ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު
ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއި ދެކޮޅަށް ދައުލަތުން ކުރާ ހަތް ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލްކޯޓުން މާދަމާއަށް ތާވަލުކޮށްފިއެވެ.

މި މައްސަލަތަކުގެ ޝަރީއަތް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުމަށްވެސް ކްރިމިނަލްކޯޓުން ތާވަލުކޮށްފައިވެއެވެ. އެހެންނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ މުވައްޒަފަކު ކޯވިޑަށް ޕޮޒިޓިވުމުން އެ އޮފީސް ޑިސްއިންފެކްޓްކުރަން ޖެހިގެން އެދުވަހުގެ ޝަރީއަތުގެ މަޖިލިސްވަނީ ކެންސަލްކޮށްފައެވެ.

މާދަމާގެ ޝަރީއަތުގެ މަޖިލިސް ބޭއްވުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:30 ގައެވެ. މި އަޑުއެހުންވެސް އޮންނާނީ އޮންލައިކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށް ކްރިމިނަލް ކޯޓުން ބުނެ އެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ދަޢުވާ ތަކުގެ ތެރޭގައި ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުމުގެ ދައުވާއެއް ހިމެނެއެވެ. މީގެއިތުރުން މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާވެސް ދައުލަތުން ވަނީ އަދީބުގެ މައްޗަށް އުފުލާފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލަގައި އަދީބުގެ މައްޗަށް އެކި ކުށްތައް ސާބިތުވެ ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް ކުރިއެވެ. އެހެންނަމަވެސް މަތީ ކޯޓްތަކުން އެހުކުމްތައް ވަނީ ބާތިލުކޮށްފައެވެ. އަދީބު މިވަގުތު ހުރީ ގޭބަންދުގައެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން