އައްޑޫން ގޯތިދިނުން ލަސްވަނީ އެންމެ އިންސާފުވެރިކޮށް އެކަން ކުރަން ބޭނުންވާތީ ކަމަށް އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރޭ އައްޑޫސިޓީ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައި މޭޔަރު ނިޒާރު ވިދާޅުވީ އައްޑޫން ގޯތިލިބޭ މީހުންގެ ލިސްޓު އާންމުކުރުން ލަސްވެފައި ވަނީ ގިނަޢަދަދެއްގެ ރައްޔިތުން އެކަމަށް އެދި ހުށައަޅާފައިވުމުން ކަމަށެވެ.

ނިޒާރު ވިދާޅުވީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ ވީހާވެސް އިންސާފުވެރިކޮށް ގޯތިލިބޭ މީހުންގެ ލިސްޓު އެކުލަވާލުމަށް ކަމަށެވެ. އެގޮތުން ކައުންސިލްގެ އަމާޒަކީ ގޯތި ލިބޭ މީހުންގެ ލިސްޓު އަންނަ މަހު އާންމުކުރުން ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.

އައްޑޫން ގޯއްޗަށް އެދި 4000 ފޯމް ހުށައަޅާފައިވާ ކަމަށާއި އެހެންނަމަވެސް ދޫކުރެވެން އޮތީ 1000 ގޯތި ކަމުން އެކަމުގައި ގިނަ ރައްޔިތުންތަކެއްގެ ޙައްޤު އެކުލެވޭކަން މޭޔަރު ފާހަގަ ކުރެއްވިއެވެ.

ގޯތި ދޫކުރުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރަށް އަލިއަޅުއްވާ ލައްވަމުން ނިޒާރު ވިދާޅުވީ ހުޅުދޫ އާއި މީދޫ އަދި ފޭދޫގެ ފޯމްތަކުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. ހިތަދޫން 2،000 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށާއި އެފޯމުތަކުގެ 50 އިންސައްތަ ވަނީ ނިމިފައި ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.

އައްޑޫގެ 4 ރަށަކުން ހާހެއްހާ ގޯތި ދޫކުރުމަށް އިއުލާނުކޮށްފައިވަނީީ މިދިޔަ ޖެނުއަރީ މަހުއެވެ. މިފަހަރު ގޯތި ދޫކުރަނީ އައްޑޫ ސިޓީ ހުޅުދޫ މީދޫ އަދި ފޭދޫއާއި ހިތަދޫއިންނެވެ.

އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލާފައިވަނީ އައްޑޫ މީދޫއިން 100 ގޯތި، ހުޅުދޫއިން 100 ގޯތި އަދި ފޭދޫއިން 300 ބަންޑާރަ ގޯއްޗާއި ހިތަދޫއިން 500 ގޯއްޗަށެވެ.

އައްޑޫން ގޯތި ދޫކުރަން މި އަހަރު އިއުލާންކުރީ ދިރިއުޅެން ބަންޑާރަ ގޯތި ދޫނުކުރާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ. އައްޑޫގައި ގޯތި ދޫކުރުމަށް ތައްޔާރުވަމުންދާއިރު އައްޑޫ ބިން ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން