ދައުލަތަށް ޚިދުމަތް ކުރުމަކީ ޒުވާނުންގެ އުފަލަކަށް ހަދަން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިގުމުއްދަތެއް ވަންދެން ދައުލަތަށް ޚިދުމަތްކުރެއްވި ބޭފުޅުންނަށް ސަރުކާރުން ދެއްވާ ޚާއްސަ އިނާމު ދެއްވުމަށް މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދައުލަަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރަައްވައި ވަކި ޚާއްސަ އިނާމެއް ދެއްވަން ފެއްޓެވީ މިސަރުކާރުންނެވެ. އެއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމަށް ދެއްވަން ފެއްޓެވި އިނާމެކެވެ. މިއަދު އެމަނިކުފާނު ވިދާޅުވީ މިއީ ނުހަނު މުހިންމުކަމެއް ކަމަށެވެ. ދިގުމުއްދަތެއްވަންދެން ދައުލަތަށް ޚިދުމަތްކުރެއްވި ބޭފުޅުން ކުރައްވާފައިވަނީ ބުރަދަން ހުރި، އިހުލާސްތެރި މަސައްކަތެއްކަމަށާ، މިއަދު ރާއްޖެ މިދެކޭ ތަރައްޤީ ޙާސިލްކުރެވުނީ އެފަދަ އެތައް ބޭފުޅުންނެެއްހެ އަގުހުރު މިންނެތް މަސައްކަތުންކަމަށް ރައީސް ވިދާޅުވިއެވެ.

ދައުލަތަށް ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންނަށް ދެއްވާ އިނާމުގެ މިއަހަރުގެ ބައި ނުހިމަނައި ހަމަ އެކަނި މިދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް 309 ބޭފުޅަކަށް މި އިނާމު ސަރުކާރުން ދެއްވާފައިވާނެކަން މިއަދު ރައީސް ފާހަގަ ކުރެއްވިއެވެ.

ދައުލަތަށް ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުން އުފުއްލެވި ބުރައާއި ކުރެއްވި މަސައްކަތުން މިއަދުގެ ޒުވާނުން ޢިބުރަތާއި ފިލާވަޅު ޙާސިލްކުރުމަށް އިލްތިމާސްކުރައްވަމުން ރައީސް ވިދާޅުވީ އެބޭފުޅުން ޚިދުމަތުގައި އިޚްލާސްތެރިކަމާއެކު ހޭދަކުރެއްވި މުއްދަތުގައި އުފުއްލެވި ބުރައާއި މަސައްކަތް މިއަދުގެ ޒުވާނުންނަށް ތަސައްވުރު ނުކުރެވިދާނެކަމަށެވެ. އެޒަމާނަކީ މިއަދުގެ މިޒަމާންހާ ފަސޭހަ ކުރިއަރާފައިވާ ޒަމާނެއް ނޫންކަމަށާ، އެއީ ޢިބުރަތް ޙާސިލްކުރަންޖެހޭ މަސައްކަތްތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.

އެފަދަ ދަތި ޒަމާނެއްގައި މަސައްކަތަށް ފަރުވާތެރިވުމާއި އިޚްލާސްތެރިކަމުގައި ޚިދުމަތްތެރިން ދެއްކެވި މިސާލަށް ރައީސް ވަނީ ޝުކުރުއަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން