އަންނަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ވާދަކުރާނެކަމަށް ޢިއުލާންކޮށްފައިވާ އިދިކޮޅު ކެންޑިޑޭޓުންނާއި އިދިކޮޅު ޕާޓީތަކަކީ ފެށުނީއްސުރެވެސް މިސަރުކާރު ހިންގިޔަ ނުދިނުމަށް މަސައްކަތްކުރި ބައެއްކަމަށާ، ޤައުމަށް ކުރިމަތިވި އެންމެ ނާޒުކު ޙާލަތްތަކުގައިވެސް އެފަރާތްތަކުން މަސައްކަތްކުރީ ސަރުކާރު ހުއްޓުމަކަށްގެނެސް ޤައުމަށް ގެއްލުންދޭންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (އައްޑޫ ޝަރީފު) ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ ޙީލަތްތެރިކަމާއެކު އިދިކޮޅު ފަރާތްތަކުން ވަނީ މިސަރުކާރު ބަލިކަށިކޮށްލައި ރައްޔިތުންނަށް ނިކަމެތިކަން ދޭން އެތައްފަހަރަކު އެތައް މަސައްކަތެއް ކޮށްފައިކަމަށެވެ. އެހެންނަމަވެސް ރައީސް ޞާލިޙުގެ ޙިކުމަތްތެރިކަމުން އެކަންކަމާ ކުރިމަތިލައްވައި ވިސްނުންތެރިކަމާއެކު ކުރެއްވި މަސައްކަތުން ޤައުމާއިގެން އަމާން ބަނދަރަކަށް ވަޑައިގެންނެވިކަމަށް ޝަރީފު ވިދާޅިވިއެވެ.

މިއަދު ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސް ޞާލިޙާ ވާދަކުރައްވާ ކެންޑިޑޭޓުންނަކީ ކޮވިޑް-19ގެ ޙާލަތުގައިވެސް ޤައުމު ބަނގުރޫޓުގެ މަގަށް ގެންދިއުމަށް އެދުނު މީހުންކަމަށާ، އަދި އެކަން ޢިއުލާންކުރުމަށްވެސް އެމީހުން ސަރުކާރުގައި އެތައްފަހަރަކު އެދުނުކަމަށް ޝަރީފު ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސް ޞާލިޙުވަނީ ދައުލަތުގެ ފިސްކަލް އަދި މާލީ ސިޔާސަތުތައް ހަރުދަނާކުރައްވައި އިޤްތިޞާދީ ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާފައިކަން ޝަރީފު ފާހަގަކުރެއްވިއެވެ.

އެގޮތުން އިޤްތިޞާދީގޮތުން ކުރިމަތިވި ދަތިތައް ފިލުއްވައިދެއްވަން، ސްޓިމިއުލަސް ޕެކޭޖުތައް ތަޢާރަފްކުރައްވައި، ދައުލަތުގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުވާނެގޮތަށް ކަންކަން އިންތިޒާމުކުރެއްވިކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭރުވެސް އިދިކޮޅު ޕާޓީތަކާއި ދެކޮޅުވެރި ފަރާތްތަކުން ބުނަމުންދިޔައީ މިގައުމު ބަނގުރޫޓުވާނެވާހަކަ ކަމަށާ، އަދި ޤައުމު ބަނގުރޫޓުވާން ދޫކޮށްލުމަށް ބާރުލިބޭފަދަ ފިޔަވަޅުތައް އަޅަން އެމީހުން ދިޔައީ ގޮވަމުންކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

އެހެންނަމަވެސް ރައީސް ޞާލިޙުވަނީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުއްވައި ހަރުދަނާ ފިޔަވަޅުތަކާއެކު އަލުން ޤައުމުގެ އިގުތިޞާދު ނަގައި ކޮޅަށްޖަހާފައިކަމަށާ، މިއާއެކު ރެކޯޑް މިންވަރަކަށް އިންވެސްޓްމަންޓްތައް ހިނގައި ތަރައްޤީގެ އެއްވެސް މަޝްރޫއެއް ނުހުއްޓި ބާރަށް ކުރިއަށްދިޔަކަން މަވޯޓާ ފާހަގަކުރެއްވިއެވެ.

ނަތީޖާއެއްގެގޮތުން ބައިނަލްއަޤުވާމީ ދުނިޔެއިންވެސް ރާއްޖެ ބެލީ ނަމޫނާއަކަށްކަމަށާ، ރައީސް ޞާލިޙުގެ ފިޔަވަޅުތަކަށް ކުރީ ތަޢުރީފްކަމަށް މަވޯޓާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން