ސްކައުޓުންނާއި ގާލްގައިޑުން ކޭމްޕް ދާނެ ރަށެއް މިދައުރު ނިމުމުގެ ކުރިން ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ މަހު ދެކުނު ކޮރެއާގައި ބާއްވާ 25 ވަނަ ސްކައުޓް ޖަމްބޮރީގައި ރާއްޖެ ތަމްސީލްކުރާ ސްކައުޓުންނާއި ގާލް ގައިޑުންނާއި ބައްދަލުކުރައްވާ ރައީސް ޞާލިޙް މިއަދު ވިދާޅުވީ ސްކައުޓް އެސޯސިއޭޝަނާއި ގާލް ގައިޑް އެސޯސިއޭޝަނުން، މި ދައުރުގެ ކުރީކޮޅުގައި ވަރަށް ގިނަ ކަންކަން ހައްލުކޮށްދޭން އެދުނުކަމަށެވެ.

އެގޮތުން ސްކައުޓުންނާއި ގާލްގައިޑުން ކޭމްޕް ދާނެ ރަށެއް މިދައުރު ނިމުމުގެ ކުރިން ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

“އަޅުގަނޑު ތި ބޭފުޅުންނަށް ޔަގީންކޮށް އަރުވަން، އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ މި ދައުރު ތެރޭގައި ތިބޭފުޅުންނަށް ކޭމްޕު ދާނެ ރަށެއް، ހާއްސަކޮށް، އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ރަށެއް އަޅުގަނޑުމެން ހަވާލުކޮށްދޭނެ ވާހަކަ،” ރައީސް ޞާލިޙް މިއަދު ވިދާޅުވި އެވެ.

ރައީސް ޞާލިޙް މިއަދު ވަނީ ދިވެހިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ސާބިތުކޮށްދީ، ހިތްވަރުގަދަ ކެތްތެރި ދިވެހި ދަރިއަކަށްވުމަށް މަސައްކަތް ކުރުމަށް، ޖަމްބޮރީގެ ހުރިހާ ބައިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ދިވެހި ކޮންޓިންޖެންޓް ލީޑަރ ސްކައުޓް އެސޯސިއޭޝަންގެ އިންޓަނޭޝަނަލް ކޮމިޝަނަރ މުޙައްމަދު ފައުޒޫނަށް ދިވެހި ދިދަ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. ދުނިޔޭގެ 25 ވަނަ ސްކައުޓް ޖަމްބޮރީގައި ދިވެހިރާއްޖެ ތަމްސީލުކުރަނީ 425 ކޮންޓިންޖެންޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން