ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވައިފިއެވެ.

މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 4 ބޭފުޅަކަށާއި، ކުންފުންޏަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 17 ބޭފުޅަކަށާއި، ޖަމުޢިއްޔާއަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ދެއްވައިފައެވެ. މި އިނާމުތައް ދެއްވީ، މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައެކެވެ.

މިއަދު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި 4 ބޭފުޅުންނަކީ އައްޝައިޚް އަޙްމަދު ފަހުމީދީދީ އާއި ރަޝީދާ އިބްރާހީމާއި ކެޕްޓަން އަޙްމަދު ޒުބައިރާއި މައިޒާން ޢަލީމަނިކަށެވެ. ހަމައެއާއެކު ފަތުރުވެރިކަމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު ވޮޔޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ވަނީ އަރުވާފައެވެ.

މިއަދުގެ ޖަލްސާގައި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 17 ބޭފުޅުންނާއި، ޖަމުޢިއްޔާއަކަށްވެސް އަރުވާފައިވެއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެފައެވެ.

ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޤައުމުގެ ތަރައްޤީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ.

ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން