އަންނަ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރަނިންމޭޓަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން އެބަހުރިކަމަށް މިހާރުގެ ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ރާއްޖެ ޓީވީގައި ވާހަކަފުޅުދައްކަވަމުންނެވެ. ފައިސަލް ވިދާޅުވީ ރައީސްގެ ރަނިންމޭޓަކަށް ވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާނެކަމަށެވެ. އެހެންނަމަވެސް އެކަމަށްޓަކައި ރައީސަށްވެއް އަދި ސަރުކާރަށްވެސް އެއްވެސް ޝަރުޠެއް ނުވަތަ ޑިމާންޑެއް ނުކުރައްވާކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި މިކަމުގައި ގޮތެއް ނިންމަވާނީ ރައީސްކަމަށާ، އެމަނިކުފާނު ނިންމަވާ ގޮތަކަށް އިޙްތިރާމްކުރައްވާނެކަމަށް ފައިސަލް ވިދާޅުވިއެވެ.

ރައީސްގެ ރަނިންމޭޓަކަށް ވުމަށް ޝައުޤުވެރިވަނީ ނައިބުރައީސެއްގެ ޙައިސިއްޔަތުން މިދައުރުގައި ކުރައްވަން ފަށްޓަވާފައިވާ ކަންކަން ކުރިއަށްގެންދަވަން ބޭނުންފުޅުވާތީ އެޚިދުމަތް ކުރައްވަން ކަމަށާ، ކޮންމެ ކަމަކީ ވަކި ހިސާބަކުން ސްޓޮޕް ޖަހާލަންޖެހޭ ކަންކަމެއް ނޫންކަމަށް ފައިސަލް ވިދާޅުވިއެވެ. މަސައްކަތުގެ މެދުތެރެއިން ކަންކަން ހުއްޓާލާފައި ގެއަށް ވަދެ ހުރުމަށް ވުރެ ބޮޑަށް އެދޭ ކަމަކީ، އެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ލިބުންކަމަށްވެސް ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ފައިސަލް ނަސީމަކީ ރާއްޖޭގެ މަލްޓިޕާޓީ ނިޒާމު އުފެދުނުފަހުން މިހާތަނަށް ދައުރެއް ފުރިހަމަ ކުރެއްވުމާ މިހާ ގާތަށް ވަޑައިގަތް ފުރަތަމަ ނައިބު ރައީސެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން