ދީނީ ވާޖިބުތަކަށް ފަރުވާތެރިވުމަށާއި، ޤައުމުގެ އަގުހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

ރައީސް ޞާލިޙް މިކަމަށް ގޮވާލައްވާފައިވަނީ މިއަދު ކުރިއަށްދިޔަ 25 ވަނަ ވޯލްޑް ސްކައުޓް ޖަމްބޮރީގައި ބައިވެރިވާ ދިވެހި ވަފުދާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ކުރިއަށްދިޔަ މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޗީފް ގައިޑް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ޞާލިޙް މިއަދު ވިދާޅުވީ ޤައުމާއި ދުރުގައި ޢާއިލާއާއި ވަކިން އުޅެންޖެހުނަސް، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެތިބެ، ދީނީ ވާޖިބުތަކަށް ފަރުވާތެރިވާން ވާނެ ކަމަށެވެ. އަދި ކޮންމެ ޙާލަތެއްގައިވެސް، ދިވެހި ޤައުމުގެ އަގު ހިފަހައްޓައި، އަދަބު އަޚްލާޤުގެ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބުމަށް ބާރު އަޅުއްވައި ރައީސް ޞާލިޙްވަނީ ވާހަކަފުޅު ދައްކަވާފައެވެ.

“އެންމެ މުހިންމު ކަމަކީ، ތިމާމެންނަކީ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބި ބައެއްކަން ހަނދާނުގައި ބަހައްޓައި، ދީނީ ވާޖިބުތަކަށް ފަރުވާތެރިވުން. ކޮންމެ ޙާލަތެއްގައިވެސް، ދިވެހި ޤައުމުގެ އަގު ހިފަހައްޓައި، އަދަބު އަޚްލާޤުގެ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބުން. ޖަމްބޮރީގެ ބައިވެރިންނަށް އެކަންކަމަށް މަގު ދެއްކެވުމަށް ލީޑަރުންނަށް އަޅުގަނޑު އިލްތިމާސް ކުރަން.” ރައީސް ޞާލިޙް މިއަދު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކައުޓް ޖަމްބޮރީގައި އުޅޭއިރު، އެޤައުމުގެ އާދަކާދަތަކާއި ހަމަތަކަށް އިޙްތިރާމްކުރެއްވުމަށް ސްކައުޓުންނާއި ގައިޑުންގެ ފަރާތުން އެދިވަޑައިގެންފައެވެ. އަދި ޖަމްބޮރީގެ ޤަވާޢިދުތަކަށް ފުރިހަމައަށް ކަމޭހިތައި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ވެސް ޖަމްބޮރީގެ ބައިވެރިންގެ ފަރާތުން އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

މިއަދުގެ ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަމްބޮރީގައި ބައިވެރިވުމުން ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ޖަމްބޮރީގެ ބައިވެރިންނަށް ގިނަ ފުރުޞަތުތަކެއް ތަޖުރިބާ ކުރަން ފުރުޞަތު ލިބިގެންދާނެކަން ފާހަގަކުރައްވައި، އެ ފުރުޞަތުތަކުގެ ބޭނުން ހިފައި، ގޮންޖެހުންތަކާ ކުރިމަތިލާން ދަސްކުރާނެކަމުގެ ފުރިހަމަ އިތުބާރު އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ދިވެހި ސްކައުޓުންނަކީ މިހާރު ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ވަރަށް ހުނަރުވެރި ބައެއް ކަމުގައި ވިދާޅުވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެކުނު ކޮރެއާގައި ބާއްވާ މިއަހަރުގެ ޖަމްބޮރީގެ ޕްލޭނިންގ ޓީމުގައި ދިވެއްސަކު ހިމެނުމަކީ އެކަމުގެ ހެއްކެއް ކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ޖަމްބޮރީގެ ޕްލޭނިންގ ޓީމުގައި ހިމެނޭ ދިވެހި ސްކައުޓް ލީޑަރ ޢަލީ ޝަފާޢަތު މަނިކަށް ތަހުނިޔާ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނުވަނީ، ދިވެހިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ސާބިތުކޮށްދީ، ހިތްވަރުގަދަ ކެތްތެރި ދިވެހި ދަރިއަކަށްވުމަށް މަސައްކަތް ކުރުމަށް، ޖަމްބޮރީގެ ހުރިހާ ބައިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ދިވެހި ކޮންޓިންޖެންޓް ލީޑަރ ސްކައުޓް އެސޯސިއޭޝަންގެ އިންޓަނޭޝަނަލް ކޮމިޝަނަރ މުޙައްމަދު ފައުޒޫނަށް ދިވެހި ދިދަ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. ދުނިޔޭގެ 25 ވަނަ ސްކައުޓް ޖަމްބޮރީގައި ދިވެހިރާއްޖެ ތަމްސީލުކުރަނީ 425 ކޮންޓިންޖެންޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން