: މަޖިލިސް
ކޯވިޑް-19އާ ގުޅިގެން އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާ އެކު ޑޮލަރުގެ ކަޅުބާޒާރެއް އުފެދި 18ރ އަށްވުރެ މަތީގައި ޑޮލަރުރޭޓް އުޅެނިކޮށް ޑިމާންޑާ އެއްވަރަށް ޑޮލަރު ލިބޭނެކަމަށް ގަވަރުނަރު ވިދާޅުވުމުން ރާއްޖޭގެ ޑޮލަރުގެ ރޭޓާއިމެދު ސުވާލު އުފެދޭކަމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޑޮލަރުގެ ރޭޓާއި ގުޅޭގޮތުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މީޑިޔާތަކުގައި ދައްކަވާފައިވާ ވާހަތަކާއި ގުޅިގެން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ގަވަރުނަރުގެ ވާހަތަކުން ރާއްޖޭގެ ޑޮލަރުގެ ރޭޓަކީ މިހާރު 17.80 ރ. ކަމަށް ރައްޔިތުންނަށް ސިފަވާކަމަށެވެ. ޑޮލަރުގެ ކަޅުބާޒާރެއް އުފެދި ޑޮލަރު ލިބުން ދަތިވެފައިވާ މިދަނޑިވަޅުގައި މިކަމަށް ސަރުކާރުން ހައްލުތަކެއް ނުގެނެސްފި ކަމުގައިވާނަމަ އޮގަސްޓްމަސް ނިމުމުގެ ކުރިން ރާއްޖޭގެ ޑޮލަރުގެ ރަސްމީ ރޭޓަށް ބަދަލު އައުމަކީ ގާތްކަމެއްކަމަށް ސަޢީދު ވިދާޅުވިއެވެ.

"ޑޮލަރުގެ ރަސްމީ ރޭޓަކީ 17.80 ކަމަށް ގަވަރުނަރު ނިންމެވީތޯ؟ އޮގަސްޓްމަހުގެ ނިޔަލަށް ޔޫސް ޑޮލަރުގެ އިންފްލޯ ރަނގަޅު ނުވެއްޖެނަމަ ރަސްމީ ރޭޓަށް ބަދަލުވުން ގާތް." ސައީދުގެ ވިދާޅުވިއެވެ.

ޑޮލަރާއި ގުޅޭގޮތުންނާއި ރާއްޖޭގެ އިޤްތިޞާދީ ހާލަތު ހުރިގޮތުން އެމްއެމްއޭއާއި، ސަރުކާރުން ދައްކާވާހަކަ ތައް ދިމާނުވެ މިކަމުގެ ހުރަހަކަށް ދިވެހި ވިޔަފާރިވެރިން ނުހެއްދެވުމަށް ސައީދު ވަނީ ގޮވާލައްވާފައެވެ.

މިކަމާ ގުޅިގެން، އެމްއެމްއޭގެ ގަވަރުނަރު މީޑިޔާތަކަށް ދެއްވި މައުލޫމާތުގައި ވިދާޅުވީ ކޯވިޑް-19 ފެތުރުމުގެ ސަބަބުން އެކިގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތް މުޅިންހެން ހުއްޓުމަކަށް އައުމުން، ޓޫރިޒަމްގެ ސިނާއަތުން ރާއްޖޭގެ ބޭންކިން ނިޒާމަށް ލިބެމުން އައި ޑޮލަރު ސަޕްލައި ވަނީ ހުއްޓިފައި ކަމަށެވެ.

"ކޯވިޑް 19 އާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް އައިސްފައިވާ ހީނަރުކަމުގެ ތެރެއިންވެސް އެމްއެމްއޭގެ ދައުރު ފުރިހަމައަށް އަދާކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވަން. ކޯވިޑްގެ ހާލަތު އައުމުގެ ކުރިންވެސް ރާއްޖޭގައި ޑޮލަރަށް އުފެދިފައި އޮންނަ ޑިމާންޑާ އެއްވަރަށް ޑޮލަރު ފޯރުކޮށްދިނުމަށް އެމް އެމް އޭއިން އެކި ސްޓްރެޓަޖީ ބޭނުން ކުރަމުން ގެންދޭ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުން ޑޮލަރު އެތެރެކުރުންވެސް ހިމެނޭ. މިފަދަ ސްޓްރެޓަޖީތައް ބޭނުންކޮށްގެން ޑޮލަރަށް އޮތް ޑިމާންޑާ އެއްވަރަށް ޑޮލަރު ފޯރުކޮށްދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން އަރުވަން." ގަވަރުނަރު ވިދާޅުވިއެވެ.

މިހާރުވެސް ކޮވިޑް ހަލަތާއި ގުޅިގެން އާއްމު ވިޔަފާރިތަކާއި، އެކި އެސް އޯ އީ ތަކަށް ޑޮލަރު ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ވުރެ އިތުރަށް ބޭންކުތަކަށް މި ދަނީ ޑޮލަރު ދޫކުރަމުންކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. މިގޮތުން، ކާނާގެ ބާވަތްތަކާއި ބޭސް ފަދަ ޒަރޫރި ތަކެތި އެތެރެކުރުމަށް ޚާއްސަކޮށްގެން ޑޮލަރު ދޫކުރަމުން ގެންދާ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

ދައުލަތުގެ ރަސްމީ ރިޒާވް ތަންދޭ މިންވަރަކުން، ޑޮލަރު ފެސިލިޓީސްތައް މެދުވެރިކޮށްގެން ކަމުގައި ވީނަމަވެސް ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސަމުން ގެންދާނެ ކަމުގެ ޔަގީންކަން ގަވަރނަރ ވަނީ ދެއްވާފައެވެ. އިގްތިސާދީ ގޮތުން ކުރިމަތިވާ މިފަދަ ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެވޭނީ އަމިއްލަ ފަރުދުންނާއި، ދައުލަތުގެ އެކި އިދާރާތަކާއި، ވިޔަފާރިތަކާއި އެކުގައި މަސައްކަތްކޮށްގެން ކަމުގައި ޤަވަރުނަރު ވަނީ ވިދާޅުވެފައެވެ.

ބޭނުންވާ ވަރަށް ޑޮލަރު ލިބޭނެ ކަމަށް ރާއްޖޭގެ ގަވަރުނަރު ވިދާޅުވި ނަމަވެސް ވިޔަފާރިވެރިތަކަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭތީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 18ރ. އަށް އުފުލިފަ އެވެ. އެކަށީގެންވާ ފިޔަވަޅުތައް ނާޅައިފި ނަމަ ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު އިތުރަށް އުފުލޭނެ ކަމަށް ބުނެ ވިޔަފާރިވެރިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


5

އަބޫމުޙައްމަދު

11-Jul-2020

މައްސަލައެއް ނޫންތާ. އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ޑޮލަރުގެ ރޭޓް މަތިވުމަކީ ލާޒިމުކަމެއް. އަދި ފުރަތަމ ދެ އަހަރާ ބައިގެ ތެރޭގައި އެކަން ވާންޖެހޭނެ. އެހެން ނޫނިއްޔާ އެމްޑީޕީ ވެރިކަން ކުރީ ކަމަކަށް ނުވާނެ. ކުރީން 12.50 އަށް ހުރި ޑޮލަރު ބޭންޑެއް ހަދައިގެން 15.42 އަށް ބޮޑުކޮށްލީ އެމްޑިޕީގެ ފުރަތަމަ ވެރިކަމުގައެވެ. މިފަހަރު 18 އަށް ބޮޑުވީމާ، ނިސްބަތުން ރަނގަޅެވެ. އޭރުން ކޮންމެ ފަހަރަކު އެ ބޮޑުވަނީ 3 ރުފިޔާ ނޫންތޯއެވެ؟ ރައްޔިތުން އެކަން ހެޔޮ ހިތުން ގަބޫލުކުރާނެއެވެ. ރައްޔިތުން ބޭނުމީ އެމްޑީޕީ ވެރިކަމުގައި އޮތުމެވެ. ތަރައްޤީއެއް ތަނަވަސްކަމެއް ބޭޏުމެއް ނުވާނެއެވެ. ވީމާ، އަޅުގަނޑުމެން ހަމަ ހިތްހެވެވެ. އުފަލާއެކު ތިޔަ ބަދަލު ބަލަިގަންނާނަމެވެ. އެމްޑީޕީ ވެރިކަމުގައި އޮތީމާ ނިމުނީއެވެ.



ޓްރެންޑިން